ވިޔަފާރި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްގެ ނަމުގައި ޖަމިއްޔާއެއް

Nov 20, 2018

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލް (އޭޓީޕީ) ގެ ނަމުގައި ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކެއް ގުޅިގެން އާ ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފި އެވެ.

މި ޖަމިއްޔާ ފުރަތަމަ ތައާރަފުކޮށްފައިވަނީ ލަންޑަންގައި ނިމިގެން ދިޔަ ޑަބްލިއުޓީއެމް ފެއާގަ އެވެ.

އޭޓީޕީ އިން ބުނި ގޮތުގައި އެ ޖަމިއްޔާގެ މަގުސަދު ތަކުގެ ތެރޭގައި ރާއްޖެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގައި އިންޑަސްޓްރީއާ ގުޅިގެން އެހީތެރިވުން ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަޑު އުފުލައި އިންޑަސްޓްރީއާއި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރާނެ އެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި އަލަށް ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަލީ ވަހީދުގެ ޒައާމަތުގައި ޓޫރިޒަމް ސިނާއަތަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ސަރުކާރާ ގުޅިގެން އިންޑަސްޓްރީ ކުރިއަރުވަން ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.

މި މަހު ރަޖިސްޓްރީ ކުރި މި ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލާފައިވާއިރު، ޖަމިއްޔާގެ ރައީސަކީ ޑރ. ހުސެއިން ސަނީ އުމަރު އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އަޑު އުފުލުމަށް މިހާރު ދެ ޖަމިއްޔާއެއް ހިންގަމުންދެ އެވެ. އެއީ މަޓާޓޯ އާއި އޭޓީއާރު އެވެ.