ހަބަރު

ގެއްލިފައިވާ ފައިސާ ހޯދަން ރައީސް ކޮމިޝަނެއް އުފައްދައިފި

ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސް ސޯލިހހް، މި ކޮމިޝަން އެކުލަވައި ލައްވާފައިވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ.

އެ ކޮމިޝަން އުފެއްދުމުގެ މަގުސަދެއްގެ ރައީސްގެ ގަރާރުގައި ވަނީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ހިޔާނަތްތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކޮށްފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށް ރައީސް ސޯލިހްގެ ގަރާރުގައި ވެއެވެ.

އެކޮމިޝަނުގެ މެންބަރުންނަކީ އަހުމަދު އަސްއަދާއި އާސް އަބްދުﷲ އާއި ނަދީމް އިބްރާހީމާއި އައިޝަތު ހަނާ ވަހީދު އަދި ފާތިމަތު ސަރީރާ އަލީ ޝަރީފު އެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރައީސް ކަމަށް ރައީސް ސޯލިހް ކަނޑައަޅުއްވާފައިވަނީ އަހްމަދު އަސްއަދެވެ. އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކޮމިޝަނެއް އެކުލަވާލައި އެފައިސާތައް ހޯއްދެވުމަކީ ކަމަށް ރައީސް ސޯލިހްގެ ވައުދެކެވެ.