ހަބަރު

މިނިސްޓަރުކަމާ ހަވާލުވުމުން ދައުލަތް ބޮއްސުންލާފައިވާވަރު ސާފުވެއްޖެ: އިމްރާން

ހޯމް މިނިސްޓަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިއޮތް މިންވަރު އިތުރަށް ސާފުވެއްޖެ ކަމަށް ޝައިޙް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ ޝައިޙް އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރުކަމާއި ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިއޮތް ވަރު އިތިރަށް ސާފުވެއްޖެ ކަމަށާއި، ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި، ދެފުއްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމަށާއި، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވާނެ ކަމަށެވެ.

ޝައިޙް އިމްރާން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް "މިސްވަނީ" އިމްރާންގެ މެންޓޯ ކަމުގައި ދެކޭ މަރްހޫމް ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީގެ ހެޔޮ ލަފާފުޅާއި، ނަސޭހަތްޕުޅާއި، އިރުޝާދު ކަމަށެވެ. އަދި އެމަނިކުފާނު ނެތުމުގެ ގެއްލުން ދުވަހަކުވެސް ފޫ ނުބެއްދޭނެ ކަމަށް ޝައިހް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ޝައިޙް އިމްރާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން އެ ޒިންމާ އަދާކުރައްވަމުން ގެންދަވާއިރު، ބައެއް ފަރާތްތަކުން ގެންދަނީ އެމަނިކުފާނު އެ މަގާމަށް އައްޔަށް ކުރެއްވިދާނެ ކަމާއިމެދު ގާނޫނީ ގޮތުން ސުވާލު އުފައްދަވަމުންނެވެ. ޝައިޙް އިމްރާންގެ މައްޗަށް 2015 ވަނަ އަހަރުގެ މޭޑޭއާއި ގުޅިގެން ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުުފުލާ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެހެން ނަަމަވެސް ސްޕްރީމްކޯޓުން ވަނީ އެކޯޓަށް ހުށަހެޅިފައިވާ އެ މައްސަލައިގެ އިލްތިމާސް އަޑުއެހުންތަށް ނިމި ގޮތެއް ކަނޑައަޅަންދެން ވަގުތީ ގޮތުން އެހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ.