ހަބަރު

ސިޔާސީ ނުފޫޒު ނުފޯރުވާ ނަމަ މިފްކޯއަށް ފައިދާ ވާނެ: ޕީސީބީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ސިޔާސީ ނުފޫޒު ނުފޯރުވާ ނަމަ އެ ކުންފުންޏަށް ފައިދާވެ ކޮޅަށް ނެގިދާނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރިޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިހެން ވިދާޅުވީ ކުންފުނިތަކަށް ފައިދާ ނުވާ މައްސަލާގައި ޕީސީބީގެ ވެރިން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިފްކޯއަށް ފައިދާ ނުވެ، ދުވަހުން ދުވަހަށް މާލީ ހާލަތު ދަށްވަމުންދާ މައްސަލައާ ގުޅިގެން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނިޒާރު ވިދާޅުވީ މިފްކޯ ހިންގަން ބޭނުންވެއްޖެ ނަމަ އެކަން ޕްރައިވަޓައިޒް ނުކޮށް ވެސް ކޮންމެ މީހަކަށް ވެސް ފައިދާވާ ގޮތަށް ހިންގި ދާނެ ކަމަށެވެ. ނަމަވެސް އެކަން ނުވަނީ ސަރުކާރުން ކުރާ ސިޔާސީ ނުފޫޒުތަކާ ހެދި ކަމަށާއި އެ ނުފޫޒު ނުފޯރުވާ ނަމަ އެ ކުންފުނި ކޮޅަށް ޖެހިދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާާރު މި ކުންފުނި ހިންގަން ބޭނުންވެއްޖެ ކަމަށްވަންޏާ ފައިދާވާ ގޮތަށް ހިންގި ދާނެ، އެކަމަކު ސަރުކާރުގެ އިންފްލުއަންޒް އާ ޕޮލިޓިކަލް އިންފްލުއަންސް ކުޑަ ކުރެއްވިއްޖެ ނަމަ އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު އަޅުގަނޑަށް ވެސް އެތަން ކޮޅަށް ޖެހިދާނެ ވަރުގެ ގާބިލްކަން ހުރި ކުންފުންޏެއް،" ނިޒާރު ވިދާޅުވި އެވެ.

މިފްކޯ ކުންފުނި އަމިއްލަ ބަޔަކަށް ހިންގަން ދޫކޮށްލާ ނަމަ މާކެޓް ބޭސްގަ އެކަން ކޮށްދީގެން ކުންފުނި މިހާރު އޮތް ހާލަތުން އަމިއްލަ ފަރާތްތަކަށް އެކަމަށް ޝައުގުވެރިވާނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް އޭގެ އެއްބައި ސަރުކާރުން ނެގުމަށް ފަހު އޭގައި ފައިދާވެދާނެ ފަދަަ ކޮމްޕޯނަންޓުތަކެއް ހިމަނައިގެން ކުރިޔަށް ދާނަމަ އެއަށް ޕްރައިވެޓް ސެކްޓާގެ ޝައުގުވެރިކަން ހުންނާނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ސަޕްލައިއަށް އަންނަ ބަދަލުތަކާއެކު މާކެޓުގައި އަގުތަކަށް ބަދަލު އަންނަ ކަމަށާއި ނަމަވެސް މިފްކޯ އިން ކޮންމެ ގޮތަކަށް ވިޔަސް އެއް އަގެއްގައި ގަންނަން ޖެހޭ ކަމަށާއި އަދި އިންޓަނޭޝަނަލް މާކެޓުގައި ވެސް ގެއްލުން ދެއްކިޔަސް ގަންނަން ޖެހޭ ކަމަށެވެ.

"ޕްރައިވެޓް ސެކްޓާގަ ބޮޑަށް ޑޮމިނޭޓުކޮށްގެން މި އުޅެނީ ކަންނެލި، ކަންނެލީގެ އަގު މާކެޓުގައި ގިނައިން ބާނާފިއްޔާ އަގު ދައްވޭ، މަދުން ބާނާފިއްޔާ އަގު މަތިވޭ، އެއީ މާކެޓް ބިހޭވިއްޔާ، އެ އުސޫލަކުން ނޫން މިފްކޯގެ ކަންތައްތައް ހަމަޖައްސާފައި މިވަނީ، މިފްކޯގައި ކޮންމެ ގޮތަކަށް ވިޔަސް އެއް އަގެއްގައި ގަންނަން ޖެހޭނީ، އެންމެ ގިނައިން 500 ޓަނު 800 ޓަނު ބޭނިޔަސް، ކެޕޭސިޓީ ނެތަސް އެ މަސް ގަންނަން އެބަ ޖެހޭ،" ނިޒާރު ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުގެ ޕޮލިސީތައް ހަދާ ފަރާތްތަކުން ރަނގަޅު ނިންމުންތަކެއް ނިންމާ، އެފަދަ ކަންކަން ބަދަލު ކުރާ ނަމަ މިފްކޯއަކީ ވެސް ފައިދާ ވާނެ ކުންފުންޏަކަށް ހެދިދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ބާޒާރުގައި މަހުގެ އަގު މަތިކޮށް މަސްވެރިންނަށް ދޭ ފައިސާ ބަރާބަރަށް ދިނުމަށްޓަކައި ކުރީގެ ސަރުކާރުގެ ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު މިފްކޯ އަށް 50 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމި އެވެ. ސަރުކާރުގެ މަސް ކުންފުންޏަށް ސަރުކާރުން ފައިސާ ދޭން ނިންމިއިރު 6، ނޮވެމްބަރު 2017 ވަނަ އަހަރު ސަރުކާރުން 46.3 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވެ އެވެ.

މިފްކޯގެ މާލީހާލަތު ދަށްވުމުން ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 29، ސެޕްޓެމްބަރު 2016 ވަނަ އަހަރު އެވެ. އަދި އޭރު އެ ކުންފުނީގައި 300 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ބުނެފައިވެ އެވެ.