ވާހަކަ

ބުނެދޭށޭރުހެމޭ

(18 ނޮވެމްބަރ 2018 އާ ގުޅޭ) -- "ވިހާ ވާހަކަ ނުދައްކާ، ކުރިން ދުވަހު ބެލި ވީޑިއޯއަށް ފަހު މީހަކަށް ނުވެސް ނިދޭ ބިރުން" އަރްސަލް ޖަހާލީ ހިނިގަނޑެކެވެ.

"އެ އަންހެންމީހާ ލެވި ހަޅޭ އަޑެއްނީވޭތަ؟ އެންމެން ވެސް ބުނަނީ ވަރަށް ތަދުވާނޭ" ނިމްރާގެ ބަސްތައް ހިނދިގެން ދިޔަކަހަލައެވެ. އެއާއެކު އަނެއްކާ ވެސް އިވުނީ އެންމެންގެ ހުނުމުގެ އަޑެވެ.

"އާނާ ބިރެއްނުގަނޭތަ" ޝިހާނާ ހަމަޖެހިފައި އިންނާތީ އެކަމާ ނިމްރާ ސުވާލުކުރިއެވެ. ޝިހާނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ނިމްރާގެ ގާތުގައި އިށީން ޝަރުމީނު ވާހަކަދެއްކިއެވެ. ދަރިފުޅު އުފަންވާ ވަގުތު ހިތަށް ވެރިވެގެންދާ ހިތްހަމަޖެހުމާއި ނަފްސަށް ކުރެވޭ ރޫޙާނީ އިޙްސާސްތައް ޅީ ދަރީންނަށް އޮޅުން ފިލާނޭހެން ބުނެދެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ބިލާލު އިނދެފައި އޭނާ ފުރަތަމަ ބައްޕައަކަށްވުމުން ކުރެވުނު އިޙްސާސް ކިޔައިދިނެވެ. އެ ވާހަކަތަކަށް އަރްސަލްގެ ސަމާލުކަން ދެވުނީ ބިލާލުގެ ފުރަތަމަ ދަރިފުޅަށް އޭނާ ވީމައެވެ. އުންމީދުން ފުރިގެންވީ ބަލާލުމަކުން އަރްސަލްއަށް އެވަގުތު ނިމްރާއަށް ބަލާލެވުނެވެ. އޭނާ ވެސް ކެތްތެރިކަމެއްނެތި އިންތިޒާރު އެކުރަނީ އެވަގުތަށެވެ.

ބާރަޖަހާ ހިނގައްޖެކަން އެނގުމުން އެންމެން ނިދަން ދާންވީ ކަމުގައި އެންގީ ބިލާލެވެ. ދަރީންގެ ވާހަކަތަކުގައި މަޝްޢޫލުވެފައި އިންވަރުން އޭނާއަށް ވެސް ވަގުތު ދިޔަގޮތް ނޭނގުނީއެވެ. އޭނާ ކެނޑިނޭޅި ހެއްދެވި ފަރާތަށް ޝުކުރުވެރިވެއެވެ. އޭނާގެ ލޮލުގެ ފިނިކަން ދެމިއޮތުމަށް އެދިއެވެ. އެ ލޮލުގެ ފިނިކަމަކީ އޭނާގެ އަނބިމީހާއާއި ދަރީންގެ އުފާވެރިކަމެވެ. އެއްފުރާޅެއްގެ ދަށުގައި ހުރިހާ ކުދީން އޭނާއަށް ފެންނަ ހިސާބުގައި ތިބީތީއެވެ. ކާފަމާމަވާން އުޅޭއިރު އެ އުފަލުގައި ބައިވެރިވާނޭ ފުރުޞަތު މިންވަރުކުރެއްވި ކަމަށްޓަކައެވެ.

"މައި ޕަމްޕްކިން" އަރްސަލް ބުނެލީ ނިކަން ލޯބިންނެވެ.

"މަންމާ...." ނިމްރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

"އަރްސަލް ގާތު ބުނެބަލަ އެހެންނުކިޔާށޭ، އަޅުގަނޑު ފަލަކަން އެނގެޔޭ... ބަރަބޮލެކޭ ބުނަންވާނެތަ، މިހާރު އަބަދު ގޮވަނީ އެހެން" ނިމްރާއަށް ތެދުވަން އެހީތެރިވާން އުޅުނު އަރްސަލް ގާތްވިޔަ ނުދީ ހުއްޓުވުމަށް އެއްއަތް ދަމާލައިގެން އިނދެ ނިމްރާ ޝަކުވާކުރިއެވެ.

"އެހެންކިޔައިގެން ނުވާނެ އިނގޭ އަރްސަލް، ނިމްރާއަކީ ބަރަބޮލެއްނޫނޭ" ޝަރުމީނު ވަގުތުން ބުނެލީ ކުޑަކުއްޖަކަށް އަމުރުކުރާ ކަހަލަ ގޮތަކަށެވެ. އެވަރުން ނިމްރާ ހިތްހަމަޖެހުނުތަން ފެނި އަރްސަލް ގާތަށް ހިނިއައެވެ. ޝަރުމީނުގެ އަތުގައި ހިފަމުން ކޮޅަށް ތެދުވި ނިމްރާ އެންމެނަށްވުރެ ކުރިން ސިޑިން އަރަން ދިޔައީ އަރްސަލްގެ އަތުގައި ނުޖެހެންވެގެންނެވެ. އެހެންވިޔަސް އޭނާއަށް އެ ސިޑިން އެރޭނީ ކިހާ އިރަކުންކަން އަރްސަލް ދެނަހުއްޓެވެ. ބިލާލު ނިކަން އަވަހަށް އަރްސަލްގެ ކޮނޑުގައި ޖަހާލައި ނިމްރާގެ ފަހަތުންދާން ބުނެލިއެވެ.

"އޯކޭ ސޮރީ" އަރްސަލް އައިސް ނިމްރާގެ ގާތުގައި ހުއްޓެމުން ބުނެލިއެވެ.

ނިދަން އޮށޯތެއް ކަމަކު ނިމްރާއަށް ނިދޭގޮތެއް ނުވިއެވެ. އޮށޯވެ އޮތުން އުނދަގޫވެގެން ނިމްރާ ތެދުވެ އެނދުގެ އަރިމަތީ އިށީނެވެ. އެހެންވެސް އޭނާ އިނީ އިރުކޮޅަކުއެވެ. ތެދުވެގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ.

"ކިހިނެއްވަނީ؟ ތަދުވަނީތަ؟" އެނދުގައި އިށީނދެލައިގެން އިން އަރްސަލް އަހާލިއެވެ. ބަނޑުގައި ފިރުމަމުން ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި ނިމްރާ ހުއްޓުނެވެ.

"އަހަންނަށް ހީވަނީ ލޫކަންއަށް ގުޅަންވީހެން" ނިމްރާއަށް އުނދަގޫތަކެއްވާކަން އޭނާގެ މޫނުމަތިން ވެސް ފާޅުވަމުންދިޔައެވެ. އަރްސަލް އަވަސް އަވަހަށް ފޯނު ނަގައި ޑަކްޓަރ ލޫކަންގެ ޕާސަނަލް ނަންބަރަށް ގުޅިއެވެ. ނިމްރާ ބަލިވެ އިނުމުން އޭނާގެ ހުރިހާކަމެއް ބަލަމުންދިޔަ ޑަކްޓަރަކީ ލޫކަންއެވެ. އެގޮތުން އަރްސަލްއާއި ލޫކަންގެ ދެމެދުގައިވަނީ ރަޙުމަތްތެރިކަމުގެ ގުޅުން އުފެދިފައެވެ.

