މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ، ހއ. ދިއްދުއަށް ކުރެއްވި ދަތުރުފުޅުގައި، އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ދިއްދޫގައި ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށުމަކީ ރާއްޖޭގައި މިއޮތް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ގާއިމުކުރުމަށާއި ދީނީ ވާޖިބުތައް އަދާ ކުރުމަށް ބާރުއެޅުމަށްޓަކައި މި ސަރުކާރުން ކުރަން ނިންމާފައިވާ ގިނަ ގުނަ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.
އޭގެއިތުރުން ހައްޖުގެ އަޅުކަންކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.
ގައުމު ތަރައްގީ ކުރުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދަން ޖެހޭކަމަށާއި، ކޮންމެ މީހެއްގެ ވާޖިބަކަށް ވާންވާނީ ތުއްތު ކުދިންނަށް ހެޔޮ ގޮތުގައި ތަޢުލީމު ފޯރުކޮށްދީ މާދަމައަށްޓަކައި އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިހާރު ނައިބު ރައީސް ވަނީ މާލެ ވަޑައިގެންފަ އެވެ.