ހަބަރު

ރައީސް ޔާމީން އާ ޕާޓީއެއް ހައްދަވާކަށް ނޫޅުއްވާ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އިތުރު ޕާޓީއެއް ހައްދަވާކަށް ނޫޅޭ ކަމަށް އެ ޕާޓީގެ އިސް ފަރާތްތަކުން މިއަދު ބުނެފި އެވެ.

ރައީސް ޔާމީން އާއި ޕީޕީއެމްގެ އިސް ބޭފުޅަކު އާ ޕާޓީއެއް އުފެއްދުމަށް އުޅޭ ކަމަށް އަޑު ފެތުރިފައި ވަނީ އެ ޕާޓީގެ އިސް ބޭފުޅަކު އާ ޕާޓީއެއް އުފެއްދުމަށް ފޯމް ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ މެންބަރު އިސްމާއިލް ހަބީބް ވިދާޅުވުމާ ގުޅިގެން އެވެ. އެކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ސިޔާސީ އާ ޕާޓީއެއް ހައްދަވާކަށް ނޫޅުއްވާ ކަމަށެވެ. ބައެއް ފަރާތްތަކުން އެ ގޮތަށް ވާހަކަދައްކަވަނީ އެ މަނިކުފާނު ނިސްބަތްވާ ޕާޓީގެ މެންބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ކުރެއްވި ޓްވީޓު

ޕީޕިއެމްގެ ކޮންގްރެސްއިން ހޮވާފައިވާ އެއް ނައިބު ލީޑަރު، އައިޝަތު އާޒިމާ ޝަކޫރު ވެސް އެކަމާ ގުޅިގެން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބޭއްވީ އީސީގެ އޮބްޒާވަރުން ތިބެގެން ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް ހައްދަވަން ނޫޅުއްވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ޕީޕީއެމްގެ ހަރަކާތްތައް ގާތްގަނޑަކަށް ވަނީ ހުއްޓިފަ އެވެ. ނަމަވެސް އެ ޕާޓީ އިން ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފަ އެވެ.