ހަބަރު

ސަރުކާރުން ދޭ ހިދުމަތްތަކަށް 67 ޕަސަންޓު ރައްޔިތުން ހިތްހަމަޖެހޭ: ސީއެސްސީ

ސިވިލް ސާވިސް އިން ދޭ ހިދުމަތްތަކަށް 67 ޕަސަންޓު ރައްޔިތުން ހިތް ހަމަ ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ދިރާސާ ކުރައްވާ ކޮމިޓީގައި ސީއެސްސީއަށް ކަނޑައެޅިފައިވާ ބަޖެޓު ކުޑަ ކަމުގެ ވާހަކަތައް ދައްކަވަމުން ޝަމީމް ވިދާޅުވީ ސީއެސްސީ އިން ދެމުން އަންނަ ހިދުމަަތުގެ ފެންވަރު ބެލުމަށާއި އޭގައި ހިޔާނާތެއް ނޯންނަ ގޮތަށް ކުރިޔަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުން ދޭ ހިދުމަތްތަކަށް 67 ޕަސަންޓު ރައްޔިތުން ހިތް ހަމަ ޖެހޭ ކަމަށް މި އަހަރު ހެދި ދިރާސާއަކުން ދައްކާ ކަމަށް ޝަމީމް
ވިދާޅުވި އެވެ.

"މި އަހަރު އަޅުގަނޑުމެން ބޭއްވި ކޮންފަރަންސްގައި ސިވިލް ސާވިސް އިދާރާގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ހިޔާލު ހޯދާ ރިސާޗްްއެއް ހެދިން، އެ ރިސާޗް ދެއްކި ގޮތުން 67 ޕަސަންޓު ރައްޔިތުން ސިވިލް ސާވިސް އިން ދޭ ހިދުމަަތަށް ހިތް ހަމަ ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ދައުލަތުގެ އޮފީސްތަކުގައި ހިނގާ ކޮރޮޕްޝަން މަދު ކުރުމަށް މިދިޔަ އަހަރު އޭސީސީ އިން ބޭއްވި މަހާސިންތާގައި ބައިވެރިވެ، ގައުމީ ފެންވަރުގެ ދިރާސާތަކެއް ވެސް ހެދި ކަމަށެވެ. އަދި އެ ދިރާސާތަކުން ކަންބޮޑުވާ ފަދަ ކޮރޮޕްޝަންގެ ކަމެއް ފާހަގަ ނުވާ ކަމަށާއި އެކަމާ ބެހޭ ކަރުދާސްތައް މަހާސިންތާއަށް ހުށަހަޅާފައިވާ ކަމަށް ޝަމީމް
ވިދާޅުވި އެވެ.