ހަބަރު

ކުރީ ސަރުކާރުން ލޯން ނަގާފައިވަނީ ކޮމާޝަލް ރޭޓްގައި: މިނިސްޓަރު

ކުރީގެ ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމްގެ ސަރުކާރުން ލޯންތައް ނަގާފައިވަނީ ކޮމާޝަލް ރޭޓުން ކަމަށް ރާއްޖޭގެ އާ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ، ވިޔަފާރީގެ ބޭންކުތަކުން ދޫކުރާ އުސޫލަށް ލޯން ނަގައިގެން ރާއްޖޭގެ ބޭރުގެ ދަރަނި އޮބި ނޯންނަވަރަށް ގެންދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި ފުރުސަތުތައް އެބަހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައިލެޓްރަލް ގުޅުން ރަނގަޅަށް ގެންދެވިއްޖެކަމަށްވާނަމަ ކޮންސެޝަނަލް ލޯންސް އަޅުގަނޑުމެންނަށް ލިބުމުގެ ފުރުސަތު ބޮޑު، އެފުރުސަތުތައް ދޫކޮށްލާފައި ވިޔަފާރީގެ ބޭންކްތަކުންދޭ ލޯން އިންޓްރެސްޓްގައި ލޯން ނެގީމަކާ އެ ފައިސާ ދެއްކޭނެ ކަމުގެ ފުރުސަތެއް އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމަކަށް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ލޯން ނަގައިގެން މަސައްކަތް ކުރަން ޖެހިއްޖެނަމަ ލޯން ނަގައިގެން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ލޯންތައް ނެގުމުގައި ވިސްނަންޖެހޭ ވިސްނުންތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާރުތަ ކޮށްފައިއޮތް ބޮޑު ދަރަނި، އެދަރަންޏަށް ހަދާނެ ގޮތެއް އެބަޖެހޭ ހޯދަން، އެދަރަނި މިއޮތީ ނަގާފަ މިދެންނެވިހެން ކޮމާޝަލް ރޭޓްގައި އެތައް ބައިވަރު ލޯން ތަކެއް، ރާއްޖޭގެ ސޮވްރެން ގެރެންޓީ ދީފައި އެތައް ކުންފުނިތަކަކުން، ސަރުކާރުގެ ހިއްސާނެތް ކުންފުނިތަކުންވެސް ސަވްރެން ގެރެންޓީދީފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިިނިސްޓަރު ވިދާޅުވީ، އެކަންކަމަށް ހަދަންޖެހޭނެ ގޮތް ވިސްނަންޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުން ބޮޑެތި ލޯންތަކެއް ނަގާފައިވާތީ އާ ސަރުކާރަށް ކަންކަން ކުރުމުގައި ހަތަރެސްފައި ބަނދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކަންކަމާއި ގުޅޭ ގޮތުން ގޮތްތަކެއް ނިންމަންޖެހޭ ކަމަށާއި ނޫނީ ރާއްޖޭގެ ހާލަތު އިތުރަށް ވާނީ ގޯސް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ފުރިހަމަ މައުލޫމާތު އަދިވެސް ނުލިބޭ ކަމަށާއި އެކަމުގެ ފުރިހަމަ މައުލޫމާތު ފިނޭންސް މިނިސްޓްރީން ވަރަށް އަވަހަށް ދެއްވާނެ ކަަމަށެވެ.