"ކީކޭ ބުނީ" އަރްސަލް ފޯނުން ވާހަކަދައްކައި ނިމުމުން ނިމްރާ އަހާލިއެވެ.

"އެކޮޅުގައި އެޑްމިޓްކުރަން ގެންނާށޭ ބުނީ، މިވަގުތު ޑަކްޓަރ ޒޭން ހުންނާނޭ ބުނީ، ގިނައިރެއްނުވެ ލޫކަން ވެސް އަންނާނަންކަމަށް... ސޯ ރެޑީވާންވީނު" އަރްސަލް ބުންޏެވެ.

"އަރްސަލްއަށް ވާނެތަ؟... މަންމައަށް ގޮވާލަމާ" ނިމްރާ ބުނެލިއެވެ.

"ދަމުން ބުނެލާފައި ދާނީ، ސްކާލެޓްގެ ހުރިހާކަމެއް އަހަރެންނަށްވާނެ" އެނދުމައްޗަށް ފޯނު ވައްޓާލަމުން އަރްސަލް ހިނގައިގަތީ ނިމްރާގެ ގާތަށެވެ.

ފެންވަރާލައިގެން ނުކުމެ ނިމްރާ ތައްޔާރުވާން ފެށިއެވެ. ދޫދޫކޮށް ހުރި ހަރުވާޅަކާއި އަތްކުރު ޓީޝާޓެއްގައި ނިމްރާހުރިއިރު އޭނާގެ އިސްތަށިގަނޑު ހުރީ އެއްފަރާތަށްވާގޮތަށް އޮމާންކޮށްލާފައެވެ. އަރްސަލްއަށް ކަމުދަނީ ނިމްރާގެ އިސްތަށިގަނޑު ކުރުކޮށްބެހެއްޓީމައެވެ. އެހެންވެ އަދިވެސް ނިމްރާގެ އިސްތަށިގަނޑު ހުރީ އަރްސަލްއާ ދިމާވިއިރު ހުރި ގޮތަށެވެ. ޕިކްސީ ހެއާކަޓެވެ. ރަތްކުލަ ޖައްސާފައެވެ.

"ނިމުނީ ދޯ" އަރްސަލް ގަމީހުގެ ގޮށްތައް އަޅުވަމުން ވޯޑްރޮބްއިން ނުކުތްއިރު ނިމްރާ ހުރީ ދޮރުކައިރީއެވެ.

"މަންމަމެންނަށް ގޮވާލަންވީނު" ނިމްރާ ކޮޓަރިން ނުކުންނަމުން ބުންޏެވެ.

ފުންނިންޖަކަށް ގެބިފައި އޮތް ބިލާލާއި ޝަރުމީނަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާކަމުގެ ހިލަމެއްވީ އިރުކޮޅަކު އެ އަޑުއިވިއިވި ހުރި ފަހުންނެވެ. ޝަރުމީނު އަވަހަށް ލޯ ހުޅުވާލައި ބިލާލުގެ ގައިގާ ކޮއްޓާލިއެވެ. ޝަރުމީނު އޮތް ފަޅިން އެނދުން ތިރިއަށް އޭނާ ފޭބިއެވެ. އެވަގުތު ކަންފަތުގައި ޖެހުނު އަޑުން ހުއްޓެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ހުއްޓުން އަރާފައި ހުއްޓާ ބިލާލު ވެސް ތެދުވެއްޖެއެވެ.

"މަންމާ... ބައްޕާ" ދެވަނަ ފަހަރަށް ވެސް އިވިގެންދިޔައީ އަރްސަލްގެ އަޑެވެ. ޝަރުމީނުގެ ކޮނޑުގައި ބިލާލު އަތްޖައްސާލި ހިނދު އޭނާގެ ދެފަޔަށް ދިރުން ލިބުނު ކަހަލައެވެ. ހަލުވިކޮށް އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭރު ދޮރުމަތީ ހުރި އަރްސަލްގެ ގާތުގައި ނިމްރާ ހުއްޓެވެ.

"ބަނޑުގައި ރިއްސަންފެށީތަ؟" ނިމްރާފެނި ޝަރުމީނަށް އަހާލެވުނެވެ.

"މިދަނީ ހޮސްޕިޓަލަށް... ނިމްއަށް ކުޑަކޮށް ތަދުވާތީ އެ އުޅެނީ، ޑަކްޓަރ ލޫކަން ވެސް ބުނެފި އަވަހަށް ގެންނާށޭ" އަރްސަލް އޮޅުން ފިލުވައިދިނެވެ.

"ބިލާލު، އަހަރެމެން ދާންވާނެއެއްނު، އަރްސަލް... ދަރިފުޅު ދޭ އަވަހަށް ނިމްރާ ގޮވައިގެން، މަންމަމެން ވެސް މިދަނީ" ޝަރުމީނު އަވަސްއަރުވާލަފައި ބުނެލިއެވެ.

ސިޑިން ފައިބަން އުޅުނު ނިމްރާ ފެނި އޭނާއަށް ތަދުވަނީ ކުޑަކޮށް ނޫންކަން އަރްސަލް ދެނެގަތެވެ. ނިމްރާއާ ދާދި ގާތަށް ޖެހިލައި އޭނާގެ އުނަގަނޑުގައި ހިފަހައްޓާލަން އަރްސަލް އުޅުނެވެ.

"ސްކާލެޓް، އަހަރެން އުރާލައިގެން ގެންގޮސްދީފާނަމޭ... އަހަރެންގެ އަނބިމީހާއާ ކުދީން އެކުގައި އުފުލާލެވޭހާ ބާރު އަދިއެބަހުރި" އަރްސަލް ބުނެލީ ސަމާސާ ގޮތަކަށެވެ.

"ނޫން އަރްސަލް... އަހަރެން މިހުރީ ވަރަށް އުނދަގޫވެފައި، މިވަގުތު ހަމައެކަނި އަހަރެންގެ އަތުގައި ހިފާލަދީ، އެހެންތަނެއް އަތްލައިގެން ވެސް ނުވާނެ" ހަރުފަތްތަކަށް ވިސްނައިގެން ހުރެ ތިރިއަށް ފައިބަމުންދިޔަ ނިމްރާއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށް ރުންކުރުކަމާއެކުއެވެ. އަރްސަލް އިތުރަށް އެއްޗެކޭ ނުބުނީ ނިމްރާގެ ހާލަށް ވިސްނާފައެވެ. މިވަގުތު އޭނާގެ އަންހެނުން ތަޙައްމަލު އެކުރަނީ ކިހާވަރެއްގެ ކަމެއްކަން ހަޤީޤަތުގައި އަރްސަލްއަށް ވެސް ނޭނގެއެވެ. އެކަމަކު އަނބިމީހާއާއެކު ހުރިހާ ވަގުތެއްގައިވުމަކީ އޭނާގެ ހިތުގެ އެދުމެވެ. އަމިއްލަ ނަފްސަށް ލިބެމުންދިޔަ ހާސްކަން އޭނާ ފަރުދާކޮށްލިއެވެ.

ހޮސްޕިޓަލުގައި ނިމްރާ އެޑްމިޓް ކުރެވުނުތާ ގިނައިރެއްނުވަނީސް ބިލާލުއާއި ޝަރުމީނު އަތުވެއްޖެއެވެ. އޭރު އަދި ޑަކްޓަރުން ނިމްރާ ބަލައި ނުނިމެއެވެ.

