އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަަހަރުގެ ޖަލު ހުުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އިމްރާންގެ މައްޗަށް 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާ ގުޅުގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި 12 އަހަރަށް އޭނާ ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކުރި އެވެ. އަދި އެ މައްސަަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ފުރަތަމަ އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގެން ބޭރުކޮށްލާފަ އެވެ. އެހެން ނަމަވެސް އިމްރާންގެ ފަރާތުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން ފަހުން ސްޕްރީމް ކޯޓުން އެ މައްސަލަ ބަލަން ނިންމެވި އެވެ. މައްސަލާގައި ގޮތެއް ކަނޑައެޅެންދެން އިމްރާން ވަނީ މިނިވަން ވެސް ކޮށްފަ އެވެ.
ހުކުމް އެހެން އޮތްވާ އިމްރާންއަށް ވަނީ ހޯމް މިނިސްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފަ އެވެ. އެހެންވެ އޭނާގެ މިނިސްޓަރު ކަމުގެ ޝަރުތާމެދު ބައެއް މީހުން ގެންދިޔައީ ސުވާލު އުފައްދަމުންނެވެ.
ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ އެވެ.
މިއަދު ޝަރީއަތުގައި ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ބެންޗްގެ އިސްފަނޑިޔާރު އަބުދުލްގަނީ މުހައްމަދު ވިދާޅުވީ، ކުރިމިނަލް ކޯޓްގައި ދައުލަތުން ކޮށްފައިވާ ދައުވާތައް ބިނާކޮށްފައިވަނީ މޭ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ދެއްކުވި ވާހަކަތަކުގެ މައްޗަށްކަން އިނގެން އޮތްއިރު، އިމްރާން އެދުވަހު ދެއްކެވި ވާހަކަތަކަކީ ހަނުޖެހުމަކަށް ނުވަތަ އަމަން އަމާންކަން ނަގާލުމަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ސާބިތުކޮށް ދިނުމަށް އިމްރާން ފާހަގަ ކޮށްފައިވާ ކަންކަމަށް ބެލިފައިވާނެ އެވެ.
އެގޮތުން އެދުވަހު އިމްރާން ދައްކާފައިވާ ވާހަކަތަކަކީ ހަމަނުޖެހުމަށް ހިތްވަރުލިބޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެދުވަހު ދައްކާފައިވާ ވާހަކަތަކަކީ ހަމަނުޖެހުން ހިނގައިފާނެތީ އެކަންކަން ހުއްޓުވުމަށް އިލްތިމާސް ކުރުމާއި އެކަންކަން އެދުވަހުގެ ވާހަކަތަކުން އެނގި ރަނގަޅަށް ހާމަވާނެ ކަމަށް މީގެ ކުރިން އިމްރާންގެ ފަރާތުން ވިދާޅުވެފައިވާ ކަމަށެވެ.
ދައުލަތުން އެދުވަހު އިމްރާން ދެއްކެވި ވާހަކަތައް މާނަ ކޮށްފައިވަނީ، އިމްރާން ވަނީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށާއި ލޭ އޮހޮރުވުމަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކާފައި ކަމަށެވެ. އަދި އިމްރާންގެ ވާހަކަތަކުން އެދުވަހު ބޭނުންވާ ކަންކަން ނިންމާފައި ނޫނީ މުޒާހަރާގެ ބައިވެރިން ގެއަށް ވަންނަން ނުޖެހޭ ކަމަށް ބުނެ ދައްކަވާފައިވާ ވާހަކަތަކުން ދޭހަވަނީ ރައްޔިތުންނަށް ހަމަނުޖެހުމަކަށް ހިތްވަރުދިން ދިނުން ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވާ ކަމަށް ފަނޑިޔާރު އަބުދުލްގަނީ ވިދާޅުވި އެވެ.
ހުކުމްގައި ވަނީ، އެދުވަހުގެ މުޒާހަރާގައި ވާހަކަ ދައްކާ ނިންމާލަމުން އިމްރާން ވިދާޅުވެފައިވަނީ އެންމެން އިސްލާމީ މަރުކަޒަށް ދައުމަށް ކަމަށާއި އެކަން ދައުލަތުން މާނަކޮށްފައިވަނީ އެއީ އެއްވުން މަނާ ސަރަަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްކަން އިނގިހުރެ އެތަނަށް އެއްވަން ގޮވާލާފައިވަނީ ފުލުހުންނާއި ކުރިމަތިލުމަށް ކަމަށެވެ.
