ހަބަރު

ޔާމީންގެ ލީޑަޝިޕްގެ ދަށުން ޕީޕީއެމް ބަރާބަރަށް އެބަ ހިނގާ: މުންދު

Nov 20, 2018
4

ޕީޕީއެމްގެ ރައީސް އަކީ އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ޕީޕީއެމްގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށްދާ ކަމަށް، އެ ޕާޓީގެ ސެކްރެޓަރީ ޖަނަރަލް މުހައްމަދު ހުސެއިން ޝަރީފް، މުންދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މުސްތަޝާރުގެ މަގާމު ކުރީގެ ރައީސް ޔާމީންއަށް ގެއްލިފައި ވާތީ، އެ ޕާޓީއަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރާނެ މީހަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެކަން ސާފުކޮށް ދޭން އިލެކްޝަންސް ކޮމިޝަނުން ވެސް އިއްޔެ ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން މުންދު ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަ ކަމަށް އީސީއިން ނިންމި ނިންމުން އެ ޕާޓީއިން ބަލައި ނުގަންނަ ކަމަށާއި އެކަމާ ގުޅިގެން މައްސަލަ ކޯޓްގައި ހިނގަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ވަކި ގޮތަކަށް ނުނިމެނިސް، ޕީޕީއެމްގެ ރައީސް އަކީ ޔާމީން ކަމަށާއި އެކަމާ އެ ޕާޓީގެ ލީޑަޝިޕުން އެއްބަސްވާ ކަމަށެވެ. އީސީއިން ފޮނުވި ސިޓީއަށް ޖަވާބުދީފައިވާކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، ސިޓީތައް އަދިވެސް އެޑްރެސް ކުރަން ޖެހޭނީ ޔާމީންއަށް ކަމަށް ދަންނަވާފައިވާ ކަމަށެވެ.

"ޝަރީފް ވަކިގޮތަކަށް ކަމެއް ގަބޫލު ކުރެއްވުމަކީ އެއީ ގާނޫނަކުން އަދި ބާރުލިބޭ ކަމެއް ނޫން. އަޅުގަނޑުމެން މި ބުނަނީ، މި ޕާޓީގެ ރައީސް އަކީ ރައީސް ޔާމީންއޭ. އެކަން އީސީއިން ގަބޫލު ނުކުރާ ނުކުރުމުގެ މައްސަލަ އެ އޮތީ ކޯޓްގައި. އެހެން ވީމާ މި ޕާޓީގެ މަސައްކަތްތައް މި ޕާޓީއިން ގަބޫލު ކުރާ ރައީސް ޔާމީންގެ ލީޑާޝިޕްގައި ކުރިއަށް އެބަދޭ. އޮފީސްވެސް ބަރާބަރަށް ހުޅުވާފައި އެ ހުންނަނީ،" މުންދު ވިދާޅުވި ވިދާޅުވި އެވެ.

ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް އެ ހުކުމުގައި ވަނީ ޕީޕީއެމްގެ ކޮންގްރެސްއެއް ބޭއްވުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރައީސް ޔާމީން ޕާޓީގެ ރައީސްކަމަށް އިންތިހާބުކުރި އެ ކޮންގްރެސް އީސީއިން ބަލައި ނުގަންނަނީ އެ ކޮންގްރެސްގައި އެ ޕާޓީގެ މެންބަރުން ނޫން ބޭފުޅުން ވޯޓްލާފައިވުމާއި ބައެއް އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ބުނެ އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ހައިކޯޓްގައި ވަނީ ނިންމާލައިފަ އެވެ. ދެން އޮތީ މައްސަލައިގައި ހުކުމް ކުރުމެވެ. މީގެ އިތުރުން، ޕީޕީއެމްގެ ހިންގުން ރައީސް ޔާމީންއާ ހަވާލުކުރި މައްސަލަ ވެސް ސުޕްރީމް ކޯޓްގައި އަންނަނީ ހިނގަމުން އެވެ. އެކަމާ ހުރެ އެ ޕާޓީގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.