ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރަން މަޓާޓޯއިން ގިނަ ހަރަކާތްތަކެއް ފަށަނީ

Nov 26, 2018

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ސަރުކާރާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ބުނެފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިދިޔަ ހަފުތާގައި ބޭއްވި ޓްރެވަލް ކޮންފަރެންސުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މިދިޔަ އަހަރުވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގިއިރު، މިއަހަރު އިތުރު ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ.

"މި އަހަރަކީ ޑެސްޓިނޭޝަން ޕްރޮމޯޝަންގައި ގިނަ ހަރަކާތްތަކެއް ހިންގި އަހަރެއް. މި އަހަރު 16 ރޯޑްޝޯވްއެއް 13 ގައުމެއްގައި ވަނީ ބޭއްވިފައި. މީގެ އިތުރުން އިންޑިއާގެ މުންބާއީގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅު ވިދާޅުވީ މީގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ގިނަ ތަމްރީންތަކެއް ވެސް ހިންގިފައިވާ ކަމަށެވެ.

"މި އަހަރު ސްރީލަންކާގެ ކުންފުންޏަކާ ގުޅިގެންނާއި ޕާޓާއާ ގުޅިގެންވެސް އިންޑަސްޓްރީއަށް މީހުން ތަމްރީން ކުރަން މަސައްކަތް ކުރެވިފައިވޭ،" އަބްދުﷲ ވިދާޅުވި އެވެ.

މަޓާޓޯ އިން ދަނީ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި މަޓާޓޯ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށް މީހުން ތަމްރީން ކުރަމުންނެވެ.