ދުނިޔެ

ލަންކާ ލީޑަރުންގެ މަޝްވަރާގެ މޭޒަށް، މައްސަލަ ހައްލެއް ނުކުރެވުނު

Nov 19, 2018

ކޮލޮމްބޯ (ނޮވެމްބަރު 18) - ސްރީލަންކާގައި މިވަގުތު އުފެދިގެން އުޅޭ މައްސަލަތައް ހައްލުކުރަން، ރައީސް މައިތިރިޕާލަ ސިރިސޭނާ، ބޮޑު ވަޒީރު ކަމުން ވަކިކުރެއްވި ރަނިލް ވިކްރަމަސިންހަ އާއި އެމަގާމަށް ފަހުން އައްޔަނުކުރެއްވި މަހިންދަ ރާޖަޕަކްސާ އާއެކު ބޭއްވުނު މަޝްވަރާތަކުގައި މާބޮޑު ކުރިއެރުމެއް ނުލިބުނުކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް ރާޖަޕަކްސަ އެ މަގާމަށް އައްޔަނުކުރައްވައި، ރައީސް ސިރިސޭނަ އެންމެ ފުރަތަމަ ވެސް ޕާލިމަންޓް ސަސްޕެންޑް ކުރެއްވި އެވެ.

ނަމަވެސް، ޕާލިމަންޓުގެ މެޖޯރިޓީ ރާޖަޕަކްސާއަށް ކަށަވަރު ނުވުމުން، މަޖީލިސް އުވާލައްވައި، އަލުން އިންތިހާބެއް ބޭވުމަށްވެސް ރައީސް ނިންމެވި އެވެ. އެ ނިންމެވުން އެ ގައުމުގެ އެންމެ މަތީ ކޯޓުން ބާތިލު ކުރުމާއެކު، މިދިޔަ ހަފްތާގެ ތެރޭގައި، ސްރީލަންކާގައި ބޮޑު ވަޒީރު ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ތެރޭގައި އެ މައްސަލަ ހޫނުވެ، ހަމަނުޖެހުން ހިންގާ، މެމްބަރުންގެ މެދުގައި މާރާމާރީ އާއި ތަޅާފޮޅުން އިތުރުވެ، ސިރިސޭނާ ވަނީ މަޝްވަރާ ބައްދަލުވުމަކަށް ގޮވާލައްވާފަ އެވެ.

ނަމަވެސް، ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމަށްފަހު، އިތުބާރުނެތްކަމަށް ފާސްކުރި މައްސަލާގައި ދޫދޭން ބޭނުންނުވިކަމަށް ދެ ޕާޓީން ވެސް ވަނީ ބުނެފަ އެވެ.

މަޖިލީހުގައި ނެގި ވޯޓު ބަލައިނުގަންނަވާކަމަށް، ސިރިސޭނާގެ އިތުރުން ރާޖަޕަކްސާގެ ޕާޓީން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ވޯޓަށް ހުރަސްއެޅުމަށް މަޖިޅިހުގެ ތަޅުމުގައި ރާޖަޕަކްސާއަށް ސަޕޯޓުކުރާ މެމްބަރުން ހަމަނުޖެހުން ހިންގަމުންދާކަމަށް ރަނިލްގެ ސަޕޯޓަރުން ދަނީ ތުހުމަތު ކުރަަމުންނެވެ.

އެ ބައްދަލުވުމަށްފަހު، ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ މެމްބަރަކު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ރަނިލްއަށް އޮތްކަން ސާބިތުކޮށްދޭން ފުރުސަތަކަށް އެދި ހުށަހެޅުމުން، ސިރިސޭނާގެ އެއްވެސް ޝައުގުވެރިކަމެއް އެކަމަށް ނެތް ކަމަށެވެ.

ސިރިސޭނާގެ ފަރާތުން އެ ބައްދަލުވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލީހުގައި ނެގި ވޯޓު ގާނޫނީ ގޮތުން ސައްހަ ނަމަވެސް، އެފަދަ މުހިންމު ނިންމުމެއް ނިންމަންޖެހޭނީ އިލެކްޓްރޯނިކް ވޯޓަކުން ކަމަށެވެ.

ނަމަވެސް، މަޖީލިހުގެ ކުރިއަށްހުރި ޖަލްސާތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް ހުރިހާ ޕާޓީތަކުން މިހާރު އެއްބަސްވެފައިވާ ކަމުގައި އެ ބަޔާނުގައި އިތުރަށް ވަނީ ބުނެފަ އެވެ.