ހަބަރު

ރައީސްގެ އިލްތިމާސް: ގުރުއާނަށް އިތުރު އަހަންމިއްޔަތު ކަމެއް ދެއްވާ

Jun 17, 2015

ރޯދަ މަހު ހެޔޮ ކަންތައްތައް ގިނަ ކޮށް އެ މަހުގެ ފައިދާ ހެޔޮ ގޮތުގައި ލިި ގަތުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސްކުރައްވައިފި އެވެ.

ރޯދަ މަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި މެސެޖްގައި ވިދާޅުވީ ރަމަޟާން މަހަކީ، މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި ރޫހާނީ މައްސަރެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވާފައިވާ ވަރަށްބޮޑު ރަހުމަތަކާއި ނިއުމަތެކެވެ. މި މާތް މައްސަރުގެ ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ މަތިވެރި ވާޖިބު އަދާކޮށް، ޞަދަގާތް ކޮށް، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ، ކޮންމެ އިސްލާމެއްގެ މައްޗަށް ވާޖިބެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"މި މައްސަރަކީ ކީރިތި ގުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ކީރިތި ގުރްއާނަށް އިތުރު އަހަންމިއްޔަތު ކަމެއް ދެއްވައި، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.

އެމަނިކުފާނު ވަނީ މި ރޯދަ މަހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އުފާފާގަތި އަދި މަހުގެ ފައިދާ އެންމެ ހޮޔޮގޮތުގައި ހިފުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށް ދެއްވުމަށް އެދި ދުއާ ކުރައްވައިފަ އެވެ.

"މާތްﷲ މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ! އަދި މި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށިއެވެ!""

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް މިއަދު ވަނީ ވަކިވަކިން ތަހުނިޔާ ފޮނުއްވާފައެވެ.