"ރާދު ގާތުބުނެފައި ބައްޕަމެން މިއައީ، އާނާއަށް ނިދިފައި އޮތީމަ ރާދުގާތު ބުނީ ގޭގައި މަޑުކޮށްލާށޭ، ނިމްގެ ޚަބަރެއް ބައްޕަމެން އަންގާނަމޭ، ހަލަފް ވެސް ނުގެނައީ އެހެންވެ، ރާދުއާއި އާނާ ވެސް މިވަގުތު އެކަނިކޮށްލާކަށްނުވާނެއެއްނު" ބިލާލު ވާހަކަދެއްކިއެވެ. އެ ކަމަށް އަރްސަލް ބޯޖަހާލީއެވެ. ހަޤީޤަތަކީ އޭނާގެ ހުރިހާ ސަމާލުކަމެއްވަނީ ނިމްރާއަށް ދެވިފައިކަމެވެ. ޑަކްޓަރުން ބުނާނޭ އެއްޗަކާމެދު އޭނާ އިންތިޒާރުކުރަމުންދިޔައެވެ.

ޑަކްޓަރ ޒޭން ބެލުމަށްފަހު ކުދީންގެ ހާލު ރަނގަޅުކަމާއި އަދި އެ ނަގާ ރިހުމަކީ ވިހެމުގެ ވޭންވަރުނޫންކަމުގައި ބުންޏެވެ. އެކަމަކު ޑަކްޓަރު ލަފާ ދިނީ ހޮސްޕިޓަލުގައި މަޑުކޮށްލުމަށެވެ. ގަޑިއެއްހާއިރު ފަހުން އަނެއްކާ ވެސް ނިމްރާގެ ހާލު ބެލުމަށް ޑަކްޓަރު އަންނާނަން ކަމުގައި ބުންޏެވެ.

"އަދިވެސް ތަދުވޭތަ؟" އެނދުގައި އިށީނދެލައިގެން އިން ނިމްރާގެ އުނަގަނޑުމަތީ ފިރުމާލަމުން ޝަރުމީނު އަހާލިއެވެ.

"ތަދަށްވުރެ ބޮޑަށް މިރޭ ހަމަ އުދަނގޫވަނީ، އެއްގޮތަކަށް ވެސް ނުނިދުނު" ހަމަޖެހިލަން ބޭނުންވެފައި އިން ނިމްރާ ބުނެލިއެވެ.

"ޑަކްޓަރުން ކޮންމެ އެއްޗެކޭ ބުންޏަސް، މަންމައަށް ހީވަނީ ނިމް ވިހަންހެން ތިއުޅެނީ" ހާސްކަން ވެރިވެފައިވާ ބެލުމަކުން ނިމްރާއަށް ބަލަން ހުރި ޝަރުމީނު ބުންޏެވެ.

"ބައްޕަމެން ދާންވީނު، ކަމެއް ބޮޑުނުވަންޏާ ހެނދުނުން އަންނާނީ" އަރްސަލް ބުންޏެވެ.

"އިރުކޮޅަކު މަޑުކޮށްލާފައި ދާނީ، ޑަކްޓަރު ވެސް އަންނާނެއެއްނު ނިމް ޗެކްކޮށްލަން" ޝަރުމީނު މިހެންބުނެ ބަލާލީ އަރްސަލްގެ ގާތުގައި ހުރި ބިލާލަށެވެ.

"މަންމަބުނިހެން ނިމްއަށް ވާގޮތެއް ބަލާލަފައި ދާނީ" ބިލާލު ބުންޏެވެ.

އުނދަގޫވާތީ ނިމްރާ އުޅެއެވެ. އެހެންނަމަވެސް އޭނާ ވިހަންވީ ވަގުތެއް ނުޖެހުނެވެ. ގަޑިން ގަޑިއަށް ޑަކްޓަރުން އައިސް ނިމްރާގެ ހާލު ބަލައެވެ. ޑަކްޓަރ ލޫކަން އައިސް ނިމްރާގެ ހާލު ބަލައި ޑަކްޓަރ ޒޭންއާ މަޝްވަރާކުރިއެވެ. ނިމްރާގެ ހާލު ގޯސްނުވާތީ ބިލާލުއާއި ޝަރުމީނު ގެއަށް ދިޔައީއެވެ. ހެނދުނު އެމީހުން އަންނާނަން ކަމަށް ބުނެފައެވެ. ނިމްރާއަށް ފަސޭހަކޮށްދިނުމަށް އަރްސަލް އެކިއެކި މަސައްކަތްކުރަމުންދިޔައެވެ. ކުޑަކުޑަކޮށް އިރުކޮޅަކަށް ހަމަޖެހިލައިފިއްޔާ އަނެއްކާ ވެސް ފެންނަނީ ނިމްރާ ހާސްވެފައި އިންނަތަނެވެ.

އަނެއް ދުވަހުގެ ހެނދުނު ދިހައެއް ވެސް ޖަހައި ދިޔަފަހުން އަރިއަކަށް އޮވެ ނިމްރާއަށް ނިދުނެވެ. އޭނާއާ ދުރަށްދާން ބޭނުންނުވެފައި އިން އަރްސަލް ގޮނޑީގައި އިނދެ ނިމްރާގެ އެނދުގައި ބޯއަޅާލައިގެން އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިނީ ނިދިފައެވެ. އޭނާއަށް ހޭވެރިކަމެއްވީ ސޯޓުގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ނިމްރާއަށް ހޭލެވުމުގެ ކުރީން އޭނާ އަވަހަށް ފޯނު ނެގިއެވެ. އަދި ސިއްރުން ނިމްރާގެ އަތާއިއަތް ވަކިކޮށްލައި ދުރަށް ޖެހުނީ ވާހަކަދައްކާއަޑަށް ނިމްރާއަށް ހޭލެވިދާނޭތީއެވެ.

ފޯނުގެ އަނެއްކޮޅުން އިވުނީ ހަލަފްގެ އަޑެވެ. ޝިހާނާ ހޮސްޕިޓަލަށް ގެންނަނީކަމުގައި ބުންޏެވެ. އަމިއްލަ ނަފްސަށް ލިބިފައިވާ ހާސްކަމާއި ކަންބޮޑުވުން އެނގޭތީ އަރްސަލްއަށް ވިސްނާލެވުނީ ރާދިންއާ މެދުއެވެ. އެ މީހުންނަށް ހޮސްޕިޓަލަށް އާދެވުމުން އަންގާލުމަށް އަރްސަލް ބުނެ ފޯނުކޯލު ކަނޑާލީއެވެ.

މެންދުރުވީއިރު ޝިހަނާ ވިއްސާބަޔަށް ވައްދައިފިއެވެ. އޭނާއާއެކު ރާދިން ހުއްޓެވެ. ޑަކްޓަރ ޒޭންއާއި އިތުރު ދެ ޑަކްޓަރުންގެ އިތުރުން އެތަނުގައި އެމީހުންނަށް އެހީވާން ނަރުސް ކުދީން ހަރަކާތްތެރިވަމުންދިޔައެވެ. ޑަކްޓަރުގެ ބުނުމާއެކު ވިހަން ހިފަމުންދިޔަ ޝިހާނާގެ ހާލު ފެންނަ ހިސާބުގައި ހުރި ރާދިން ދާހިތްލާ ފޯވަމުންދިޔައެވެ. ހާސްވެގެން ގޮސް މީހާ ހުރީ ހަދާނޭގޮތެއް ނޭނގިފައެވެ. ވަރުބަލިވެފައިވާއިރު ވެސް އަނބިމީހާގެ ހިތްވަރުގަދަކަން އޭނާއަށް ފެންނަމުންދިޔައެވެ. ހިތުގައި އާދަޔާ ޚިލާފު ޤަދަރަކާއި މަތިވެރި ލޯތްބެއް ރާދިންގެ ހިތުގައި ޝިހާނާއަށް އުފެދުނެވެ. ދަރިފުޅު އުފަން ކުރުމުގައި އަންހެނުން އުފުލާ ވޭނުގެ ވާހަކަ އޭނާ މިހާތަނަށް އަޑުއަހަނީއެވެ. މިއަދު އޭނާގެ ކުރިމަތީގައި އޭނާގެ އަނބިމީހާ އެ ވޭނުގައި އުޅޭތަން ފެންނަމުންދިޔައިރު އެއީ ބަލަން އުނދަގޫވި މަންޒަރެކެވެ.

ދަރިފުޅު އުފަންވެ ގިނައިރެއްނުވެ ދަރިފުޅުގެ ރުއިމުގެ އަޑު ފެތުރިގެންދިޔައެވެ. ކުލުނުން ފުރިގެންވީ ބަލާލުމަކުން ރާދިން އޭނާގެ އަނބިމީހާއަށް ބަލާލިއެވެ. ފިރިހެން ދަރިފުޅުގެ ފޫޅޫދަނޑި ބުރުކޮށްލީ ރާދިންގެ ދެއަތުންނެވެ. ޝިހާނާގެ އަތުގައި ރާދިންއަށް ހިފާލެވުނީ ޝުކުރުވެރި ހިތަކާއެކުއެވެ.

އަރްސަލްއާއެކު ހުރި ނިމްރާ އޭނާގެ ބޮޑު ބަނޑާއެކު މަޑުހިނގުމުގައި އައިސް ޝިހާނާ އޮތް ކޮޓަރިއަށް ވަނެވެ. ދަރިފުޅު އުރާލައިގެން ޝިހާނާ އެނދުގައި އިންއިރު ބިލާލުއާއި ޝަރުމީނުގެ އިތުރުން ހަލަފް ވެސް އެތަނުގައި ތިއްބެވެ.

"ކޮބާ ދެން އޮތީ ނިމްގެ ފަހަރު އިނގޭ" ނިމްރާ އެނދާ ކައިރިވެލުމުން ޝިހާނާ ބުނެލީ ހިނިތުންވެލައިގެން އިނދެއެވެ. އެ މޫނުން ވަރުބަލިކަމަށްވުރެ ތާޒާކަން ފާޅުވޭވޭ ހުއްޓެވެ. މަންމައަކާއި ބައްޕައަކަށް ވުމުގެ އުފާވެރިކަން ޝިހާނާއާއި ރާދިންގެ ލޮލުގައި ވިދަވިދާ ހުއްޓެވެ.

"މަންމާ އަޅުގަނޑު އުރާލަން ދީބަލަ" ޝަރުމީނު މާމަ ދަރިފުޅު އުރާލައިގެން ހުއްޓާ ނިމްރާ ބުނެލިއެވެ. ޝަރުމީނު ނިކަން ބަލައިގެން ނިމްރާގެ އަތަށް އެ ތުއްތު ކުއްޖާ ލައިދިނެވެ. ނިމްރާގެ ފުރަގަހުގައި ހުއްޓިލައިގެން ހުރި އަރްސަލް ވެސް ރާދިންގެ ދަރިފުޅަށް ބަލާލިއެވެ. ލޯބިން ކޮލުގައި ކޮއްޓާލިއެވެ.

"އާނާސިސްއާ ވައްތަރީ" ނިމްރާގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި ހަލަފް ބުނެލިއެވެ. އެއާއެކު އެންމެން ވެސް ވައްތަރުވާ މީހަކު ބަލަން ވެއްޖެއެވެ. ރާދިން އެދެމެދަށްވަދެ ދަރިފުޅު އުރާލުމާއެކު އޭނާގެ ފިރިހެން ދަރިފުޅު ވައްތަރީ އޭނާއާކަމުގައި ބުނެލިއެވެ. އެންމެން ހިނިއައިސްފައި ތިބެ އެކަމާ ދެކޮޅެއް ނުހެދިއެވެ.

ހަވީރުވެގެން އައިއިރު ނިމްރާގެ ރިހުން ނަގަން ފަށައިފިއެވެ. ވިއްސާ ކޮޓަރިއަށް އޭނާ ވެއްދިފަހުން ހަތަރުގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ވޭންވަރުގައި އުޅުނު ނިމްރާގެ ގާތުގައި އަރްސަލް ހުއްޓެވެ. އެ ދެމަފިރިންގެ ހަރަކާތްތައް އެ ތަނުގައި އުޅުނު ޑަކްޓަރ ޒޭންގެ ނަޒަރު ހުއްޓިފައިވެއެވެ. އަރްސަލް ހާސްވެފައި ހުރިއިރު ހީވަނީ ވޭން އަޅަނީ އޭނާގެ ގައިގާ ހެނެވެ.

"ރިލެކްސް ބޭބީ... ރިލެކްސް... ބްރީތް ބޭބީ" އަރްސަލް ބުނަމުންދިޔައެވެ. އަދި ދޭތެރެއަކުން ނިމްރާގެ ނިތްކުރިމަތިން ދާފުހެލަ ދެއެވެ.

"ވިލް ޔޫ ޝަޓްއަޕް... ޔޫ ޑޯންޓް ނޯ ވަޓް އައި ފީލް" ބޮލަށް އުނދަގޫވެފައިވާ މީހަކު ފަދައިން ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ. ހަޤީޤަތުގައި ނިމްރާއަށްވުރެ އަރްސަލްގެ ހާސްކަމާއި ކަންބޮޑުވެފައިވާ މިންވަރު އެތައްގުނައެއް ބޮޑެވެ. އެކަމަކު އޭނާ އެހެން ބުނާކަށް ބޭނުމެއްނޫނެވެ. ނިމްރާ އުފަލަމުންދިޔަ ވޭން ފެނި އޭނާގެ ރުޅިވެރިކަމުގެ ބަސްތަކަށް ރައްދު ދިނުމުގެ އެއްވެސް ނިޔަތެއް އަރްސަލްގެ ނެތެވެ. އާދަޔާ ޚިލާފަށް އަނގަގަދަވެފައި ވަނީ ވެސް އަރްސަލްއަށް އޭނާގެ އަނބިމީހާގެ ވޭން ކުޑަކޮށްދެވޭނޭ ގޮތެއް ނޭނގިގެންނެވެ. ފަހަރެއްގައި އޭނާގެ ބަސްތަކުން ނިމްރާ ހަމަޖެހިދާނޭ ހީވާތީއެވެ.

"ޝީޒް އިން ސޯ މަޗް ޕެއިން... ބަލަން ނުހުރެ އޭނާގެ ތަދަށް އެއްޗެއް ދީބަލަ" އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ޑަކްޓަރ ޒޭންއަށް އަރްސަލް ބުނެލިއެވެ. ބުނެވުނީ ކިހާ މޮޔަ އެއްޗެއްކަން އަރްސަލްއަށް ވެސް އެނގުނީ ބަސްތައް ބޭރުކޮށްލެވުނު ފަހުންނެވެ.

