ކުޅިވަރު

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމުން ސާންތީ ވަކިކޮށްފި

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ކަމުގައި ހުންނެވި، އިހްސާން އަބްދުލް ގަނީ 'ސާންތީ' އެ މަގާމުން ވަކިކޮށްފި އެވެ.

ކުޅިވަރު ގާނޫނުގެ ދަށުން ކުޅިވަރު ދާއިރާ ތަރައްގީ ކުރުމަށް އުފެއްދި ވިޔަފާރި ކުންފުނި، 'މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން' ގެ ޗެއާމަން ކަމަށް ސާންތީ ހަމަޖެއްސީ 2016 ވަނަ އަހަރުގެ ޖުލައި މަހު 10 ވަނަ ދުވަހު އެވެ.

އެ ކޯޕަރޭޝަނުން ސާންތީ ވަކި ކުރީ، މިއަދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ހަމަޖައްސާފައިވާ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރު މަގާމުން ވަކި ކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމުމުންނެވެ. އެ ބޯޑުން މިއަދު ވަނީ 11 ކުންފުންޏެއްގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުން މަގާމްތަކުން ވަކިކޮށްފަ އެވެ.

ސާންތީގެ މިހާރުގެ ރަސްމީ މަސައްކަތަކީ، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓް ހިންގެވުމުގެ މަސައްކަތެވެ. ކުރިން ކުލަބު އީގްލްސްއަށް ކޯޗުކޮށްދިން ސާންތީ އެ ކުލަބު ދޫކޮށްލުމަށް ފަހު އެފްއޭއެމްގެ ފުލު ޓައިމް ވަޒީފާއާ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭނާ ފުރަތަމަ ހަވާލުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗް ކަމާ އެވެ.

ކުރިން، ސްޕޯޓްސް ކައުންސިލްގެ މެންބަރުކަންވެސް ކުރި، ސާންތީ އަކީ 2008 ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕް ރާއްޖެއިން ހޯދިއިރު އޭރު ގައުމީ ޓީމުގެ އެއް އެސިސްޓެންޓް ކޯޗެވެ.

ސާންތީގެ އިތުުރުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އަބްދު ރައްޒާގް އިބްރާހިމްވެސް ވަނީ މަގާމުން ވަކި ކޮށްފަ އެވެ.

މިއަދު 'އަވަސް' އާ ވާހަކަ ދައްކަމުން އަބްދު ރައްޒާގް ވިދާޅުވީ މާގާމުން ދުރަށް ދާން ޖެހުމުން ކަންބޮޑު ނުވާ ކަމަށާއި ދެރަވީ ކުޅިވަރާ ދުރަށް ދާން ޖެހުމުން ކަމަށެވެ. އޭނާ އަކީ ކުރިން ޔޫތު މިނިސްޓްރީގެ ކުޅިވަރު ޑިޕާޓްމެންޓްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

"އެނގޭ ސަރުކާރު ބަދަލުވުމުން މަގާމުން ދުރަށް ދާން ޖެހޭނެ ކަން، އެއީ ކޮންމެ ސަރުކާރެއްގައިވެސް އެކަން އޮންނާނެ ގޮތް، އެއީ މާބޮޑު މައްސަލައެއް ނޫން،" ދެ އަހަރާއި ބައިގެ މުއްދަތަކަށް ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ފުރުއްވި ރައްޒާގު ވިދާޅުވި އެވެ.

"ކުޅިވަރާ ދުރަށް ދާން ޖެހުމުން ދެރަވޭ، އަޅުގަނޑަކީ ވަރަށް ގިނަ ދުވަހު ކުޅިވަރުގެ އެކި ފެންވަރުގައި މަސައްކަތް ކުރަމުން އައި މީހެއް."

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެގެންވެސް އެންމެ ފުރިހަމަ އަށް މެންޑޭޓް އަދާ ކުރުމުގެ ފުރުސަތު ލިބިގެން ނުދިޔަ ކަން އޭނާ ފާހަގަ ކުރި އެވެ.

"ސްޕޯޓްސް ކޯޕަރޭޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާ ކުރުމުގެ ފުރުސަތެއް ލިބިގެން ނުދޭ، އެ މެންޑޭޓް ފުރިހަމައަށް އަދާ ކުރަން ފުރުސަތު ލިބުނުނަމަ މިއަށް ވުރެ ބައިވަރު ކަންކަން ކުރެވޭނެ."

ރައްޒާގްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނުން ކުރި އެންމެ މުހިންމު މަސައްކަތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ކުޅިވަރު ތެރޭގައި ޝާމިލު ކުރުމަށް ޓީމުތައް އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން ލޯފަން މީހުންގެ ފުޓްބޯޅަ ޓީމެއް އެކުލަވާލުމަށް އޭނާ އިއުލާން ކުރި އެވެ.