ކުޅިވަރު

ފުޓްބޯޅަ ލެޖެންޑުން އަލުން ގަލޮޅު ދަނޑަށް!

ދިވެހި ފުޓްބޯޅައިގެ ލެޖެންޑުން ކުޅުއްވާ ހާއްސަ މެޗު މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި އޮންނާނެ އެވެ. މި މެޗުގައި ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުއްވި ކުޅުންތެރިން ކުޅޭނެ އެވެ. ރާއްޖޭގެ ގައުމީ ޓީމު އެކުލަވާލައި ފުރަތަމަ މެޗެއް ކުޅުނީ މީގެ 39 އަހަރު ކުރިންނެވެ.

ގައުމީ ޓީމު އެންމެ ފުރަތަމަ ވާދަ ކުރި މުބާރާތަކީ، 1979 ވަނަ އަހަރު ރީޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. އެ ފަހަރުގެ މުބާރާތަށް ވަޑައިގެން ޓީމުގައި ކުޅުއްވި ބައެއް ކުޅުންތެރިން މިއަދު ކުޅުއްވާނެ އެވެ.

އެގޮތުން އިބްރާހިމް އިސްމާއީލް އާއި އޭރުގެ ގޯލްކީޕަރު ސައްޔިދު އަލީ ކުޅުއްވާނެ އެވެ. ލެޖެންޑުގެ ޓީމުގައި ރާއްޖޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ މޫސާ މަނިކު 'ކުޑަ މޫސަ' ވެސް ކުޅުއްވާނެ އެވެ. އަދި އައްޑޫގެ މަޝްހޫރު ޑީއެންސީ ކުލަބަށް ކުޅުއްވިބައެއް ކުޅުންތެރިންވެސް ލެޖެންޑުގެ ޓީމުގައި ހިމެނެ އެވެ. ގައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ، ތޮއްޑޫ މުހައްމަދު ނިޒާމާއި އައްސަދު އަބްދުލް ގަނީވެސް ކުޅުއްވާނީ ލެޖެންޑުންގެ ޓީމުގަ އެވެ.

ލެޖެންޑުގެ މެޗުގެ އިތުރުން ވެޓަރަންސް މެޗެއް ވެސް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ވެޓަރަންސް މެޗުގައި ރޯދަ މަހު ބާއްވާ ވެޓަރަންސް ކަޕުގައި ކުޅޭ ކުޅުންތެރިންވެސް ކުޅޭނެ އެވެ.

ފުޓްބޯޅަ އިވެންޓްގައި، 19 އަހަރުން ދަށުގެ އަންހެން ފިރިހެން ޓީމުގެ މެޗަކާއި، ލެޖެންޑުންނާއި ވެޓަރަންސް މެޗުގެ
އިތުރުން ސިޔާސީ މީހުންގެ މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭގެ އިވެންޓް ފަށަނީ 8:00 ގަ އެވެ.