ހަބަރު

މެންބަރުން ޝަރުއީ ދާއިރާއަށް: ބަޖެޓެއް ދީގެން އިންސާފު ލިބޭނެތަ؟

ޝަރުއީ ދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ހަމަޖައްސާދޭން ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް އެކަންކޮށްދީގެން ރައްޔިތުންނަށް އިންސާފު ލިބޭނެތޯ ރައްޔިތުން މަޖިލީހުގެ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ސުވާލުކޮށްފި އެވެ.

މެންބަރުން އެގޮތަށް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ޑިޖޭއޭއަށް ކަނޑައެޅިފައިވާ މިންވަރު މަދު ވެގެން އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އެ ޑިޕާޓްމަންޓުގެ އޮފިޝަލުން ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. ޑީޖޭއޭއަށް މިއަހަރަށް ކަނޑައަޅާފައި ވަނީ 419.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ޑިޕާޓްމަންޓުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަންކަމަށް އިތުރު 87 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޑީޖޭއޭގެ އޮފިޝަލުންނާ ސުވާލު ކުރަމުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަަދު ނާޝިދު ވިދާޅުވީ ޝަރުއީ ދާއިރާއަކީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވާ ދާއިރާއެއް ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކާގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން 87 މިލިއަން ރުފިޔާ ހަމަޖައްސާދީފި ނަމަ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުވެ، ރައްޔިތުންނަށް އެކަށީގެންވާ އިންސާފެއް ލިބިގެންދާނެތޯ ނާޝިދު ސުވާލު ކުރެއްވި އެވެ.

"ޝަރުއީ ދާއިރާގައި މިހާ ބޮޑު މައްސަލަތަކެއް އުޅެނީ ކީއްވެތޯ، ކޮބައިތޯ އަސްލު ޝަރުއީ ދާއިރާގައި އުޅޭ މައްސަލަތަކަކީ، އަހަރުން އަހަރަށް ބޭނުންވާ ފައިސާ ނުލިބިގެންތޯ މިހާ ބޮޑަށް ޝަރުއީ ދާއިރާއަށް ފާޑު ކިޔުން މި އަމާޒުވަނީ، މިއީ ޑީޖޭއިން ދެއްވަން ޖެހޭ ޖަވާބެއް،" ނާޝިދު ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންގެ ދަތިތަކުގެ ވާހަކަ ވަރަށް ގިނައިން އަޑު އިވޭ ކަމަށާއި އަދުލް އިންސާފު ނުލިބޭ ސަބަބަކީ އެއީތޯ ސާފުކޮށްލަން ބޭނުންވާ ކަމަށެވެ. އިދާރީ ގޮތުން ހުރި ދަތިތަކަކީ އަދުލް އިންސާފު ގާއިމް ކުރަން ހުރި ދައްޗަކަށްވޭތޯ އާމިރު ސުވާލު ކުރެއްވި އެވެ.

"މިހާރު ވެސް ކޯޓުތަކުގެ ފަނޑިޔާރުންނަށް ބޮޑެތި އިނާޔަތްތަކެއް އޮވޭ، ގަބޫލު ކުރަން ކޯޓުތަކުގެ ފަނޑިޔަރުންނަކީ އެ ބޭފުޅުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށްޓަކައި އެ ބޭފުޅުންނަށް ހާއްސަ ކަމެއް ދޭން ޖެހޭ ކަމަށް، އެހެންވެ މަސައްކަތް ރައްޔިތުން ގަބޫލު ކުރާ މިންވަރަށް އަދުލު އިންސާފު ކަންތައްތައް ކުރިޔަށް ގެންދެވޭނީ ކިހާ ވަރެއްގެ ބަޖެޓެއް ދީގެންތޯ،" އާމިރު ވިދާޅުވި އެވެ.

ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާކޮށް އެތަނަކީ ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އެހެންވެ އިންސާފު ގާއިމް ކުރަން އަދި އިންސާފު ކަށަވަރު ކުރެވޭނަމަ ހަރަދުތައް އިތުރުވެގެން ދިޔުމަށް އެއްވެސް މެންބަރެއްގެ ކަންބޮޑުވުމެއް ނެތް ކަމަށް ޝާހު ވިދާޅުވި އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުއް ގަފޫރު މޫސާ ވިދާޅުވީ ރައްޔިތުންނަށް އިންސާފު ނުލިބޭ ތަނަކަށް ފައިސާ އިތުރަށް ދިނުމަށް ލަދު ގަންނަ ކަމަށެވެ. ފަނޑިޔާރުންގެ މުސާރަވެސް ބޮޑުކޮށްދީފައިވާ ކަމަށާއި އެކަމުން ވެސް އައި ހެޔޮ ބަދަލެއް ނުފެންނަ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ކިޔާ ބޭފުޅަކު ވެރިކަމަށް އައިމަ ޖަލުގައި ތިބި ބަޔަކު ހުދު ފޮތިތަކަކަށް ވެގެން ނިކުމެގެން ދިޔައީ، މިއީތޯ އިންސާފަކީ، އަޅުގަނޑުމެން ރައްޔިތުންގެ ފައިސާ މި ހަރަދު ކުރަނީ، އެހެންވެ ހަރަދު ކުރެވޭ ފައިސާ އިން ރައްޔިތުން ބޭނުންވާ އެއްޗެއް ނުލިބެންޏާ އަޅުގަނޑުމެންގެ ކަންބޮޑުވުން އެބަ ހުރި، ރައްޔިތުން އިންސާފު ލިބޭ ކަމަށް ވަންޏާ ބަޖެޓު ވެސް ދޭނަން،" ގަފޫރު ވިދާޅުވި އެވެ.

ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ އަހަރުން އަހަރަށް ޝަރުއީ ދާއިރާގެ ބަޖެޓު ބޮޑުވަމުންދާ ކަމަށާއި ނަމަވެސް އެ ދާއިރާއިން ރަނގަޅަށް ހިދުމަތް ނުލިބޭ ކަމަށް ބުނެ މުޅި ގައުމުގެ ހުރިހާ އެންމެން ކަންބޮޑުވާ ކަމަށެވެ. އެއީ ހަމައެކަނި ސިޔާސީ ބޭފުޅުންގެ މައްސަލަތައް އެކަންޏެއް ނޫން ކަމަށާއި އެންމެ އާދައިގެ މީހުން މައްސަލައެއް ލަައިގެން 10-12 އަހަރަށް ވުރެ ގިނަ ދުވަސްވާއިރު އެ މީހުންގެ މައްސަލަތަކަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ޖަލުގައި ވެސް އެތަށް އަހަރުތަކެއްވެގެން އެއްވެސް ހުކުމެއް ނެތި އެތާ ބަންދުވެފައި ތިބި މީހުން އެބަތިބި، އަހަރުން އަހަރަށް ބަޖެޓު ބޮޑު ކުރަމުން ގާޒީން އިތުރުވަމުން މުއައްޒަފުން އިތުރުވަމުން ފެސިލިޓޭޓްކޮށްދެމުން ދާއިރު އާންމުންގެ ޝަކުވާތަކެއް ނުއެއް ހުއްޓޭ، މިއީ ޖަވާބު ބޭނުންވާ ކަންތައްތަކަކީ،" ރަޝީދު ވިދާޅުވި އެވެ.

މެންބަރުންގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ހެޑް އޮފް ބަޖެޓް މުހައްމަދު އަލީ ވިދާޅުވީ އަދުލު އިންސާފުގެ ފެންވަރު މަތިވެގެން ދާނީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗައް ބިނާ ވެގެން ކަމަށެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކީ ނަޒާހަތްތެރި ފަނޑިޔާރުން ހުރުން ކަމަށެވެ. އެކަންކަން ކުރެވެން އޮންނަނީ ޝަރުއީ ދާއިރާއަށް ހަރަދުތަކެއްކޮށްގެން ފަނޑިޔާރުންގެ ގާބިލުކަން ހިފަހައްޓާ، ޒަމާނަށް އަންނަ ބަދަލާ އެއްގޮތަށް ފަނޑިޔާރުންގެ ގާބިލުކަން އިތުރުކޮށްގެން ކަމަށެވެ.

"އިންސާފު ގާއިމްކޮށްދޭން ހުންނަ އުމްރާނީ ވަސީލަތްތައް ވެސް ރަނގަޅު ވެގެން މިކަން ވާނީ، އެއާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ހާލަތު ވެސް ރަނގަޅު ކުރެވިގެން، މިކަންކަމަށް މިހާރު ހަރަދު ކުރަން ޖެހޭ، އެކަންކަމަށް ހަރަދުކޮށްގެން މެނުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ހިންގުމުގެ ހަރަދެއް ކުޑައެއް ނުވާނެ،" އަލީ ވިދާޅުވި އެވެ.

އެ މައްސަލާގައި ގިނަ މެންބަރުންތަކެއް ސުވާލު ކުރަން ބޭނުންވި އެވެ. އެކަމާ ގުޅޭ ގޮތުން މެންބަރުން ކަންބޮޑުވުން ފާޅުކޮށް އަޑު ގަދަ ކުރަން ފެށުމުން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ކޮމިޓީ ބައްދަލުވުން ނިންމާލައިފަ އެވެ.