ހުކުމުގައި ވަނީ، މި މައްސަލާގައި އިމްރާން ފާހަގަ ކޮށްފައިވާ ކަންކަމަކީ ސަރީހަބަހުން އެއިން އެހެން މާނައެއް ދޭހަނުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަަމަށާއި އިމްރާންގެ ވާހަކަތަކުން އެދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ނުހިންގުމަށާއި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަށް ބާރު އަޅާފައިވާކަން ސަރީހަ އިބާރާތުން ސާބިތުވާ ކަމަށެވެ.
ޝަރީއަތުން އެދުވަހު އިމްރާން ދެއްކެވި ވާހަކަތައް މާނަކޮށްފައިވަނީ ޝައްކުތަކެއްގެ މައްޗަށް ކަމަށާއި އިމްރާން ދެއްކެވި ވާހަކަތަކުގައި ހަމަނުޖެހުމަށް ބާރުލިބޭގޮތަށް ނުވަތަ އަނިޔާވެރިކަމަށް އަރައުގަނެ ހަމަނުޖެހުން ހިންގުމަށް ބާރުލިބޭ ގޮތަށް އިގޭ ސާފު އިބާރާތެއްނެތް ކަމަށްވެސް ފަނޑިޔާރު އަބުދުލްގަނީ ހުކުމް އިއްވަމުން ވިދާޅުވި އެވެ.
އިމްރާންއަށް ކޮށްފައިވާ ދައުވާ ބިނާކޮށްފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ނޫން ކަމަށާއި ކުށެއް ކުރިކަން ދައުވާ ކުރަން ޖެހޭނީ އެކުށެއްގެ ކުރިކަން ޝައްކެއްނެތް މިންވަރަށް ސާބިތުވުމުން ކަމަށެވެ. މައްސަލައެއް ބިނާ ކުރަންވާނީ ހަރުދަނާ ދަލީލްތަކުގެ މައްޗަށް ކަމަށާއި އެކަަމަކީ ޕީޖީއަށް ކުރުން ލާޒިމް ކަމަކަށްވީއިރު، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ދަލީލްތަކަކީ ޝައްކާއި ވަހުމް އެކަށީގެންވާ ވަރަށް ފިލުވާފައިނުވާ ދަލީލްތަކެއް ކަމަށްވެސް ހުކުމުގައި ވެއެވެ.
ހުކުމުގައި ވަނީ، އިމްރާންގެ ވާހަކަތަކުން އަނިޔާވެރިކަމަށް ހިތްވަރުލިބޭ ގޮތަކަށާއި އަނިޔާވެރިކަން އިސްކުރުމަށް ނުވަތަ ހަމަނުޖެހުން ހިންގަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިނުވާކަން ސާބިތުވާ ކަމަށާއި އެމުޒާހަރާގައި ހިނގާފާނެ އަނިޔާވެރިކަމެއް ނުވަތަ ހަމަނުޖެހުމެއް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަަމަަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ވަކިވަކި ފަރުދުން ކުރާ ކުށެއްގެ ޒިންމާ އެމުޒާހަރާއެއް ރާވައި ހިންގާ ފަރާތުން ނަގަން ނުޖެހޭނެ ކަަމަށާއި އެގޮތަށް ޒިންމާ ނަގަން ޖެހޭނީ އެފަރުދުންނާއި އިންތިޒާމްކުރި ފަރާތާއި ގުޅިގެން ކަމެއް ހިންގިކަން ސާބިތުކޮށްދީގެން ކަަމަށެވެ. ނަމަވެސް އެކަން ދައުލަތުން ސާބިތުކޮށްދީފައިނުވާ ކަމަށްވެސް ހުކުމުގައި ވެއެވެ.
އިމްރާންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އެމައްސަލާގައި ހިމެނޭ ކަންކަން ރަނގަޅަށް މާނަ ނުކޮށް ކަމަށާއި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ފުރިހަމައަށް ރިއާޔަތްނުކޮށް ކަމަށެވެ. ހުކުމްވެސް ބިނާކޮށްފައިވަނީ އެކަންކަމަށް ބަލައި ކަމަށާއި އެގެންކަމުން މި މައްސަލައަކީ އަލުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. ދައުލަތުން އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށް، ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާވެސް ބާތިލް ކުރުމަށް މައްސަލަބެލި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.