ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެ ކޮންގްރެސްގެ ނިންމުންތައް ދަފުތަރުކޮށްފި އެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ކަނޑައެޅުމަށްފަހު ކޮންގްރެސްގައި އިންތިހާބުކުރި މަގާމުތައް ޕާޓީ ދަފުތަރުގައި ހިމެނުމަށް އިލެކްޝަން ކޮމިޝަނަށް ހައިކޯޓުން ދީފައިވަނީ 24 ގަޑިއިރެވެ.
އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ފޮނުވި ސިިޓީގައި ވަނީ، ކޮންގްރެސްއާ ގުޅިގެން ހައި ކޯޓުން މިއަދު އިއްވި ހުކުމުގައިވާ ގޮތަށް ސެމްޓެމްބަރު މަހުގެ 28 އަދި 29 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ އަސާސީ ގަވާއިދާއި ޕީޕީއެމްގެ މަގާމްތަކަށް އިންތިހާބު ކުރި ފަރާތްތައް މިއަދު ކޮމިޝަނުގައި ދަފްތަރު ކޮށްފައިވާ ކަމަށެވެ. އަދި ދަފްތަރު ކޮށްފައިވާ އަސާސީ ގަވާއިދުގެ ކޮޕީ އަންނަ ހަފްތާގެ ތެރޭގައި އެޕާޓީއަށް ފޮނުވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.
ސިޓީގައި އިތުރަށް ވަނީ، ހައި ކޯޓުން އިއްވި ހުކުމުގައި ޝަރުއީ އަދި ގާނޫނީ ގޮތުން ރިއާޔަތް ކުރައްވަންޖެހޭ ކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ، އެ މައްސަލަ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމި އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ހައިކޯޓުން މިއަދު ނިންމީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށެވެ.