ހަބަރު

އިމްރާންގެ ހުކުމާ މެދު މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަަހަރުގެ ޖަލު ހުުކުމް ރިވިއު ކުރުމުގެ މައްސަލާގައި މިއަދު ގޮތެއް ނިންމަން ތާވަލްކޮށްފި އެވެ.

މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެންކަމުން މިއަދު އޮންނާނީ ހުކުމެވެ.

ޝައިހް އިމްރާންގެ މައްޗަށް މޭޑޭގެ މުޒާހަރާއާ ގުޅުގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމައި 12 އަހަރަށް އޭނާ ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފަ އެވެ. އަދި އެމައްސަަލަ ސްޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ފުރަތަމަ އެކޯޓުން ވަނީ މައްސަލަ ބަލައިނުގެން ބޭރުކޮށްލާފަ އެވެ. އެހެން ނަމަވެސް އިމްރާންގެ ފަރާތުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން ފަހުން ސްޕްރީމް ކޯޓުން އެ މައްސަލަ ބަލަން ނިންމެވި އެވެ.

މައްސަލާގައި ގޮތެއް ކަނޑައެޅެންދެން އިމްރާން ވަނީ މިނިވަން ވެސް ކޮށްފަ އެވެ. އެކަމަކު އަދިވެސް އެއީ ޝަރުއީ ހުކުމެއް އޮތް ގާނޫނީ ގޮތުން ކުށްވެރިއެކެވެ. ހުކުމް ބާތިލެއް ނުކުރެ އެވެ. އެހެންވެ އިމްރާންއަށް މިނިސްޓަރުކަން ކުރެވިދާނެކަމާމެދު ބައެއް މީހުން ގެންދަނީ ސުވާލު ވެސް އުފައްދަމުންނެވެ.

ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ އެވެ.

އިމްރާންގެ ފަރާތުން ހުކުމް ބާތިލް ކުރުމަށް ޖުމްލަ 12 ނުކުތާއެއް ވަނީ ހުށަހަޅާފަ އެވެ. އެނުކުތާތަށް ހުށަހަޅުއްވަމުން އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، އިމްރާންގެ މައްޗަށް ދައުވާ އުފުލާ، ހުކުމް އިއްވާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކުށަކާ ގުޅިގެން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް އެ ދައުވާ ސާބިތުކޮށްދީފައިނުވާ ކަމަށެވެ.

އެނުކުތާތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލާ ސަފާ އިބްރާހިމް ވިދާޅުވީ، ކުރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށާއި، ކުރީގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރި ނަމަވެސް ފަހުގެ ގާނުނުގައި ބުނާ ލުއިތަށް އެމައްސަލައިގައި އަދަބު ކަނޑައެޅުމުގައި ގާޒީ ބައްލަވާފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.