"ޑޯންޓް ބީ ފްރަސްޓްރޭޓެޑް... ވިހަން އުޅޭއިރު ރިއްސާނެ، ނިމްއަށް ޖެހޭނީ ކެތްކޮއްލަން" ޒޭން ބުންޏެވެ. އޭނާއަށް އަރްސަލް ކަންބޮޑުވާވަރު އެނގެއެވެ. ހަމައެވަގުތު ޑަކްޓަރ ލޫކަން ވެސް އެތަނަށް ވަދެގެން އަތުވެއްޖެއެވެ.

"ދޭ ބޯތް އާ މޭޑް ފޯ އީޗް އަދާ އެންޑް އިޓްސް ސޯ މަޗް އެންޓަރޓެއިނިންގް ހިއާ... އަހަރެން ހިނިގަނޑު ހިފަހައްޓައިގެން ހުންނަތާ ވީއިރެއް ވެސް ނޭނގޭނެ، އޭނާ އަނބުރައިގަނެގެން ނުވެއްޓިއްޖެއްޔާ ރަނގަޅު" ޒޭންގެ އަތުގައި ހުރި ރިޕޯޓުތައް ބަލަން ލޫކަން ގާތްވެލުމާއެކު ސިއްރުން ކަހަލަ ގޮތަކަށް އޭނާ ބުނެލިއެވެ.

"އަދިކިރިޔާއެއްނު ޒޭނަށް އެ ދެ މީހުންގެ ކަންތައް ތިފެންނަނީ، އަހަރެން ކިޔައިދިނީމެންނު ނިމްއާ ބައްދަލުވި ދުވަހު އޭނާ އުޅުނު ގޮތް، ސްކޭން ހައްދަން އަންނަ ދުވަސްދަވަހު ވެސް ނިކަން ފޯރި ހުންނާނެ، އެކަމަކު ބުނަންތަ، އަހަރެން ހިތުގެ އަޑިން އެ ދެ ޒުވާނުންނާ މެދު އުފާކުރަން، ވަރަށް ތަފާތު ދެ މީހުން، އެ މީހުންގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކަށްފަހު އެ ދެމެދުގައި އުފެދުނު ލޯތްބަކީ އެހާ ފަސޭހައިން ނައްތާލެވިދާނެ ކުލުނެއްނޫން، މިއަދަށްފަހު އަދި ވަކިން އޭނާއަށް ނިމް މުހިންމުވާނެ... ދޭ އާ މޭޑްލީ އިން ލަވް ވިތް އީޗް އަދަރ" ލޫކަން ބުންޏެވެ. އޭނާ ދެއަތަށް ސާޖިކަލް އަންގިލައްވާލުމާއެކު ތައްޔާރުވެލިއެވެ. އަދި ނިމްރާގެ ފައިކޮޅުގައި ހުރި ގޮނޑީގައި އައިސް އިށީނެވެ. ޒޭންގެ އިރުޝާދާއެކު އެތަނުގައި ތިބި ނަރުސްކުދީން ވެސް ސަމާލުކަމަށް އައެވެ.

"އޯކޭ ނިމް، އިޓްސް ޓައިމް ޓު ޕުޝް، ޖަސްޓް ލިސްން ޓު މައި ވޮއިސް" ލޫކަން ބުންޏެވެ. ފުންނޭވާތަކެއް އެއްވަރަކަށް ލަމުންދިޔަ ނިމްރާ ބޯޖަހާލިއެވެ. އަދި ލޫކަން ބުނެލުމާއެކު ވިހެއުމަށް ހިފާލިއެވެ.

"ޔޫ ކޭން ޑޫ އިޓް... މައި ސްކާލެޓް" ދަތްތައް ބާރުކޮށްލައިގެން ހުރެވުނު އަރްސަލް ބުނެލިއެވެ. އޭނާގެ މޫނުމަތިން ހީވަނީ ވިހަން ހިފަނީ އޭނާ ހެނެވެ. އެނދުގެ ދެފަރާތު ދަގަނޑުގައި ހިފަހައްޓައިގެން އޮތް ނިމްރާއަށް ވަގުތުން ކަޅިއަޅާލެވުނެވެ.

"ބުނެލަން ކިހާ ފަސޭހަ... ވިހަން އެނދުގައި މިއޮތީ އަހަރެން" ނިމްރާ ބުނެލިއެވެ. އަތް ހޫރާލަން އުޅުނު ވަގުތު އެ އަތުގައި އަރްސަލް ހިފައިފިއެވެ.

"އައި ވިލް ޓްރޭޑް އެވްރިތިންގް އައި ހޭވް ޓު އެކްސްޗޭންޖް އިން ޔޯ ޕޮޒިޝަން ސްކާލެޓް" އަރްސަލްގެ މޫނުމަތިން ފާޅުވާ އާދޭހުގެ އަސަރު ނިމްރާއަށް ފާހަގަވެއެވެ. އަޅާވޭނުގައި އޭނާއަށް އަރްސަލްއާ ޖަދަލުކުރެވެނީ ބޭއިޚްތިޔާރުގައެވެ. އެފަދަ ވަގުތެއްގައި ވެސް ޅަފުރައިގެ ކުއްޖަކު އުޅޭހެން އަރްސަލް އުޅޭތީއެވެ.

"ފޯކަސް... ނިމް... ޔޯ ޗައިލްޑް އިޒް އޯލްމޮސްޓް ހިއާ، ފޯކަސް އެންޑް ކޮންޓިނިއު ޓު ޕުޝް" ލޫކަން ގޮވާލިއެވެ. އެހިނދު ނިމްރާ އެފަދައިން ކަންތައް ކުރިއެވެ. އަރްސަލްގެ އަނގަ ހުޅުވިގެން ދިޔައީ އޭނާގެ އަތުގައި ނިމްރާ ހިފާލިލެއް ބާރުކަމުންނެވެ. އެފަދަ ބާރެއް ނިމްރާގެ ފުށުން މީގެ ކުރިން ފެނިފައެއްނެތެވެ. އަޖައިބުވިޔަސް އެ އަތުން އަރްސަލް ދޫކޮށްލުމުގެ ނިޔަތެއްނެތެވެ. އޭގެ ބަދަލުގައި އޭނާގެ މުށުތެރޭ ބާރަށް ނިމްރާގެ އަތްތިލަ ހިފަހައްޓާލީއެވެ.

"ޕުޝް މައި ލަވް، ކަމް އޯން... ޔޫ ކެން ޑޫ އިޓް" އަރްސަލްގެ އަޑު އިވިއިވި ހުއްޓެއްކަމަކު ނިމްރާއަށް ހިނދުކޮޅަކަށް ވީނުވީނޭނގި ވަށައިގެން ހުރިހާކަމެއް ހިމޭންވެގެން ދިޔަ ފަދަ އިޙްސާސެއް ކުރެވުނެވެ. ދެން އިވުނީ ތުއްތު ދަރިފުޅުގެ ރޯލުމުގެ އަޑާއި ޑަކްޓަރ ލޫކަންގެ އަޑެވެ. އަރްސަލްގެ ގާތަށް ޑަކްޓަރ ޒޭން އައެވެ.

