ހަބަރު

އާ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ އިސްވެރިއަކު އީސީއިން ފޯމް ނަގައިފި

އާ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ އިސްވެރިޔަކު އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ފޯމް ގެންގޮސްފައިވާ ކަމަށް އެ ކޮމިޝަންގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު އާ ޕާޓީއެއް އުފެއްދުމަަށް ހުށަހަޅާފައިވާ ކަން ހާމަކޮށްފައި ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އީސީގެ މެންބަރު އިސްމާއިލް ހަބީބް އެވެ. ނިހާން ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތަ ނުދިނުމަށް އީސީ އާއި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ދަންނަވާ ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން ހަބީބް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ގާނޫނީ އިމުގެ ތެރެއިން އީސީ އިން ލިބެން ޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. އަދި ނިހާން ނިސްބަތްވާ ޕާޓީގެ އިސް ބޭފުޅަކު އާ ޕާޓީއެއް އުފެއްދުމަށް އިއްޔެ އީސީ އިން ފޯމް ގެންދަވާފައިވާ ކަމަށާއި ހެޔޮ ނަސީބާއި ކާމިޔާބީއަަށް އެދޭ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

ހަބީބް ކުރެއްވި ޓްވީޓު -

އެ ވާހަކަތަކާ ގުޅިގެން އެ ޕާޓީގެ ކޮންގްރެސްއިން ހޮވާފައިވާ އެއް ނައިބު ލީޑަރު، އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބޭއްވީ އީސީގެ އޮބްޒާވަރުން ތިބެގެން ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް ހައްދަވަން ނޫޅުއްވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު ޕާޓީއެއް އުފައްދަން ހުށަހަޅާފައިވާ އިރު އެ ޕާޓީގެ މިލްކުވެރިކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް އެބަދެ އެވެ. އޭގެ އިތުރުން ޕީޕީއެމް އިން ބޭއްވި ކޮންގްރަސް ބަލައި ނުގަންނަން އީސީ އިން ނިންމި މައްސަލަ ހައިކޯޓުން މިއަދު ނިންމާނެ އެވެ. އެ ދެ މައްސަލާގެ ނިމުން އަންނަ ގޮތުން ރައީސް އަބްދުﷲ ޔާމީން އަތުން ޕީޕީއެމް
ގެއްލުން ވެސް އެކަށީގެންވެ އެވެ.

ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ޕީޕީއެމްގެ ހަރަކާތްތައް ގާތްގަނޑަކަށް ވަނީ ހުއްޓިފަ އެވެ. ނަމަވެސް އެ ޕާޓީ އިން ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފަ އެވެ.