ބަތަލާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ އަލަތު ދަރިފުޅު ތައިމުރުއަށް ދެ އަހަރު ވަނީ އަންނަ މަހުގަ އެވެ. ނަމަވެސް ތުއްތު ތައިމުރު ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާރުންނަށް ވުރެން މަޝްހޫރެވެ. ބޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުން މަޝްހޫރު ތަރިންނަށް ވުރެން ތައިމުރުގެ ޕަޕަރާޒީ ފޮޓޯތަކުގެ ރޭޓްކާޑު އުޅެނީ މާ މަތީގަ އެވެ.
އޭނާ ގެންގުޅޭ ނެނީ އާއެކު ނުވަތަ މަންމަ ކަރީނާ އާއެކު ތައިމުރު ފެނިލާ އެންމެ ފޮޓޯ އަކީ ވެސް މުޅި އިންޓަނެޓަށް ތޫފާނެއް ގެނުވަފާނެ ފަދަ ފޮޓޯ އަކަށް ވެ އެވެ. ތައިމުރު ވިހެއި ދުވަހުން ފެށިގެން އޭނާގެ ކޮންމެ ދުވަހެެއްގެ ހަރަކާތަކަށް ޕަޕަރާޒީން ފާރަލަމުން އަންނައިރު، ތައިމުރު ވެސް އޭނާ އަށް ގޮވާ ހަދާ ފޮޓޯގްރާފަރުންނަށް އަތުން ހަނާ އަޅާ ގޮވައި ހަދަ އެވެ.
ތައިމުރަކީ ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން އެންމެ ގިނައިން މިހާތަނަށް ޕަޕަރާޒީން ފޮލޯކޮށްގެން އެ ކުއްޖެއްގެ ފޮޓޯ އެންމެ ގިނައިން ނަގާފައިވާ ސްޓާ ކިޑެވެ. ޕަޕަރާޒީން ތައިމުރުގެ ފޮޓޯ ނަގަން އޭނާގެ ފަސްފަހަތުން ދުވިޔަސް ކަރީނާ އާއި ސައިފް މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ.
ނަމަވެސް މިފަހަރު ވެގެން އުޅޭ ގޮތަކީ ކަރީނާ އާއި ސައިފް ދުވަހަކު ވެސް ހިތަށް އަރާފަ އޮވެދާނެ ކަމެއް ވެސް ނޫނެވެ. އިންޑިއާގެ ކެރެލާ ސްޓޭޓުގެ ބުދު ހަދާ މީހަކު ވަނީ ތައިމުރުގެ ސިފައިގެ ކުޑަ ބުދެއް ހަދައި، އޭނާގެ ނަމުގައި ވިއްކަން ފަށާފަ އެވެ.
އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ އިންޑިއާގެ ސަގާފީ ކުރުތާ ހެދުމެއްގައި ހުންނަ ތައިމުރުގެ ބުދެއްގެ ފޮޓޯ ދައުރުވަމުންނެވެ. އެ ބުދުގެ ލޮލުގައި ވެސް ހުންނަނީ ތައިމުރުގެ ހުންނަ ކަހަލަ މަޑު ނޫ ކުލައިގެ ލޮލެކެވެ. އަދި އިސްތަށިގަނޑު ވެސް އޮންނަނީ އޭނާގެ އޮންނަ ކަހަލަ ބުޅި ވިގެކެވެ.
މީގެކުރިން ތައިމުރު ވަނީ އެކި ފަހަރު މަތިން އެ ބުދު ލައިގެން ހުންނަ ކަހަލަ އިންޑިއަން އެޓަޔާގައި ފެނިގެން ގޮސްފަ އެވެ.
ތައިމުރު ނަކަލުކޮށް، ހަދާފައިވާ ބުދު ވިއްކަން ފެށުމާ އެކު އެކަމާ އެއްބަޔަކު އުފާކުރަމުން އަންނައިރު، އަނެއް ބަޔަކު އަންނަނީ އެކަމަށް ފާޑުވެސް ކިޔަމުންނެވެ.
ތައިމުރުގެ ބުދާ ގުޅިގެން އޭނާގެ ބައްޕަ އެކްޓަރު ސައިފް ވަނީ އޭނާގެ ދަރިފުޅުގެ މަޝްހޫރުކަމުގެ ސަބަބުން ބަޔަކަށް އެކަމުން މަންފާއެއް ކުރާތީ އުފާކުރާ ކަމަށާއި ނަމަވެސް އޭނާ އަބަދުވެސް ދުއާ ކުރަަނީ އޭނާގެ ދަރިފުޅުގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށް ބުނެފަ އެވެ.
"އަހަންނަށް ހީވަނީ ތައިމުރުގެ ނަން ޓްރޭޑްމާކް ކުރަންވީހެން. މި ބުދު އުފެއްދި ބަޔަކު އަހަންނަށް މި ފޮނުވާނެ ނަމައޭ ހިތަށް އަރާ" ސައިފް ބުނެފައިވެ އެވެ.
ތައިމުރު ވަނީ މަންމަ ކަރީނާ އާއި ބައްޕަ ސައިފްގެ އިތުރުން ބޮޑުދައިތަ ސޮހާ އަލީ ހާން އާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ އަދި އެމީހުންގެ ދަރިފުޅު އިނާޔާ އާއެކު ސްޕެޓެމްބަރު މަހުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.