ހަބަރު

ހަތަރު މުއައްސަސާއަކަށް ކަނޑައަޅާފައިވާ ބަޖެޓު ރިވިއު ކުރަނީ

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ފިނޭންސް މިނިސްޓްރީ އިން ހަތަރު މިނިވަން މުއައްސަސާއަކަށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓު އަލުން ރިވިއު ކުރުމަށް އެ ފަރާތްތަކަށް ބަޖެޓު ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީ އިން މިއަދު
ނިންމައިފި އެވެ.

ބަޖެޓު ކޮމިޓީގައި މިއަދު މަޝްވަރާ ކުރީ މިނިވަން މުއައްސަސާތަކަަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުންނެވެ. އެގޮތުން އެހެން އަހަރުތަކާ އެއްގޮތަށް މިފަހަރު ވެސް ގިނަ މުއައްސަސާތަކުން ވަނީ ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ބަޖެޓު ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެގޮތުން އެންމެ އިސްކަމެއް ދީގެން ބަޖެޓު ކޮމިޓީގައި މަޝްވަރާ ކުރީ އިލެކްޝަން ކޮމިޝަން (އީސީ) އިން އެދިފައިވާ ބަޖެޓަށެވެ. އެ ކޮމިޝަނުން އެދިފައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށާއެކީ 123 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީ އިން އީސީއަށް ކަނޑައަޅާފައި ވަނީ 80 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުން މިއަދު ބަޖެޓު ކޮމިޓީއަށް ފޮނުވި ލިޔުމުގައިވާ ގޮތުން ކުޑަ މިނުން 89.2 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މަޖިލީހުގެ އިންތިހާބު އޮންނަ އިރު އެ ކޮމިޝަނަށް އެކަށީގެންވާ ބަޖެޓެއް ލިބެން މުހިންމު ކަމަށެވެ. ނަމަވެސް އެ އަދަދަށް ފައިސާ ބެނުންވާ ސަބަބުން ވެސް ބަލަން ޖެހޭ ކަމަށާއި އެގޮތުން އީސީ ބަޖެޓު ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާ ކަމަށެވެ.

ނަމަވެސް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މުއައްސަސާތަކަށް ފިނޭންސް އިން ބަޖެޓު ކަނޑައަޅާފައި ވަނީ އެކަށީގެންވާ ދިރާސާތަކެއް ހަދާފައި ކަަމަށާއި ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް މިނިވަވން މުއައްސަސާތައް ބޭނުންވާ ގޮތަކަށް ބަޖެޓު އިތުރަށް ބޮޑު ކުރަން ތާއީދު ނުކުރާ ކަމަށެވެ. ނަމަވެސް އެ މުއައްސަސާއެއްގެ މައްސޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ފިނޭންސް އިން އެ ބަޔަކަށް އެހީވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ފޯރުކޮށްދިނުމަށް ނުފެންނަ ކަމަށެވެ. ނަމަވެސް 89.2 މިލިއަން ރުފިޔާއަކީ އެކަށީގެންވާ ބަޖެޓެއް ކަމަށާއި އެ އަދަދު ކޮމިޝަނަށް ދިނުމަށް ތާއީދު ކުރާ ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ އީސީއަށް އިތުރު ނުވަ މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފަހު އެހެން މުއައްސަސާތަކަށް ބަޖެޓެއް ނުދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެއްވެސް ބަޔަކަށް ބަޖެޓު ދޭ ކަމަށް ވާނަމަ އެކަން ކުރަން ޖެހޭނީ ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް އަމީތު ފާހަގަ ކުރި އެވެ.

އީސީގެ ބަޖެޓުގެ އިތުރުން މަޖިލީހުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން ވެސް ކޮމިޓީގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ފަރާތުން ގިނަ ކަންކަމަށް ވަނީ އެދިފަ އެވެ. އޭގެ ތެރޭގަައި ނުވަ އަހަރުވެފައިވާ އޯޑިއާ ސިސްޓަމްތައް ބަދަލު ކުރުމާއި އާ އިމާރާތަށް ބަދަލުވުމަށް ނިންމަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާގެ އިތުރުން ވެސް ބައެއް ކަންކަން ވަނީ ހުށަހަޅައިފަ އެވެ. ރިޔާޒް ވަނީ އެކަމަށް ތާއީދު ކުރައްވާ މަޖިލީހުގެ ކަންކަން ރަނގަޅު ކުރުމަށް ބަޖެޓު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބަޖެޓު ބޭނުންވާ މުއައްސަސާތަކާ މެދު ވާހަކަދެއްކެވުމަށް ފަހު ރިޔާޒް ހުށަހެޅީ އިސީއާ، ގައުމީ ޔުނިވާސިޓީއަ، ސިވިލް ސާވިސް ކޮމިޝަން އަދު ރައްޔިތުންގެ މަޖިލީސްގެ ބަޖެޓު އިތުރަށް ދިރާސާ ކުރުމަށެވެ. އަދި ކަމާ އެ ފަރާތްތައް މަޖިލިހަށް ހާޒިރުކޮށް އިތުރަށް ބަޖެޓު ބޭނުންވާ ސަބަބުތައް އޮޅުން ފިލުވުމަށް ވަނީ ނިންމައިފަ އެވެ. އަދި އީސީއަށް އިތުރު ނުވަ މިލިއަން ރުފިޔާގެ ބަޖެޓު ވެސް އަދި ނުދީ އެކަން ވެސް އިތުރަށް ސާފު ކުރުމަށް ވަނީ ނިންމައިފަ އެވެ.