"ޕްލީޒް ކަޓް ދި ކޯޑް" ޑަކްޓަރ ޒޭން ބުނެލިއެވެ. އޭރު ލޫކަންގެ ހުނަރުވެރި އަތުގެ ތެރޭ ހިފަހައްޓާލައިފައިވާ ފިރިހެން ދަރިފުޅަށް އަރްސަލްގެ ނަޒަރު ހުއްޓިފައިވިއެވެ. ހިތްވިރިގެންދާފަދަ އިޙްސާސެއް އޭނާއަށް އެވަގުތު ކުރެވިގެންދިޔައެވެ. ލިބުނު އުފާ ބަޔާންކުރާނޭ ގޮތެއް ވެސް ނޭނގުނެވެ. އެނބުރި ނިމްރާއަށް ބަލާލެވުނީ ކަރުނުން ފުރިގެންވާ ދެ ލޮލުންނެވެ. އެވަގުތު އަނެއްކާ ވެސް ޒޭން ގޮވާލައިފިއެވެ. ތުރުތުރުލަމުންދިޔަ އަތުގައިވާ ކަތުރުން ޒޭންގެ އިރާޝާދާއެކު ފޫޅުދަނޑި އަރްސަލް ބުރިކޮށްލީ އަވަސްވެފައިވާ ހިތަކާއެކުއެވެ.

"އިޓްސް ނޮޓް އޯވާ ޔެޓް... ނިމް... ޔޫ ހޭވް ޓު ޕުޝް އަގައިން" ޑަކްޓަރ ލޫކަން ބުނެލިއެވެ.

ދެވަނަ ދަރިފުޅު އުފަންވީ އޭގެ ކުޑަ ހިނދުކޮޅެއް ފަހުންނެވެ. ފިރިހެން ކުއްޖަކަށްފަހު އަންހެން ކުއްޖެކެވެ. އެއްމާބަނޑު ދެބެންނެވެ. އެއްކޮށް ސާފުކުރުމުގެ ކުރީން ދެ ދަރީން ގެނެސް ނިމްރާގެ މޭމަތީ ބާއްވާލިއެވެ.

"އާ ދޭ އޯކޭ" ގުނބުހިލިފައިވާ ނިމްރާގެ ހިކިފައިވާ ދެ ތުންފަތުގެ ތެރެއިން އަޑު ނުކުތީ އުނދަގުލުންނެވެ.

"ދޭ އާ ޕާފެކްޓް ސްކާލެޓް" ފެންކަޅިވެފައި ހުރި އަރްސަލްއަށް ހީނލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ނިމްރާއާ ގާތަށް ޖެހިލައި ގުދުވެލުމާއެކު ނިމްރާގެ ނިތްކުރީގައި ބޮސްދީފިއެވެ.

"ތެންކިއު ލަވް، ލޯބިލޯބި އަންހެންކުއްޖަކާއި ފިރިހެން ކުއްޖެއް އަހަންނަށް ދިނީތީ" ނިމްރާގެ ނިތްކުރިން ނެއްޓުނު އަރްސަލްގެ ތުންފަތުގެ ދޭތެރެއިން އިވުނު ބަސްތަކުން ނިމްރާގެ ހިތް ފުރިއްޖެއެވެ.

ޢާއިލާގެ އިންތިޒާރު ނިމުމަކަށް އައީ ނިމްރާއާއި ކުދީން ހޮސްޕިޓަލްގެ ކޮޓަރިއަކަށް ބަދަލުކުރުމުންނެވެ. މައްސަލައެއް ދިމާނުވެ ނިމްރާ ހެޔޮހާލުގައިވީތަން ފެނުމުން ބިލާލާއި ޝަރުމީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި އެއްދުވަސް ތެރޭ ލިބުނު އުފާވެރިކަން އިންތިހާއަށް ގޮސްފައިވާ ފަދައެވެ. ޢާއިލާއަށް ކުޑަކުޑަ ތިން މެންބަރުން އިތުރުވީއެވެ. ދެ ފިރިހެން ކުދީންނާއި އެއް އަންހެން ކުއްޖެކެވެ. ﷲއަށް ޝުކުރުވެރިވުމަށް ބިލާލު އަވަސްވެގަތެވެ. އޭނާގެ ދުޢާ އިޖާބަކުރެއްވި ރަސްކަލާނގެއަށް ޝުކުރުވެރިކަމުގެ ސަޖިދައަށް ތިރިވުމަށެވެ. ލިބިފައިވާ އުފާވެރިކަމާއި ޢާއިލާގެތެރޭގައި އޮތް ހަމަޖެހޭ މަސްލަހަތު އެގޮތުގައި ގިނަ ދުވަހަށް ލެހެއްޓުން އެދި ދަންނަވާށެވެ.

* * * * *

ތިން ހަފްތާ ފަސް.

މެންދުރު ފަސްވީއިރު ހ.ޕްރިމްރޯޒް ގޯތީގެ ބިއްދޮށް ފަރާތުގައި އޮތް ހުސްބައިގައި އަޑުފަށްގަނޑު ގަދަވެފައިވެއެވެ. ދެންޖިންސުގެ ޒުވާނުން ހީ ސަމާސާ ކުރާ އަޑު އިވެއެވެ. ހިޔާކޮށްފައި އޮތްއިރު އެތަނުގައިވަނީ ގިނަ ބަޔަކަށް އިށީނދެވޭނޭހެން ދިގު މޭޒެއް ބަހައްޓާފައެވެ. އެންމެ މޭޒަކުން ނުވާނޭތީވެ ދެ މޭޒު ހުރީ ގުޅުވާލާފައެވެ. އޭގެ މަތީ ތަފާތު ކާއެއްޗެހި އަތުރަމުން ދިޔައެވެ. ލިބުނު އައު ރައްޓެހިންނާއި ޒަމާންވީ އެކުވެރިންނާއި ޢާއިލާގެ އެންމެން އެތަނުގައި ހަރަކާތްތެރިވަމުންދިޔައެވެ. އެއީ ޢާއިލާއަށް އިތުރުވި ތިން މެންބަރުންގެ ނަންކިއުމުގެ ޙަފުލާއަށް ފަހު އެ ގޭތެރޭގައި ބޭއްވޭ އެންމެ ބޮޑު ޙަފުލާއެވެ. އެންމެން އުޅޭގޮތް ފެންނައިރު ހީވަނީ އެއީ ބޮޑު އެއް ޢާއިލާ ހެނެވެ.

"އައިރާ" ބިއްދޮށް ފަރާތު ދޮރުމަތީ ހުރެ ހަނާ އަޅާލަމުން ނިމްރާ ގޮވާލިއެވެ. އެއާއެކު އެއްވެ ތިބި ފިރިހެން ގުރޫޕުގެ ސަމާލުކަން އެ ދިމާއަށް ހުއްޓުނެވެ.

"ޑެޑީ ގާތު މަޑުކުރޭ އިނގޭ" ލޫކަންއާ ފިރިހެން ދަރިފުޅު ހަވާލުކޮށްލުމާއެކު ނިމްރާގެ ގާތަށް ދިއުމަށް އައިރާއައެވެ.

"ބޭބީ ހޭލީތަ؟" އައިރާ އަހާލިއެވެ. އަދި ދެ އަންހެންކުދީން އެކުގައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އަނބިންގެ ވާހަކަނޫން ވާހަކައެއް ކަލޭމެންގެ ތެރޭގައި ދައްކަން ނޯވޭތަ" ކޯކުތަށިތައް ހިފައިގެން ތިބި ގުރޫޕުގެ ތެރޭގައި ހުރި ޒިވަން ބުނެލިއެވެ.

