ހަބަރު

ސިޔާސީ ހައްޔަރީން މިނިވަންކުރަން ކޮމެޓީއެއް އުފައްދަވައިފި

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވައިލައްވައިފި އެވެ.

އެ ކޮމިޓީ އެކުލަވާލެއްވީ، ސިޔާސީ މަގުސަދެއްގައި ޖިނާއީ ތުހުމަތެއްކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ރައީސް ސޯލިހު ކުރިއަށް ގެންދެވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ހައްޔަރީން މިނިވަން ކުރައްވަން މަސައްކަތްޕުޅު ފައްޓަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. ކޮމިޓީ ރައީސް އެކުލަވާލެއްވީ އެ ވައުދުފުޅާ އެއްގޮތުގެ މަތިންނެވެ.

ކޮމިޓީގައި ހިމެނޭ ބޭފުޅުން

  • މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ
  • ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު
  • ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ
  • ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު

ސިޔާސީ ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ޖަލުގައި ތިއްބެވީ ރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން އެވެ. އެ ހަތަރު ބޭފުޅުން މިއަދު ހަވީރު ވަނީ ގެއަށް ބަދަލު ކޮށްފަ އެވެ.

އެހެން ބައެއް ސިޔާސީ ބޭފުޅުންގެ ހުކުމްތައް ތަންފީޒުކުރުން ސުޕްރީމް ކޯޓުން މިހާރު ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހުކުމް ވެސް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.