ވިޔަފާރި

މިއޮތީވާ ކަމެއް! ދިރާގުން 5 ޖީ ދައްކާލައިފި

ތްރީޖީގެ އެޗްޑީ ފިލްމެއް 30 ސިކުންތުން ޑައުންލޯޑް ކޮށްލެވޭނެ ޒަމާން ކައިރިވެއްޖެ އެވެ! ވަގުތުން ދައްކާ ވީޑިއޯ އެއްވެސް ޑިލޭއެެއް ނެތި ފެންނާނެ ދުވަސް ވެސް ގާތް ވެއްޖެ އެވެ. މި ޓެކްނޮލޮޖީ ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނި ދިރާގުން މިއަދު މިވަނީ ދައްކާލާފަ އެވެ. މިއީ 5 ޖީ ޓެކްނޮލޮޖީ އެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް 5 ޖީ ދައްކާލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް. މިއީ އެއާ ދެކުނު އޭޝިއާގައިވެސް 5 ޖީގެ ހިދުމަތް ދައްކާލާ ދެވަނަ ކުންފުނި. މިއީ ރާއްޖެއަށް ލިބިގެންދާ ފަހުރެއް،" ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިއަދު ވިދާޅުވި އެވެ.

ދިރާގުން 5ޖީ ދައްކާލިއިރު، އޭޝިއާގައި މި ހިދުމަތް މިހާތަނަށް ދައްކާލާފައިވަނީ މެލޭޝިއާ އާއި ސިންގަޕޫރު އަދި އިންޑިއާ ފަދަ ގައުމުތަކުގަ އެވެ. އަދި ދެކުނު އޭޝިއާގައި މި ހިދުމަތް ދައްކާލި ދެވަނަ ގައުމަކީ ރާއްޖެ އެވެ.

ސީއީއޯ އިސްމާއިލް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ އައު ޓެކްނޮލޮޖީ ދިވެހިންނާ ހަމަ އަށް ގެނެސްދިނުން ކަމަށެވެ. އަދި 5 ޖީގެ ހިދުމަތް ދުނިޔެއަށް ތައާރަފު ކުރުމާއެކު ދިވެހިންނާ ހަމައަށް މި ހިދުމަތް ގެނެސްދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ދިވެހިރާއްޖެ އާއި ދިވެހި މުޖުތަމައު ޑިޖިޓަލް މުއާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ދިރާގު ކެނޑިނޭޅި މަސައްކަތް ކުރާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން 5ޖީ ދައްކާލުމުގެ ގޮތުން ވަނީ މިހާރު ރާއްޖޭގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 4ޖީ އާއި އަޅާ ކިޔާފަ އެވެ. މިގޮތުން ސްޕީޑާއި މަންޒަރުގެ ޑިލޭ ފެންނަ ގޮތް ވަގުތުން ދައްކާލާ ވީޑިއޯ އާއި ސްޕީޑް ޓެސްޓު މެދުވެރިކޮށް ވަނީ ދައްކާލާފަ އެވެ.

މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ޗީފް އެގްޒެކްޓިވް އިލްޔާސް ހުސެއިން ވިދާޅުވީ ރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި އޮތުމަށް ފަހުގެ ޓެކްނޮލޮޖީ މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި ޓެކްނޮލޮޖީ 2020 ގައި ދުނިޔޭގައި ތައާރަފު ކުރުމާއެކު މި ހިދުމަތް ރާއްޖެއަށް ތައާރަފު ވެގެންދާނެ ކަމަށް،" އިލިޔާސް ވިދާޅުވި އެވެ.

5 ޖީ، 2020 ގައި، ރާއްޖެ އަށް ކޮން ފައިދާއެއް؟

ފައިވް ޖީއަކީ މިހާތަނަށް ޓެސްޓް ކުރަމުންދާ ޓެކްނޮޖީ އެވެ. މި ހިދުމަތް 2020 ހިސާބު ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރަން ފަށާނެ އެވެ. މިއާއެކު 5ޖީގެ ކަނެކްޓިވިޓީ ރަނގަޅު ވެގެންދާނެ އެވެ. އަދި ޑައުންލޯޑް 20 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.

ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާމް ހަސަން ވިދާޅުވީ 5 ޖީގެ ސަބަބުން ހޮސްޕިޓަލް ފަދަ ތަންތަނުގައި ކުރާ މަސައްކަތްތައް ހަލުވި ވެގެންދާނެ ކަމަށެވެ.

"ރިމޯޓް ސާޖަރީ އަދި އޮޓަމޭޓެޑް ދަތުރު ކުރުމުގެ ސިސްޓަމަކުން އަސްލު ވަގުތާ އެއްފަދަ ތަޖުރިބާއެއް ލިބިގެންދާނެ،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން ރާއްޖެ އަށް 5 ޖީގެ ހިދުމަތް ދައްކާލިއިރު، އެ ކުންފުނީގެ 30 އަހަރުގެ ތާރީހުގައި ރާއްޖޭގެ މުއާސަލާތީ ދާއިރާ އަށް ބޮޑު ބަދަލެއް ވަނީ ގެނެސްދީފަ އެވެ.