ކުޅިވަރު

އޭޝިއާގެ ކްރިކެޓް ކައުންސިލުގެ ބޯޑު މެންބަރުކަން ރާއްޖެއަށް

އޭޝިއާގެ ކްރިކެޓް ކައުންސިލުގެ އެގްޒެކެޓިވް ބޯޑުގެ ގޮނޑިއެއް ރާއްޖޭގެ ކްރިކެޓް ބޯޑުން ކާމިޔާބު ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު، ޕާކިސްތާނުގެ ލާހޫރުގައި ބޭއްވި އޭސީސީ ކޮންގްރެސްގައި، އެގްޒެކެޓިވް ބޯޑަށް ރާއްޖެ އިންތިހާބުވީ އެސޯސިއޭޓް މެންބަރުންގެ ކެޓަގަރީންނެވެ. އެ ކެޓަގަރީން އެގްޒެކެޓިވް ބޯޑަށް ވާދަ ކުރީ ރާއްޖެ އާއި ގަތަރެވެ.

ރާއްޖޭގެ ކުރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، އޭޝިއަން ކްރިކެޓް ކައުންސިލުގެ އެގްޒެކެޓިވް ބޮޑަށް ރާއްޖެ އިންތިހާބު ވުމަކީ، ދިވެހި ކުޅިވަރަށާއި ކްރިކެޓަށް ލިބިގެންދާ ޝަރަފެއް ކަމަށެވެ. ކްރިކެޓް ކައުންސިލުގެ މެންބަރުކަން ރާއްޖެއަށް ލިބުމުން، އަފުލާހް އެކަން ފާހަަގަ ކުރީ އާ ސަރުކާރުގައި ކުޅިވަރުގެ ދާއިރާއިން ލިބުނު ފުރަތަމަ ކާމިޔާބުގެ ގޮތުގަ އެވެ.

"ދުނިޔޭގެ ކްރިކެޓްގައި އެންމެ ބާރުގަދަ ގައުމުތައް ހިމެނޭ ބޯޑުގެ މެންބަރުކަން ރާއްޖެކަހަލަ ކުޑަ ގައުމަކަށް ލިބުމަކީ ރާއްޖޭގެ ކުރިކެޓަށް ލިބުނު ކާމިޔާބެއް." އަފުލާހް ފާހަގަ ކުރި އެވެ.

ކޮންގްރެސްގައި، ކުރިއަށް އޮތް ދެ އަހަރަށް އޭސީސީގެ ރައީސް ކަމަށް ހޮވާފައިވާ ބަންގުލަދޭޝްގެ ނަޒުމުލް ހަސަން ވަނީ މަގާމާ ހަވާލުވެފަ އެވެ. އޭނާގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރު އެވެ.

އަފުގާނިސްތާންގެ ކްރިކެޓް ބޯޑަށް، އޭސީސީގެ ފުލް މެންބާޝިޕް ދިނުމަށްވެސް ކޮންގްރެސްއިން ވަނީ ފާސް ކޮށްފަ އެވެ. ފުލް މެންބަރު ގައުމު ތަކަކީ، އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި ބަންގުލަދޭޝްގެ އިތުރުން އަފްގާނިސްތާނެވެ.

ލާހޫރުގައި ބޭއްވި ކޮންގްރެސްއަށް، އިންޑިއާގެ ކްރިކެޓް ބޯޑުން ފަރާތުން ހާޒިރު ވެފައެއް ނުވެ އެވެ. އިންޑިއާގެ ކްރިކެޓް ބޯޑުގެ ރައީސް ސީކޭ ކަންނާ ހާޒިރު ނުވީ، ޕާކިސްތާނަށް ދަތުރު ކުރުމުގައި ހުރި ސަލާމަތީ ސަބަބުތަކާ ހެދި އެވެ.