ރާއްޖެ ކުޅިވަރު

ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންތައް ވަނަ ނުދޭނަން: މިނިސްޓަރު

ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވައްދަން ފުރުސަތު ނުދެއްވާނެ ކަމަށް، ޔޫތު ސުޕޯޓްސް އެންޑް ސޯޝަލް އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމާ ގުޅިގެން ކުރިއަށް ގެންދާ 'ދުޅަ ހެޔޮ ހަށިހެޔޮ' ކުޅިވަރު އީދުގެ އެންމެ ފަހު އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަވާ، މިނިސްޓަރު މަހްލޫފް ވިދާޅުވީ، އޭނާއަކީ ވެސް ވަރަށް ސިޔާސީ މީހެއް ކަމަށާއި ނަމަވެސް ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންތައް ވެއްދުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ކުޅިވަރުގެ ތެރެއަށް އަޅުގަނޑުމެން ނުވައްދާނަން ސިޔާސީ ކަންކަމެއް ވަރަށް ސާފުކޮށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދާނީ، އެއްވެސް މީހަކު ނުވަތަ ކުޅުންތެރިޔަކު، ގައުމީ ޓީމުގެ މެނޭޖަރު ނޫނީ އޮފިޝަލެއް ވިޔަސް، ސިޔާސީ ޕާޓީއަކަށް ސަޕޯޓް ކުރާތީއޭ ކިޔާފައި އެކަހަލަ ކަމެއް ނޯންނާނެ އެބައި [ސިޔާސީ ބައި] ދޫކޮށްލާފައި އަޅުގަނޑުމެން ކުރިއަށް ދާނީ،" ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރިން ކުރެއްވި މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީވެސް ސިޔާސީ މީހުން ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ދާނީ ސިޔާސީކަންކަން އެއްފަރާތް ކޮށްފައި."

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަކީ ވަރަށް ކުޅިވަރަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ކުޅިވަރުގައި އެންމެ ތުއްތު ކުއްޖާއިން ފެށިގެން ވެޓަރަންސްގެ ބައިވެސް ހިމެނުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ޔޫތު އާއި ސުޕޯޓްސް ވަކި ދެ މިނިސްޓްރީގެ ގޮތުގައި ހެދުމަށް ފުރަތަމަ ވާހަކަ ދެކުވުނު ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އޭރު ރައީސުލްޖުމްހޫރިއްޔާ ޕާސަނަލީ އަޅުގަނޑާ ބައްދަލު ކުރައްވާ ވިދާޅުވި ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ހަމަ ހުރިހާ ކުޅިވަރެއް ގައިވެސް ވެޓަރަންސް ހިމެނުމަށް،" މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ. "ހުރިހާ ސުޕޯޓެއް ގައިވެސް އެންމެ ތުއްތު ކުއްޖާއިން ފެށިގެންވެސް އެންމެ ދުވަސްވީ މީހާއާ ހަމައަށް ކުޅިވަރު ތެރޭގައި އުޅެވޭނެ ގޮތަކަށް އެކަން ކުރަން."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި މިއަދު ވަނީ، ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ނިންމާފަ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނީ ކުޅިވަރު ކުޅޭ އެތުލީޓުންނަށް ކަމަށެވެ.

"މިއަދު ވަޒީރުންގެ މަޖިލީހުގައި އަޅުގަނޑުވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރިން އަދި އެހެން ވަޒީރުންވެސް ފާހަގަ ކުރެއްވި، މީގެ ހަގީގަތަކީ ކޮމަންވެލްތު ގޭމްސްއަށް ނުދެވުނީމަ ކުޅިވަރު ކުޅެން ތިބި މީހުންނަށް ލިބުނު ދެރަ އެމީހުން ކުރި ހިތާމަ އަޅުގަނޑާ ޝެއާ ކޮށްފަ އެބަހުރި،" ވަޒީރު ފާހަގަ ކުރެއްވި އެވެ. "އަދި ހަމައެކަނި އެކަން އެކަންޏެއް ނޫން ކޮމަންވެލްތުގައި އެބަހުރި ދީފައި ހުރި ސްކޮލާޝިޕްތައް ވެސް ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން، އެހެންވީމަ (ކޮމަންވެލްތުން ވަކި ވީމަ) އެކަންތައްވެސް ދިޔައީ ހުއްޓިގެން."

މިނިސްޓަރު ވިދާޅުވީ، ރައީސްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޮލިމްޕިކް ސުޓޭންޑަޑްގެ ސްވިމިން ޕޫލްގެ މަސައްކަތް ފައްޓަވާނެ ކަމަށް އިއުލާން ކުރައްވާފައި ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ޔޫތު މިނިސްޓްރީގެ ވަޒީފާއިގައި އަޅުގަނޑު އުޅުނު އިރު 2000 ވަނަ އަހަރު، ފޫޓްފީތާ ހިފައިގެން އެތަނުގެ މިންއަޅަން ދިޔަ މީހެއް އަޅުގަނޑަކީ، އޭރުން ސުރެ ކުރަން އުޅެ ނުވި ކަމެއް މިއަދު މި ސަރުކާރުން ފުރަތަމަ 100 ދުވަސް ތެރޭގައި ފައްޓަވާނެ އެ މަސައްކަތް ފައްޓަވާނެ ކަމަށް އެ އިއުލާން ކުރީ."

ކުރިން، ކުލަބު ވެލެންސިއާ ކުޅުއްވި މަހްލުފް ވިދާޅުވީ، ދުޅަހެޔޮ ހަށިހެޔޮ އީދުގެ އެއް ބޭނުމަކީ ރާއްޖޭގެ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުން ކަމަށާއި އެބޭބޭފުޅުންގެ މޫނު މަތިން ހިތްހަމަޖެހުން މިއަދު ފެނިވަޑައިގަންނަވާ ކަމަށެވެ.