ހަބަރު

ސިފައިންގެ ފްލެޓްތައް އަވަހަށް ނިންމަން މިނިސްޓަރު މަސައްކަތް ފައްޓަވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ސިފައިންނަށް އިމާރާތް ކުރަމުން އަންނަ ފްލެޓްތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ. މިއީ މާރިޔާ ޑިފެންސް މިނިސްޓްރީއާ ހަވާލުވުމަށްފަހު ސިފްކޯއާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މާރިޔާ ވަނީ އެ ބައްދަލުވުމުގައި ސިފްކޯ ހިޔާ ފްލެޓްތަކުގެ ޕްރޮޖެކްޓް ބަލަހައްޓާ އެމްއެންޑީއެފުގެ މިލިޓަރީ އިންޖީނިއަރުންގެ ޓީމާވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ސިފްކޯ ހިޔާ ޕްރޮޖެކްޓް މިހާރު ގޮސްފައިވާ ހިސާބާއި، ޕްރޮޖެކްޓް އަވަސް ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށް، މައުލޫމާތު ހޯދާފައެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލޭގައި އިމާރާތްކުރާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. އެ މަސައްކަތް ކުރިޔަށް ނުގެންދެވިވަނީ އެ މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާއަށް ދަތިވެ އެ މަސައްކަތް ނުކުރެވިގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފަ އެވެ.

ސިފްކޯހިޔާގައި ހިމެނެނީ، ސޯޝަލް ހައުސިން ޔުނިޓްތަކަށްވުރެ ލަގްޒަރީ ފެންވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައި ވެސް 900 އަކަފޫޓު ހުރެއެވެ. ސިފްކޯ ހިޔާ ގައި ހިމެނެނީ 330 ފްލެޓެވެ.

އެ ފްލެޓްތަކާއި ފުލުހުންނަށް އިމާރާތް ކުރާ ފްލެޓްތައް ނިންމަން މިއަހަރުގެ ބަޖެޓްގައި 100 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.