ހަބަރު

މަޖިލީހުގެ ހުސްވެފައިވާ ހަ ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހަ ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ. އެދާއިރާތައް ހުސްވެފައިވަނީ އެދާއިރާތައް ތަމްސީލް ކުރެއްވި މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، އެ ހަ ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން އެ ކޮމިޝަންއިން މިއަދު ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުންނަކީ މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލު ކުރެއްވުމަށް ފަހު މިހާރު ރައީސް ކަމުގެ މަގާމަށް ހުވާ ކުރެއްވި އިބްރާހިމް މުހަައްމަދު ސޯލިހު އާއި ކުރިން ކާށިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވުމަށް ފަހު ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފައިސަލް ނަސީމް އެވެ.

އޭގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ އާ ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު ކަމަށް ޝާހިދު އައްޔަން ކުރެއްވި އިރު މާރިޔާ އައްޔަން ކުރެއްވީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރަށް ފައްޔާޒް އައްޔަން ކުރެއްވި އިރު މަހުލޫފް އައްޔަން ކުރެއްވީ ޔޫތު މިނިސްޓްރީ އަށެވެ.

މަޖިލީހުގައި ދާއިރާތައް ތަމްސީލު ކުރެއްވުމަށް 85 މެންބަރުން ތިއްބަވަ އެވެ. ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މަޖިލީހުގެ މެޖޯރިޓީ ވެސް ވަނީ އިދިކޮޅަށް ލިބިފަ އެވެ.

މަޖިލީހުގައި މިހާރު 87 ދާއިރާ ހިމެނެ އެވެ. މަޖިލީހަށް ދެ ދާއިރާ އިތުރުކޮށްފައިވާއިރު، ދެ ދާއިރާ އިތުރުކޮށްފައިވަނީ މައްޗަންގޮޅި އަށާއި ހެންވޭރަށެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގަ އެވެ.