އަބްދުﷲ ޝާހިދު

ރާއްޖޭގެ އާ ހާރިޖީ ސިޔާސަތު: "އަޅުގަނޑުމެންނަކީ ދިވެހިން"

ބައިނަލްއަގުވާމީ މުޖުތަމައުގައި މިހާރު އެކަހެރިވެފައިވާ ރާއްޖެއަކީ ވަކި ބަޔަކަށް ބުރަވާ ނުވަތަ ބަރޯސާވާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ދުނިޔޭގެ ރަހުމަތްތެރިއެއްގެ ގޮތުގައި ރާއްޖޭގެ ނަން ފަވާލެވިގެން ދާނެ ކަމަށް ރާއްޖޭގެ އާ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތް މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާއެކު ދުނިޔޭގައި ބަސް ބުނާ ގައުމަކަށް ރާއްޖެ ހެދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މީގެ ކުރިން ލިބިފައިވާ ރީތިނަން އަނބުރާ ހޯއްދަވާ ދެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގައި އުސޫލުތައް ދަމަހައްޓައިގެން ކެރިގެން ސާފުކޮށް ބަސްބުނާ ގައުމަކަށް ވެއްޖެނަމަ، މިހާތަނަށް ރާއްޖެއަށް ލިބިފައިވާ ރީތި ނަމަށް ވުރެ މާ ސާފު ރީތި ނަން ލިބިގެންދާނެ، އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގައި ހުދުމުހުތާރުކަމާއި، އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ މިންވަރު ބޭރު ދުނިޔެއަށް ސާފުވެފައިވާ ކަމަށާއި، ބަދަލަކަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައުވެސް ބޭނުންވެފައިވާ މިންވަރު، ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބު ނިމުމާއެކު ހާމަވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ސަރުކާރުން ނިމުމުން ރައީސް ސޯލިހުއަށް މަރުހަބާ ކިޔުމުގެ އިތުރުން، އެމަނިކުފާނުގެ ހުވާކުރެއްވުުގެ ރަސްމިއްޔާތަށް ދިން ތަރުހީބު ފާހަގަކޮށްލަންޖެހޭ، އެއީ 40 އަށްވުރެ ގައުމަކުން ބައިވެރިކަން، ހާރިޖީ ވަޒީރުންނާއި، ގައުމުތަކުގެ ވެރިންގެ މަންދޫބުން އިންޑިއާގެ ބޮޑު ވަޒީރު ވަޑައިގެންނެވި. މީގެއިން ވެސް މި އެނގެނީ ރާއްޖެއާ މެދު މީހުންގެ ވިސްނުން ބަދަލުވެއްޖެކަން،"

އިންޑިއާގެ ގުޅުމުގައި މިހާރު ހާސްކަމެއް ނެތް!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަވަށްޓެރި އިންޑިއާ އާއެކު ޒަމާންވީ ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެފައިވީ ނަމަވެސް، މިހާރު އެ ގުޅުމުގައި އެއްވެސް "ހާސްކަމެއް" ނެތްކަމަށް ވަޒީރު ވިދާޅުވި އެވެ.

"އިންޑިއާގެ ބޮޑު ވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ހާސްކަމެއްނެތީމަ، އެއީ އެއްވެސް ގައުމެއްގެ ވެރިޔަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރަކު މިހާތަނަށް ވަޑައިގެންފައެއްނުވޭ، އެހެންކަމުން މޯދީ ވަޑައިގެންނެވުމަކީ ތާރީހީކަމެއް." ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަށް މި ވަނީ އަނެއްކާ ވެސް ޑިމޮކްރަސީއަކަށް އަލިވިލިފަ އެވެ. މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގަ ހިފައިގެން ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ގަތަރު އަދި އިރާނުގެ ގުޅުން އަލުން ގާއިމުކުރާނެ!

ކުރީގެ ސަރުކާރުގައި، ގަތަރާއި އިރާނާއި އޮންނަ ހާރިޖީ ގުޅުން ކަނޑާލާފައިވާއިރު، އެ ގުޅުންތައް އަލުން ގާއިމުކުރާނެ ކަމުގެ އިޝާރާތެއްވެސް ޝާހިދު ވަނީ ދެއްވައިފަ އެވެ.

