ހަބަރު

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Nov 19, 2018

ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ރައްޔިތުން މަޖިލީހުން މކުރި އިއުލާންގައި ބުނެފައިވަނީ، ސީއެސްސީގެ މެންބަރެއްގެ މަގާމެއް ހުސްވާތީވެ، މެންބަރަކު އައްޔަން ކުރުމަށްޓަކައި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުުން ފެށިގެން އަންން ބުރާސްފަތި ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމަގާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކަކީ އިސްލާމް ދީނުގައިި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސާބިތުވެފައި ނުވުމެވެ. އަދި އިންތިހާބު ކުރެވިފައިވާ މަގާމެއް ފުރަމުން ނުދިއުމާއި އެހެން ވަޒީފާއެއް އަދާ ކުރަމުން ނުދިއުމަކީވެސް އެ މަގާމުގެ ޝަރުތެކެވެ.

މީގެ އިތުރުން އުމުރުން 30 އަހަރުވެފައިވުމާއި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމް ހާސިލްކުރުމާއެކު ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖްރިބާ ހުރުމަކީ ވެސް އެމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތެކެވެ.

ފަސް އަހަރުގެ މުއްދަތަކަށް އައްޔަން ކުރާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުން ހުޅުވައިލީ، ސީއެސްސީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވީ ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މެންބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.

މި މަގާމަށް ކުރިމަަތިލާން އެދޭ ފަރާތްތަކަށް ފޯމް މަޖިލީހުގެ އިދާރާއިންނާއި މަޖިލީހުގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ އެވެ.