"ޒޭވިއާ... ކަލޭ ވެސް ދެން މީހަކާ އިންނަން އުޅޭ، ހަޤީޤީ އުފަލަކީ މީ އިނގޭ، އަހަރެމެންނަށް އަނބިންނާ ނުލާ އެއްކަމެއް ވެސް ނުވާނެ" އަރްސަލް އިނދެފައި ބުނެލިއެވެ. އެތަނުގައި ތިބީ އަރްސަލްއާއި ޒިވަންގެ އިތުރުން ރާދިންއާއި ޑަކްޓަރ ލޫކަންއާއި ޑަކްޓަރ ޒޭންގެ އިތުރުން ޝިހާނާގެ ބޭބެ ޝިޔާޒެވެ. އެންމެންގެ ހިނގަނޑު ފަޅައިގެންދިޔައެވެ. ޒިވަންއަށް އެ މީހުންގެ ވާހަކައިގައި ބައިވެރިނުވެވިގެން އުޅެނީ ކީއްވެކަން މާނޫން ގޮތަށް ހާމަކުރީމައެވެ.

"މިޢުވާނު ދޫކޮށްލީތަ؟" ޒިވަންއާއެކު އެކަނިވުމުން އަރްސަލް އަހާލިއެވެ.

"އެކަމާ ހާސްނުވޭ އޭނާ ނޭވާލާނޭ ފުރުޞަތެއް ނުދޭނަން، މިހާރު ހުރީ އެއްކޮށް ބަނގުރޫޓުވެފައި، އެ ލޯޔަރު ދޮގެއް ނުހަދާ، އޭނާ ޑީލްއެއް ކަޓްކުރީކަން އަހަރެން ބުނީމެންނު، އެ ބިޒްނަސް ފޯލްވާނޭކަން ޔަގީންވާތީ މިޢުވާނު ވިއްކާލީ" ޒިވަން ބުންޏެވެ. ނިމްރާއަކީ ޒިވަންގެ ކޮއްކޮކަން އެނގުނު ދުވަހުން ފެށިގެން އަރްސަލްއަށް ވުރެ ވެސް ބޮޑަށް ނިމްރާގެ ދިރިއުޅުމާ މިޢުވާނު ކައިރިވިޔަ ނުދިނުމަށް ކުރެވެން ހުރިކަމެއްވިއްޔާ ކުރަން ޒިވަން ހުރީ ފައިވިއްދާލަފައެވެ.

"އޭނާ ދެވަނަ ފަހަރަށް އަހަރެންގެ ނިމްއަށް ގޮތެއް ހެދިނަމަ އަހަރެންގެ އަތުން މަރުވީސްކަން ޔަގީން" ދަތްކުނޑިވިކާލައިގެން ހުރި އަރްސަލް ބުނެލިއެވެ.

"ކަމޯން މޭން، އަހަރެންގެ ލިޓްލްވަންގެ ފިއުޗާއާ މެދު އަހަރެން ވިސްނަމޭ، އޭނާގެ ފިރިމީހާ ޖަލުގައި އޮންނާކަށް އަހަންނަށް އެއްބަހެއްނުވެވޭނެ ދޯ... ޖަސްޓް ލީވް ދި ޑާޓީ ވޯކް ފޯ މީ" އަރްސަލްގެ ކޮނޑުގައި ޖަހާލަމުން ޒިވަން ބުންޏެވެ.

މިޢުވާނު ހައްޔަރުކުރީ ހަށިވިއްކާކަމުގެ ޚަބަރު ފުލުހުންނަށް ލިބިފައިވާ ގެސްޓުހައުސްއެއްގެ ތެރެއިންނެވެ. ފުލުހުންނަށް އެ ޓިޕް ދިން މީހަކީ ޒިވަންއެވެ. ފައިސާގެ ދަޅަދައްކައި އަންހެންކުއްޖެއްގެ އަވާގައި ޖައްސުވައި އެ ގެސްޓު ހައުސްއަށް މިޢުވާނު ވެއްދުމުގެ ހުރިހާ ރޭވުމެއް ރޭވީ ވެސް ޒިވަންނެވެ. ފުލުހުން ރެޑްކޮށް އޭނާ ހިފައި ހައްޔަރުކޮށް އެ ގެސްޓްހައުސްގައި ތިބި އެހެން މީހުން ވެސް ހައްޔަރުކުރީއެވެ. ކައިރީގައި އޮތީ އޭނާއާއެކު އެކޮޓަރިއަށް ވަން އަންހެންކުއްޖާ ނޫންކަން ވެސް މިޢުވާނަށް އެނގުނީ ފުލުހުން އެ ކޮޓަރިއަށް ވަދެ އަލިކުރުމުންނެވެ. އޭނާ ނިމްރާއަށް ފާރަލާތޯ ޒިވަން އަންނަނީ ބަރާބަރަށް ބަލަމުންނެވެ. ޒިވަން ހުރިހާ ދުވަހަކު ނިމްރާގެ ކުރިމައްޗަށް މިޢުވާނު އެރިއަކަށް އޭނާ ނުދޭނެއެވެ.

މުޅި މާޙައުލުގައިވަނީ އުފާވެރިކަމެވެ. ޝަރުމީނުގެ ހިތުގެ އެދުން ފުރިހަމަވީ އަރްސަލްއާއި ރާދިންގެ ދުލުން މަންމާއޭ ގޮވާލާ އަޑުއިވެމުންދާތީއެވެ. އޭނާއަށް އިންތިހާއަށް ނަފުރަތުކުރި އަރްސަލް ހުރިހާ ގޮތަކުން މަންމައެއްގެ ސިފައިގައި އޭނާ ބަލައިގަނެފިކަމުގެ ޔަގީންކަން ޝަރުމީނަށް ލިބިއްޖެއެވެ. ސުފުރާ ދޮށުގައި އެންމެން ތިބިއިރު އެކިއެކި ވާހަކަތައް ކުރިއަށް ދިޔައެވެ. ސްކާލެޓް ގޮމަ ހޮޓެލްގެ ފަންސާސް އިންސައްތަ ޚިއްޞާދާރަކީ ނިމްރާކަން ޢިއުލާން ކުރީ ރާދިންނެވެ. އެއީ ރާދިންގެ ނިންމުމެއްކަން އަރްސަލް ޔަގީންކޮށްދިނެވެ. ހޮޓެލް ހަދާފައި ހުރި ބިން، ރަންދޯދި ގޭގެ ރަޖިސްޓްރީ ނިމްރާގެ މައްޗަށް އޮތީ ބަދަލުކޮށްދީފައެވެ. ނިމްރާ ލައްވާ ސޮއިކުރުވި ލިޔުންތަކަކީ އެއީކަން އަރްސަލް ހާމަކުރިއެވެ. އަދި އިތުރު ހަދިޔާއެއްގެ ގޮތުގައި ނިމްރާގެ ކާފަ ހިންގަމުން އައި ވިޔަފާރި ކުންފުނީގެ ލިޔުން ހަވާލުކުރިއެވެ. އަޖައިބުވެފައި އިން ނިމްރާއަށް ގުޑިލަން އެނގުނީ ވެސް އިރުކޮޅެއް ފަހުންނެވެ. އެންމެ ފުރަތަމަ ވެސް އިވިގެންދިޔައީ ބިލާލުގެ އަތްތިލަބަޑީގެ އަޑެވެ. އެހެންމީހުންގެ ތަހުނިޔާއާއި އަތްތިލަބަޑީގެ އަޑުފަށްގަނޑު އިވިގެންދިޔައެވެ. ދެ ފިރިހެންދަރީންނަށް ބިލާލު ބަލާލީ ފަޚުރުވެރިކަމާއެކުއެވެ.

