ޕެޕް ގާޑިއޯލާ

ޖަރުމަންގެ ފުޓްބޯޅަ ދަށްވީ ގާޑިއޯލާގެ ސަބަބުން: ބްރީގެލް

ޖަރުމަންގެ ގައުމީ ޓީމު މިހާރު ވެއްޓިފައިވާ ވަޅުގަނޑަށް ވެއްޓުނީ ޕެޕް ގާޑިއޯލާ ޖަރުމަނަށް ގެނައި ސިސްޓަމްގެ ސަބަބުން ކަމަށް ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ހެންސް ޕީޓާ ބްރީގެލް ބުނެފި އެވެ.

ގާޑިއޯލާ ވަނީ، ޖަރުމަންގެ އެންމެ ބޮޑު ކުލަބު ބަޔާން މިޔުނިކަށް ތިން އަހަރު ވަންދެން ކޯޗު ކޮށްދީފަ އެވެ. ސްޕެއިންގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕާއި މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ފައިނަލުގައި ވެސްޓް ޖަރުމަން ޓީމުގައި ކުޅުނު ބްރީގެލް ބުނީ، 75 ޕަސަންޓަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ކާމިޔާބު ހޯދޭނެ ކަމަށް ޖަރުމަންގައި ގާޑިއޯލާ ބުނެފައި ވެއެވެ.

"އެއީ އޭނާ [ގާޑިއޯލާ] ގެ މައްސަލަ، އޭނާ ބުނި ކާމިޔާބު ހޯދުމަށްޓަކައި 75 ޕަސަންޓަ ބޯޅަ ޕޮޒިޝަން ކޮންޓްރޯލް ކޮށްގެން ކުޅުމުން ފުދެޔޭ، އެހެން ބުނެ އޭނާ އަހަރެމެންނަށް އޮޅުވާލީ،" ކުރިން ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރި ބްރީގެލް ބުންޏެވެ.

"އެއީ ފުޓްބޯޅައިގެ ކޭސްއެއް ނޫން، ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުމަށް ވުރެ ފުޓްބޯޅައިގައި މުހިންމު ކަމަކީ ނަތީޖާ ނެރުން، މޮޅުވާކަށް ބޯޅަ ކޮންޓްރޯލް ހޯދާކަށް ނުޖެހޭ، މިފަހަރުގެ ވޯލްޑްކަޕުގައި ފްރާންސުން އެވަނީ އެކަން ސާބިތު ކޮށްދީފަ."

އޭނާ ބުނީ، ކުރީގެ ޓްރެޑިޝަނަލް ސްޓައިލަށް ކުޅެގެންވެސް ފުޓްބޯޅައިގައި ކާމިޔާބު ހޯދި ދާނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ގޭމް ސްޓައިލްގައި ހަމަހަމަ ކަން ގެނައުން ކަމަށެވެ.

މި އަހަރަކީ، ފުޓްބޯޅައިގައި ޖަރުމަނަށް ވަރަށް ބޮޑަށް ނާކާމިޔާބު އަހަރެކެވެ. ވޯލްޑްކަޕުގެ ފުރަތަމަ ބުރުންވެސް އެ ޓީމު ކަޓައިގެން ދިޔައީ އެވެ. ވޯލްޑްކަޕުގައި އެ ޓީމު ވަނީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ. ޔޯކިމް ލޯގެ ކޯޗު ކަމުގެ ދަށުން އެ ޓީމުން މި އަހަރު ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.