ހަބަރު

މަންދޫބަކަށް ޖާބިރު، ސްޓޭޓް މިނިސްޓަރަކަށް އަކްރަމް

Nov 22, 2018
8

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުގެ މަގާމު، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރަށް ދެއްވައިފި އެވެ. އޭގެއިތުރުން އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަކްރަމް ކަމާލުއްދީން މިއަދު ރައީސް ސޯލިހު ވަނީ ހަމަޖައްސާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޖާބިރަށް ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ މަގާމު ދެއްވާފައިވާއިރު އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާފަ އެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓަރެއްގެ ގޮތުގައި ރައީސް ސޯލިހު އިހްތިޔާރު ކުރެއްވީ ގަމު ދާއިރާގެ ކުރީގެ މެންބަރު ފައްޔާޒު އިސްމާއިލެވެ.

ރާއްޖެޓީވީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީންއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މި ދެ ބޭފުޅުން ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފަހު އަހަރުތަކުގައި އުޅުއްވީ އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ. ރާއްޖެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބަށްފަހު އެވެ.