"ގަތަރު އަދި އިރާނު މައްސަލާގައި އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން، އެނގިވަޑައިގަންނަވާނެ، މިހާރު މެދު އިރުމަތި އޮތީ ވަރަށް ހައްސާސް ސިޔާސީ މާހައުލެއްގައި، އެއްކޮޅުން އިރާނު، އަނެއްކޮޅުން ސައުދީ، އަދި ގަތަރަކީ މިހާރު ސައުދީ ނުރުހޭ ނަންބޯޑު އަޅުވާފައިވާ ގައުމެއް،" ވަޒީރު ތަފްސީލުކޮށް ދެއްވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެ ދެ ގައުމާއި ހާރިޖީ ގުޅުން އިޔާދަކުރާނީ "މުޅި އީކުއޭޝަނަށް ވިސްނާފައި" ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ގައުމަކާއެކު ހާރިޖީ ގުޅުން ގާއިމުކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ. "ވިޔަފާރީގެ ގޮތުން ވެސް ވަރަށް ގާތް ގައުމެއް ގަތަރަކީ، އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ ގަތަރާއި އިރާނާއެކު ވެސް ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްގެން ކުރިއަށް ދިޔުން."

އަޅުގަނޑުމެންނަކީ ޔޫރަޕު މީހުންނެއްވެސް ނޫން، އަޅުގަނޑުމެންނަކީ އަރަބިންނެއްވެސް ނޫން، އިންޑިއާ މީހުންނެއްވެސް ނޫން، ޗައިނާ މީހުނެއްވެސް ނޫން، އަޅުގަނޑުމެންނަކީ ދިވެހިން.
އަބްދުﷲ ޝާހިދު - ފޮރިން މިނިސްޓަރު

ފަލަސްތީނުގެ މަސްލަހަތު ހިމާޔަތްކުރާނެ!

އެމްޑީޕީ އިސްވެ އޮންނަ ސަރުކާރެއްގައި، އިޒްރޭލާއެކު ގުޅުން ބަދަހި ކުރާނެކަމަށް ދެކެވޭ ވާހަކަތައް ވެސް ޝާހިދު މިއަދު ވަނީ އަލި އަޅުއްވާލައިފަ އެވެ.

"އެމްޑީޕީ ސަރުކާރުގެ ތިން އަހަރުގައި ވެސް އިޒްރޭލާއެކު ހާރިޖީ ގުޅުމެއް ގާއިމެއް ނުކުރެ،" ޝާހިދު ފާހަގަ ކުރެއްވި އެވެ."އަޅުގަނޑުގެ ފުރަތަމަ ރަސްމީ ބައްދަވުންއޮތީ ފަލަސްތީނުގެ ހާރިޖީ ވަޒީރާއެކު، ދެގައުމުގެ ދެމެދުގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ އެއްބަސްވުންތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ."

ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އަމާޒަކަށް ވާނީ މެދު އިރުމައްޗަށާއި، ހާއްސަކޮށް އިޒްރޭލު ފަލަސްތީނު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

"އެއީ އިސްލާމިކް ކޮންފަރަންސުން ވެސް މަސައްކަތް ކުރާ ދިމާ، ސައުދީން ވެސް މަސައްކަތްކުރަނީ އެގޮތަށް، އަދި އިސްމާލީ އެހެން ގައުމުތަކުން، ދެ ފަރާތުގެ ގުޅުން އެއްހަމައަކަށް ގެނެސްގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުން، މި މަސައްކަތް ކޮންމެ ގޮތަކަށް ދިޔަސް، މަސްޖިދުލް އަގްސާގެ ހާއްސަކަން އަޅުގަނޑުމެން ދަމަހައްޓާނަން، ޖެރޫސަލަމް އެއީ ސުވާލެއްނެތި އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި އެއީ ފަލަސްތީނުގެ ކެޕިޓަލް،" އެމަނިކުފާނު ވިދާޅުވި އެވެ. "މިކަހަލަ އަސާސީ މައްސަލަތަކެއްގަ ހިޔާލު ތަފާތުވުންތަކެއް އުޅެނީ، މި އަސާސީ މައްސަލަތަކުގައި އަޅުގަނޑުމެން ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލެއް ނުކުރާނެ. އަޅުގަނޑުމެން ތިބޭނީ ފަަލަސްތީނު ރައްޔިތުންނާ އެކު."

ދެ ގައުމު "ތޮޅުވާ" ބަޔަކަށް ރާއްޖެ ނުވާނެ!

