ދ. ބަނޑިދޫގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް 500 އަށްވުރެ ގިނަ ރުއް، ގަސް ނަގާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ބަނޑިދޫއިން ގިނަ އަދަދެއްގެ ރުއް ނަގާ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވެފައިވަނީ ގަވާއިދާ ހިލާފަށް ގިނަ ރަށްތަކަކުން ރުއް ގަސް ނެގުމުގެ މައްސަލަތަކެއް މީގެކުރިން ފެންމަތިވެފައިވަނިކޮށެވެ. ބަނޑިދޫއިން ގިނަ އަދަދެއްގެ ރުއް ނަގަނީ އީއައިއޭ ރިޕޯޓެއް ހެދުމަށްފަހު އެވެ. އެކަމަށް ބޭނުންވާ ހުއްދަތައް ވެސް ނަގައިގެންނެވެ.
ބަނޑިދޫގެ ތަރައްގީގެ މަޝްރޫއުއަކަށް އެ ރަށުގައި 11 މަގެއް ހެދުމަށް ވަނީ ނިންމާފަ އެވެ. އެ މަގުތައް ހެދުމަށްޓަކައި ޖުމްލަ 582 ރުކާއި ތިން ގަސް ނަގަންޖެހޭ ކަމަށް އީއައިއޭ ރިޕޯޓްގައިވެ އެވެ. އެތަކެތި ނަގަނީ ރަށުގެ އެކި ދިމާތަކުންނެވެ.
ރުއްތައް އަލަށް ހަދާ ރިސޯޓަށް!
ބަނޑިދޫއިން ރުއް ގަސް ނަގައިގެން އެ ރަށުގައި އާ މަގުތަކެއް ހެދުމުގެ މަޝްރޫއު ގުޅުވާލާފައިވަނީ އެ އަތޮޅުގެ އަލުވިފުށީގައި އަލަށް ހަދާ ރިސޯޓް ފެހި ކުރުމުގެ މަޝްރޫއާ އެވެ. މި މަޝްރޫއަކީ ބަނޑިދޫ ކައުންސިލުން އެދިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ރަށުން ރުއް ގަސް ނަގައިގެން ބިން ސާފުކުރުމުގެ މަސައްކަތާ ހަވާލުވެފައިވަނީ ރިސޯޓްގެ މަސައްކަތް ކުރަމުންދާ ސަން ކޮންސްޓްރަކްޝަން އެންޑް އެންޖިނޭރިން ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަޝްރޫއުއަށް ހުރިހާ ހޭދައެއް ކުރަނީ އެ ކުންފުނިންނެވެ.
އީއައިއޭ ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ބަނޑިދޫގައި ރަށުގެ މަގެއް ހެދުމަށްޓަކާ ބިން ސާފުކުރުމަށް ރަށް ކައުންސިލް ބޭނުންވި ނަމަވެސް މި މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ސާމާން ލިބެންނެތުމުން މަސައްކަތް ކުރިއަށް ނުގެންދެވިފައިވާ ދަނޑިވަޅެއްގައި ބިން ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އަލުވިފުށި ރިސޯޓް މަޝްރޫއުގެ ކޮންޓްރެކްޓަރު ހުށަހެޅުމެވެ.
ބަނޑިދޫއިން ނަގާ ރުއް، ގަހުގެ ތަފްސީލް
- ނުފޯދޭ ބޮޑެތި ރުއް: 23
- ނުފޯދޭ އާދައިގެ ރުއް: 25
- ނުފޯދޭ ކުދި ރުއް: 191
- ފޯދުނު މޮޅެތި ރުއް: 334
- ފޯދުނު އާދައިގެ ރުއް: 9
- ހިރުނދު ގަސް: 2
- ކާނި ގަސް: 1
މިހާ ގިނަ ރުއް ނެގުމަކީ ތިމާވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއް ކަމަށް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ މަޝްރޫއުއަށް ނަގާ ކޮންމެ ރުކެއް އަދި ގަހެއްގެ ބަދަލުގައި ދެ ގަސް އިންދުމަށް ރިޕޯޓްގައި ލަފާދީފައިވެ އެވެ.
ނަމަވެސް، ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ މީހުންނާއި ޖަމިއްޔާތައް އަދި، ރަށުގެ ބައެއް މީހުން ވެސް ދަނީ މިކަމާ ސޯޝަލް މީޑިއާގައި ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތިމާވެށީގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކުރާ، "ސޭވް މޯލްޑިވްސް"އިން ވަނީ މިކަމުގެ ކަންބޮޑުވުންތައް "އަވަސް"އާ ހިއްސާކޮށްފަ އެވެ. އެ މޫވްމަންޓްއިން ބަނޑިދޫގެ ބައެއް ރައްޔިތުންނާ ވާހަކަ ދެއްކުމަށްފަހު ބުނި ގޮތުގައި ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުގެ މާބޮޑު ތަފްސީލެއް ރައްޔިތުންގެ ނެތެވެ.
އީއައިއޭ ރިޕޯޓްގައިވާ ގޮތުން އެ ރިޕޯޓް އެކުލަވާލުމުގެ އެ ރަށުގެ 19 މީހަކާ ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް އެ ވަރުގެ އާބާދީއެއް އޮތް ރަށެއްގައި މަދު މީހުން ކޮޅަކާ ވާހަކަ ދައްކާލުމަށް ރިޕޯޓް ތައްޔާރުކޮށްފައިވުމަކީ ޒިންމާދާރު ގޮތެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ސޭވް މޯލްޑިވްސްއިން ބުންޏެވެ.
ސޭވް މޯލްޑިވްސްއިން ވަނީ 11 މަގެއް ބަނޑިދޫ ކޮންމެހެން ހަދަންޖެހޭ ކަމާމެދު ސުވާލު އުފައްދާފަ އެވެ. އޭގެ ސަބަބުން ރަށަށް ލިބެނޭ ފައިދާތޯ ނޫނީ ގެއްލުންތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ސޭވް މޯލްޑިވްސްއިން ދެކޭ ގޮތުގައި ރުއްތައް ނަގައިގެން މަގުތަކެއް ހެދުމުގެ ސަބަބުން ރަށަށް އިގްތިސޯދީ ގޮތުން ވެސް ލިބޭނީ ގެއްލުމެވެ.
"ރަށުގައި ފަންގި ވިންނަ އަންހެންވެރިން އުޅޭ، އެމީހުންނަށް ފަން ލިބޭނީ ރުއްތައް ހުރެގެން، އާ މަގުތަކެއް ކަނޑައިގެން އެ ރަށުގައި އިތުރަށް އެކްސެސް ވާނެ ތަންތަނެއް ނެތް، މިހެންވީއިރު ރަށުގެ ރައްޔިތުންގެ އިގްތިސޯދަށް ބަލާނަމަ މިއީ އެގޮތުން ވެސް ގެއްލުން ހުރި ކަމެއް، އޭގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އަންނާނެ، މިކަންކަން ރިޕޯޓްގައި ނެތް،" ސޭވް މޯލްޑިވްސްއިން ބުންޏެވެ.
ތިމާވެށީގެ ރޮގުން އެމެރިކާގެ ސިރަކުއުސް ޔުނިވާސިޓީ އަދި ސްޓޭޓް ސުކޫލް އޮފް ނިއުޔޯކް، އެންވަޔަރަމެންޓް އެންޑް ފޮރެސްޓްރީގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ތިމާވެށިގެ އެކްޓިވިސްޓެއް ކަމަށް އަބުދުﷲ އާދަމް، އެޑަމް ބުނި ގޮތުގައި ބަނޑިދޫ ފަދަ ކުޑަ ހިތްގައިމު ރަށަކަށް އިތުރު މަގުތަކެއް ބޭނުން ވާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ބަނޑިދޫގެ މަގު ހެދުމުގެ މަޝްރޫއުއަކީ އިގުތިސޯދީ ގޮތުން ރަށަށް ފައިދާވާނެ މަޝްރޫއެއް ކަމަށް ބުނި ނަމަވެސް އެކަން ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ މަޝްރޫއުގެ ހަމައެކަނި ބޭނުމަކީ އަލަށް ހަދާ ރިސޯޓު ފެހިކުރުން ކަމަށެވެ.
"މަޝްރޫއުއިން ބަނޑިދޫއަށް ވާނެ ފައިދާއެއް ނުފެނޭ، ރަށުގެ ތިމާވެއްޓަށް އޭގެ ސަބަބުން ގެއްލުންތަކެއް ވާނެ، އަލަށް ހަދާ ރިސޯޓެއް ފެހިކުރަން މީހުން ދިރިއުޅޭ ރަށެއްގެ ފެހި ތިމާވެށި، ރިސްކަކަށް ވައްޓާލަންވީ ސަބަބެއް ނޭނގޭ،" އެޑްމް ބުންޏެވެ.
ބަނޑިދޫއަށް ކޮންމެހެން މުހިންމު މަޝްރޫއުއެއް: ކައުންސިލް
އެއް ފަހަރާ ރުއްތަކެއް ނެގުމަކީ ތިމާވެށީގެ ގޮތުން ގެއްލުންތަކެއް ލިބޭނެ ކަމަކަށްވީ ނަމަވެސް ބަނޑިދޫގެ ތަރައްގީއަށް އެ މަޝްރޫއު ކޮންމެހެން ވެސް މުހިންމު ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
"އަވަސް"އާ ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފް ވިދާޅުވި ގޮތުގައި މަޝްރޫއުގެ ދަށުން ކަނޑާ މަގުތަކަކީ މުޅިން އާ މަގުތަކެއް ނޫނެވެ. ނަމަވެސް އަލަށް މީހުން ދިރިއުޅެން ފަށާފައިވާ ހިސާބުތަކާއި ކުރިން ކަނޑާފައިވާ މަގުތަކުގެ ނުކެނޑި ހުރި ބައިތައް ކެނޑުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އެ ލޭންޑް ޔޫސް ޕްލޭނަށް މިނިސްޓްރީން ހުއްދަ ވެސް ދީފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.
"މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް، ބައެއް ގޭގެ މައްޗަށް އެބަ ހުރި ރުއްތައް، ބައެއް ގޭގެއާ އިންވެގެން ހުރި މަގުތައް ކަނޑަ އެބަ ޖެހޭ، މަގުގައި ހިނގާ މީހުންގެ ސަލާމަތަށް ވެސް އެކަން ކުރަން ޖެހިފައިވަނީ، ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ގިނައިން ޝަކުވާ އާދޭ މަގުތައް ވާވެފައި ހުންނާތީ،" ހަނީފް ވިދާޅުވި އެވެ.
ހަނީފް ވިދާޅުވި ގޮތުގައި އެ ރަށަކީ ގިނަ އަދަދެއްގެ ރުއް ހުރި ރަށެކެވެ. ރަށުން 500 ރުއް ކެނޑި ނަމަވެސް އަދިވެސް ގިނަ ރުއްތަކެއް ހުންނާނެ ކަމަށާއި އެހެންވީއިރު ފަންގިވިންނަ މީހުންނަށް އޭގެ ސަބަބުން އަސަރެއް ކުރާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

މަގު ކެނޑުމުގެ މަޝްރޫއު މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ކައުންސިލަށް ނުވެ އޮތްވައި، ސަން ކުންފުނިން އެކަން ކޮށްދޭން ހުށަހެޅުމަކީ ލިބުނު ލުޔެއްކަން ހަނީފް ފާހަގަކުރެއްވި އެވެ. އެ މަޝްރޫއުގެ ދަށުން ނަގާ ރުއްތަކަށް ބަދަލު ވެސް ދެނީ އެ ކުންފުނިން ކަމަށާއި ކައުންސިލަށް އެކަމުގައި އެއްވެސް ހަރަދެއް ކުރަން ނުޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. ހަރަދެއް ނުކޮށް ރަށަށް ތަރައްގީގެ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށެވެ.
ހަނީފް ވިދާޅުވި ގޮތުގައި ކައުންސިލުން ވަނީ މޫދަށް އެރޭ ސަރަހައްދެއް ވެސް ރަށުގައި ހެދުމަށް ނިންމާފަ އެވެ. އެ ސަރަހައްދަކީ މިހާރު ވަރަށް ތިލަކޮށް އޮތް ތަނެއް ކަމަށާއި ރުއްތައް ނަގާ ވަޅުގަނޑުތަކަށް ވެލި އެޅުމަށް ކޮނުމަށް ނިންމާފައިވަނީ އެ ސަރަހައްދު ކަމަށެވެ. އޭގެ ސަބަބުން އެ ސަރަހައްދު ފުންވެ، އެކަން ވެސް ހާސިލްވެގެންދާނެކަން ހަނީފް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރަށުގައި ކަލްޗަރަލް އޭރިއާއެއް ވެސް ހެދުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ވެސް މަގުތައް ސާފުކުރުމުގެ މަޝްރޫއުގެ ސަބަބުން ފަސޭހަވަގެން ދާނެ ކަމަށެވެ.
"އެނގޭ މިހާ ގިނަ ރުއްތަކެއް އެއްފަހަރާ ނެގުމަކީ ބައެއް މީހުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމެއްކަން، އެކަމަކު މި ރަށުގެ ތަރައްގީއަށް މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް، އެހެންވެ މިކަން ކުރިއަށް ދަނީ، ނަގަންޖެހޭ ހުރިހާ ހުއްދައެއް ވެސް ނަގައިގެން މިކަން މި ކުރިއަށް ދަނީ،" ހަނީފް ވިދާޅުވި އެވެ.
ހަނީފް ވިދާޅުވި ގޮތުގައި 500 އެއްހާ ބަނޑިދޫއިން ނެގި ނަމަވެސް އެއަށްވުރެ ގިނަ ރުއް އިންދުމުގެ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ފ. މަގޫދޫ ކައުންސިލާ ގުޅިގެން ރަށުގައި 1،000 ރުއް އިންދުމުގެ މަޝްރޫއުއެއް ފަށާނެ ކަމަށް ހަނީފް ވިދާޅުވި އެވެ. އިންދަން ނިންމާފައިވަނީ ދިގު ނުވާ، ދަނބު ރުކެވެ.