ކައިނިންމާފައި ސުފުރާ މަތިން ފޭބުމާއެކު ޖޯޑުޖޯޑަށް ދެމަފިރިންތައް އެކިދިމަދިމާއަށް އެއްވެޖެއެވެ. އެގޮތުން އަރްސަލް ވެސް އައީ ނިމްރާގެ ގާތަށެވެ. އޭރު ފިރިހެން ދަރިފުޅު އުރާލައިގެން ކޮޓަރީގައި ނިމްރާ ހުއްޓެވެ. ކުޑައެނދުގައި އަންހެން ދަރިފުޅު ނިދާފައި އޮތެވެ.

"އަނެއްކާ ހޭލީތަ؟" އަރްސަލް އަހާލިއެވެ.

"ބައްޕަ ކަހަލަ ކުއްޖެކޭމީ، އަބަދު މަންމަ ގައިގާ ތަތްކޮށްލައިގެން އޮންނަންވިއްޔާ ބޭނުންވަނީ" ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ލުއިގޮތަކަށް ހީނލިއެވެ. އަދި ނިމްރާގެ ފުރަގަހުން އައިސް އޭނާގެ އުނަގަނޑުގައި ދެއަތްވަށާލިއެވެ. ލޯބިން ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ.

"އަހަރެންގެ ދިރިއުޅުން ސްކާލެޓް ފުރިހަމަކޮށްދީފި... އެންމެ ކުއްޖެއްނޫން، ދެ ކުދީން ތި ދިނީ އަހަންނަށް" ނިމްރާގެ އަތުގައި އޮތް ދަރިފުޅުގެ ކުޑަކުޑަ އަތުގައި އަރްސަލް ހިފާލިއެވެ.

"ގެއްލުނު ދެ ފުރާނައިގެ ބަދަލު އަހަންނަށް ދެވިއްޖެ، ތި ހިތުގެ ރުހުން ވެސް ލިބިއްޖެ... މި ނިމްރާގެ ދިރިއުޅުން އަރްސަލްއާ ނުލާ ފުރިހަމައެއްނުވާނެ، މިއަދު އަހަރެންގެ އަތުން ބީވި ހުރިހާ އެއްޗެއް އަރްސަލް އަނބުރާ ހޯދައިދީފި، ޝުކުރުއަދާކުރާނޭ ގޮތެއް ނޭނގިފައި މިހުރީ" ފުރަގަހުގައި ހުރި އަރްސަލްގެ ގައިގާ ނިމްރާ ލައްވެލިއެވެ.

"އަރްސަލްއަކީ ނިމްރާގެ ހައްޤެއް، އަބަދުވެސް... އަހަރެންގެ ލޯބިވާ ސްކާލެޓްއަށް ރުހުންދިންތާ ކޮންދުވަހެއް، މީ ކުށުގެ ކައްފާރައެއްނޫން، މީ އަރްސަލްއާއި ނިމްރާގެ ދެމެދުގައި އޮތް ލޯބި.... މީ އަހަރެމެންގެ ލޯބީގައި އެޅި ފޮނި މޭވާ، އަހަރެންދެކެ އަބަދުވެސް ތިހާ ލޯބިވާނަންތަ" އަރްސަލްގެ ވާހަކަތަކުން ނިމްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ހަމައެހިނދު އިސްތަށިގަނޑުގެ ތެރޭ އަރްސަލްގެ ދެތުންފަތް ޖައްސާލައި ބޮސްދިން ކަމުގެ އިޙްސާސް ނިމްރާއަށް ވުމާއެކު ދެ ލޯ މަރާލެވުނެވެ.

"އައި ލަވް ޔޫ މައި ޑެވިލް... އައި ވިލް އޯލްވޭޒް ލަވް ޔޫ" ހިނިތުންވެލައިގެން ހުރި ނިމްރާ ބުނެލިއެވެ.

"އައި ލަވް ޔޫ މޯ މައި ސްކާލެޓް" ނިމްރާ އިހުނަށްވުރެ ގާތްކޮށްލަމުން އޭނާގެ ކަންފަތްދޮށުގައި އަރްސަލް ބުނެލިއެވެ.

"ހިތަށް އަރާ ދެން ވެސް ލިބޭނީ ޓުވިންސްބާއޭ" އިރުކޮޅަކު ހުރެފައި ނިމްރާ ބުނެލިއެވެ.

"އޯ ނޯ...ނޯ...ނޯ.... އައި ވިލް ސެޓްލް ފޯ ހެވިން އޮންލީ ދީސް ޓުވިންސް، އައި ޑޯންޓް ވޯންޓް ޓު ޕުޓް ޔޫ އަގައިން ވިތް ދި ޕެއިން ޔޫ ހޭވް ސަފާޑް އިން ޔޯ ލޭބާ" ނިމްރާއާ ދުރަށް ޖެހިލައި ދެއަތް ހިއްލާލައިގެން ހުރެ ދެފަރާތަށް ބޯހޫރަމުން އަރްސަލް ބުނެލިއެވެ.

"އިޓްސް ނޮޓް ދެޓް ބޭޑް" ހެވިފައި ހުރެ ނިމްރާ ބުނެލިއެވެ. އަދި މަޑުމަޑުން އައިސް ކުޑައެނދުކައިރީ ހުއްޓި ދަރިފުޅު ބޭއްވިއެވެ.

އުންމީދުނުކުރާހާ އުފަލާއި ހިތްހަމަޖެހުން އަރްސަލްއާއި ނިމްރާގެ ދިރިއުޅުމަށް ވަނީ އައިސްފައެވެ. ލޯބިން ފުރިގެންވީ ހިމޭން ބަލާލުމަކުން އެކަކު އަނެކަކަށް ބަލާލިއެވެ. ކުރިއަށް ފިޔަވަޅު ނެގީ އަރްސަލްއެވެ. އޭނާގެ ލޯބިވާ ސްކާލެޓްއާ ނުލާ ދިރިހުރުމުގެ އުފަލެއްނެތެވެ. ތަޤުދީރުގެ ނިޔާ ވަރަށް ވެސް ފުރިހަމައެވެ. އަރްސަލްއަށް ނިމްރާ މިލްކުކުރެވިއްޖެއެވެ. ނިމްރާއަށް އަރްސަލްގެ ރުހުމާއެކު އެ ހިތް ފަތަހަ ކުރެވިއްޖެއެވެ. އެ ދެ ޒުވާނުންވަނީ އެކަކުއަނެކަކަށް ޓަކައިކަން ޔަގީނެވެ. ކޮންމެ މީހަކަށް ވެސް ބައިވެރިއަކުވާނެއެވެ. އެވަގުތު ޖެހި އެ ބައިވެރިޔާއާ ބައްދަލުވާނީ ކޮންއިރަކު ކިހިނެއްކަމެއް ނޭނގޭނެއެވެ. އެހެންވިޔަސް އުންމީދު ކަނޑާނުލާށެވެ. ހިލަހިތެއް މަޑުކޮށްލާހާ ބާރު ލޯބީގައިވެއެވެ. ނާއުންމީދުނުވެ ތަޤުދީރުގެ އެ ބައިވެރިއާއަށް އިންތިޒާރުކުރާށެވެ. (ނިމުނީ)