ރައީސް ސޯލިހުގެ ވެރިކަމުގައި ޗައިނާއާއި ގުޅުން ގޯސްވެ އިންޑިއާ އާ އަލުން ގާތްވާނެކަމަށް ދެކެވޭ ވާހަކަތަކަކީ ބައިނަލްއަގުވާމީ ކަންތައްތަކުގައި "ޅަ ކަމުން" ދައްކާ ވާހަކަތަކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ކުޑަ ޖަޒީރާ ގައުމެއް، އަޅުގަނޑުމެން ނުވާނެ ބޮޑެތި ގައުމުތައް ތޮޅުވާ ބަޔަކަށް ވެގެނެއް، އެއް ގައުމު އަނެއް ގައުމެއް ގުޑި އެއްލައިގެން ތޯޅުވާ ގޮތަށް އުޅޭ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ،" ވަޒީރު ވިދާޅުވި އެވެ.

ބޮޑެތި ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގެ ތެރެއަށް ވަދެ، "ތޯޅުވާ" ބަޔަކަށް ރާއްޖެ ވެއްޖެނަމަ އެކަމުގެ "ބޮނޑި" ލިބޭނީ އެންމެ ފަހުން ރާއްޖެއަށް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"ކަންވާރުގަ ހުންނާނީ ފުޅިތޮށި ޖަހާފަ، އެހެން ހުއްޓާ ފުޅިތޮށީގައި އަތްޖެހިދާނެ، އެގޮތަށް ޖައްސަން އުޅެފިއްޔާ ގޯސްވާނީ، އެންމެފަހުން ބޮނޑި ލިބޭނީ އަޅުގަނޑުމެންނަށް." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ޗައިނާ އާއި އިންޑިއާ އާދެމެދު ހަގީގަތުގައި އޮންނަ ގުޅުމަށް ވިސްނާލަންޖެހޭ ކަމަށެވެ.

"އިންޑިއާއިން މަރުހަބާ އެބަކިޔާ ޗައިނާގެ އިންވެސްޓްމަންޓުތަކަށް، އިންޑިއާގަ ބިލިއަނުން ޗައިނާގެ ވިޔަފާރިވެރިންނާއި ސަރުކާރުން އެބަ އިންވެސްޓުކުރޭ، ދެން އަޅުގަނޑުމެން ކީއްކުރަންތޯ ޗައިނާ މީހުން ދެކެ އިންޑިއާ މީހުން ވަރަށް ރުޅި އާދެއޭ، އިންޑިއާ މީހުންދެކެ ޗައިނާ މީހުން ވަރަށް ރުޅި އާދެއޭ ކިޔަންވީ، މިކަމުގެ ތެރެއަށް ވަންނަންޖެހޭ އެއްވެސް
ސަބަބެއް ނެތް."

މަސްޖިދުލް އަގްސާގެ ހާއްސަކަން އަޅުގަނޑުމެން ދަމަހައްޓާނަން، ޖެރޫސަލަމް އެއީ ސުވާލެއްނެތި އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި އެއީ ފަލަސްތީނުގެ ކެޕިޓަލް
އަބްދުﷲ ޝާހިދު - ހާރިޖީ ވަޒީރު

ވަޒީރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަހައްދަކަށް ބަލައިލި ނަމަވެސް، ހިނގަނީ އެއްހަމައެއް ކަމަށާއި، ދިވެހިން ބަލަންވީ އަމިއްލަވަންތަކަން ދަމަހައްޓަން ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެހެން ނުޖެހޭ އަރަބިންނަށް ވުރެ އަރަބިވާކަށް ވެސް، ޔޫރަޕު މީހުންނަށްވުރެ ޔޫރަޕުވާކަށްވެސް ނުޖެހޭ، އަޅުގަނޑުމެން ބަލަންވީ ބައިނަލްއަގުވާމީ ދާއިރާގައި އަޅުގަނޑުމެންނަކީ ދިވެހިންކަން، ދިވެހި ދައުލުތަގެ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްގެން ކުރިއަށް ދިޔައިމަ، އެ ނިމުނީ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ޔޫރަޕު މީހުންނެއްވެސް ނޫން، އަޅުގަނޑުމެންނަކީ އަރަބިންނެއްވެސް ނޫން، އިންޑިއާ މީހުންނެއްވެސް ނޫން، ޗައިނާ މީހުނެއްވެސް ނޫން، އަޅުގަނޑުމެންނަކީ ދިވެހިން، އަބަދުވެސް ހިތުގަ އެކަން ބާއްވައިގެން، ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށްގެން، ބޭރުގެ ފަރާތްތަކާއި މަޝްވަރާކޮށްގެން، ކުރިއަށް ދިޔައިމަ އަޅުގަނޑުމެން ތިބޭނީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި."