ހަބަރު

ޑިފެންސް މިނިސްޓަރު މާރިޔާ ސިފައިންގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި

Nov 18, 2018
8

އިއްޔެ ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މާރިޔާ އަހުމަދު ދީދީ، ސިފައިންގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް އާއި ލީޑަޝިޕްގެ އެހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ ކުރެއްވި ފުރަތަމަ މަސައްކަތެވެ.

މާރިޔާ އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަރަށް އަރިސް ބޭފުޅެކެވެ. އެކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވުމުގައި ގިނަ ދުވަސް ހޭދަކުރެއްވުމުގެ އިތުރުން، ރައީސް ސޯލިހްގެ ކެމްޕޭން ކަންތައްތަކުގައި ވެސް އިސްކޮށް އުޅުއްވި އެވެ. އަދި ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ހިސާބުން އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް މާރިޔާ ހިދުމަތްކުރެއްވި އެވެ.

މާރިޔާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލް ކަމުގެ ޝަރަފު އޮންނެވި ބޭފުޅެއްވެސްމެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް ގާނޫނީ ދާއިރާއިން ސަރުކާރަށް ހިދުމަތްކުރެއްވި އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ކަމުގެ ޝަރަފާއެކު މާރިޔާ، ރައީސް ސޯލިހްގެ ކެބިނެޓާއި ގުޅިވަޑައިގަންނަވާއިރު، އެކަމަނާއާއެކު އިތުރު 18 ވަޒީރުން ކެބިނެޓްގައި މަސައްކަތްކުރައްވާނެ އެވެ.