ހަބަރު

އިމްރާންގެ ހުކުމުން ނުހައްގުން ދައުވާކުރަން ފުރުސަތު ލިބުނު: ވަކީލް

އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބުދުﷲ ގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަކީ އެތަކެއް ސިޔާސީ ބައެއްގެ މައްޗަށް ނުހައްގުން ދައުވާ އުފުލުމަށް ހުޅުވުގެން ދިޔަ ދޮރެއް ކަމަށް ޝައިހު އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫ ބަކުރު ވިދާޅުވެއްޖެ އެވެ.

މޭޑޭގައި މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް، 2015 ވަނަ އަހަރު ޝައިޙް އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްއަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލައި 12 އަހަރަށް ޖަލަށްލުމަށް ހުުކުމް ކޮށްފަ އެވެ. އެމައްސަލައިގެ އިލްތިމާސް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ނޫރު ވިދާޅުވީ، އެ ގަޒިއްޔާއަކީ ނުހައްގުން އެތަކެއް ސިޔާސީ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށެވެ.

ނޫރު ވިދާޅުވީ، އެ ގަޒިއްޔާގެ ފަހުން ޓެރަރިޒަމްގެ ގިނަ ދައުވާތަކެއް ދައުލަތުން އެކި ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ. ޝައިޙް އިމްރާން ޓެރަރިޒަމްއަށް ހިތްވަރު ލިބޭގޮތަށް ދައްކާފައިވާ ވާހަކަތަށް ކަމަށް ދައުލަތުން ބުނަމުންގެންދަނީ އެދުވަހު ވާހަކަފުޅު ދައްކަވަމުން ގައުމު ހަމަމަގަށް އަޅުވަން ލިބޭނެ އެންމެ ފަހު ފުރުސަތަކީ އެދުވަސް ކަމަށާއި، ޑރ. އަފުރާޝީމް އަލީގެ މަރުގެ މައްސަލައާއި، ކާނަލް ނާޒިމް ފްރޭމްކޮށް ޖަލަށްލީ މައްސަލައާއި، ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންނާއި ދައުލަތުން އިހުމާލުވެފައިވާ ވާހަކަ ވިދާޅުވުން ކަމަށެވެ.

ޝައިހް އިމްރާން އެދުވަހު ދެއްކެވި ވާހަކަތަށް ދައްކާފައިވަނީ ސިޔާސީ މަޝްރަހު ރަނގަޅަށް އެނގިވަޑައިގަންނަވާތީ ތަސައްވަރު ކުރެއްވޭތީ ކަމަށާއި، އެގޮތުން އަދިވެސް ގައުމު ހަމަޔަށް އެޅިފައިނުވާކަމަށް ނޫރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ އެތަށް ބައެއްގެ މައްޗަށް ދައުވާތަށް އުފުލާފައިވާ ކަމަށާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ނެރުއްވަމުންގެންދެވި ބަޔާންތަކުން ކާނަލް ނާޒިމް ފްރޭމްކޮށްފައިވާކަން ހާމަވާކަމަށާއި އަދި ކުރިމިނަލް ކޯޓުންވެސް ރިލްވާންގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާކަން ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމުން އެވާހަކަތަށް ޝައިޙް އިމްރާން ދެއްކެވުމަކީ ކުށްވެރިވާންޖެހޭ ކަމެއްތޯ ބުނެ ނޫރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

ނޫރުއްސަލާމް އިތުރަށް ވިދާޅުވީ، އެފަދަ ދައުވާތަށް ގާނޫނު އަސާސީއާއި ހިލާފަށް އުފުލަމުންގެންދާ ފަރާތަތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، ދައުލަތުުން އަމަލު ކުރަމުން ގެންދަނީ ގާނޫނު އަސާސީއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާއިވެސް ހިލާފަށް ކަމަށެވެ. މީގެ އިތުރުން އަދިވެސް ދައުލަތުން މަސައްކަތް ކުރަމުންދަނީ ހެދިފައިވާ ގޯސްތަށް ރަނގަޅު ކުރުމުގެ ބަދަލުގައި އެކަންކަން ދިފާއު ކުރުމަށްކަމަށްވެސް ނޫރު ވަނީ ވިދާޅުވެފަ އެވެ.