ވިޔަފާރި

މާދަމާ ދާން ވާނެ! އުރީދޫ ކަލަ ރަން ސެންޓްރަލް ޕާކުގައި

Nov 22, 2018

މާދަމާ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އުރީދޫ ކަލާ ރަންގެ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އުރީދޫއިން އެންމެންނަށް މަރުހަބާ ކިޔާނެ އެވެ. އެކި ކުލަތަކާއެކު، އުފާވެރި މާހައުލެއްގައި ބާއްވާ އުރީދޫގެ މަގުބޫލު ދުވުން މި އަހަރު އިތުރަށް ތަފާތު ކުރުމަށްޓަކާ ކައިޓް ފެސްޓިވަލްއަކާއި ފޯރިގަދަ މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް އިންތިޒާމް ކޮށްފަ އެވެ.

ގުޑި މަހާސަމާ

ކަލާ ރަން ދުވެހުގެ ހަރަކާތްތަކަށް އަލަށް އިތުރު ކުރެވިފައިވާ ގުޑި މަހާސަމާ ބޭއްވިގެންދަނީ އިހުޒަމާނުއްސުރެ ދިވެހި އާއިލާތަކުގެ މެދުގައި އޮންނަ ގުޑި އެރުވުމުގެ އާދަކާދަ އައުކޮށް، މި ސަގާފަތް ދިރުވާ އާލާކުރުމުގެ މަގްސަދުގަ އެވެ. ހުކުރު ދުވަހު ހެންދުނު 8.00 ގައި ފެށިގެންދާ މި މަހާސަމާގައި ތަފާތު ގުޑިތަށް ދައްކާލުމުގެ އިތުރުން، ގުޑި ހެދުމަށް ދަސްކޮށްދިނުން، ގުޑި އެރުވުމުގެ މުބާރާތެއް، އަދި ބޮލްސް ރޭހެއްވެސް ހިމެނެއެވެ. މި ހަރަކާތުގައި ކުދިބޮޑު އެންމެހާ ބޭފުޅުންނަށްވެސް، ޕްރީ-ރެޖިސްޓްރޭޝަން އަކާއި ނުލާ ބައިވެރި ވެވޭނެއެވެ.

އުރީދޫ ކަލާ ރަން

ސިއްޚަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްގެ ގޮތުގައި ދުވުން ޕްރޮމޯޓުކޮށްދޭ، އުރީދޫ ކަލަރ ރަން 2018 ބޭއްވިގެންދާނީ ހުކުރު ދުވަހުގެ ހަވީރު 3.30 އިން ފެށިގެނެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާ ވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓަރު އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. ކަލަރ ރަންގެ ފޯރި އިތުރު ކުރުމުގެ ގޮތުން ވަނީ އެންމެ ފޯރިގަދަ ދުވުންތެރިންނާއި އަދި އެންމެ ސަޅި ކޮސްޓިއުމްތަށް ފާހަގަކޮށް، ވަރަށް ތަފާތު ހަދިޔާ ތަކެއް ދޭން ހަމަޖައްސާފައެވެ. މީގެ ތެރޭގައި ސްމާޓް ފޯން، ހިލޭ ޖިމަށް ދިއުމުގެ ފުރުސަތުތަށް، އަދި ކަލަރ ރަން ޕާޓްނަރުންގެ ފަރާތުން ވަރަށް ހިތްގައިމު ވައުޗާވެސް ހިމެނެއެވެ.

މިއުޒިކް ޝޯ

ކަލާ ރަން ނިމުމަށްފަހު، ރޭގަނޑު 8.30 އިން ފެށިގެން ހުނަރުވެރި ދިވެހި މިއުޒިކީ ފަންނާނުންނާއި އެކު މިއުޒިކް ޝޯ އެއްވެސް ބޭއްވިގެން ދާނެއެވެ. މި ޝޯގައި ބައިވެރިވާ މިއުޒީޝަނުންގެ ތެރޭގައި ޓްރެފިކް ޖޭމް، ލެވިޓޭޝަން ބައި ހެބޭސް، ސަމާ، ޒިޕޯ އާއި ސޮއްޕެ، އަދި ހަބޭސް ބޮޑުބެރު ހިމެނެއެވެ. އުރީދޫ ކަލަރ ރަންގެ ކުލަގަދަ ހަރަކާތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގައިވާ އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް ޒިޔާރަތް ކުރައްވާށެވެ.