ހަބަރު

ޖާބިރު އެމްޑީޕީ ޓިކެޓްގައި ކާށިދޫ ދާއިރާއަށް ވާދަކުރަން ނިންމަވައިފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީއަކަށް ދާދިފަހުން އައްޔަން ކުރެއްވި ވިޔަފާރި ވެރިޔާ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރިން ވެސް ކުރައްވާފައިވާ ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާާފައިވާ ކަމަށެވެ. އަދި މިއަންނަ ހަފްތާގައި ކާށިދޫ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

ޖާބިރަކީ ރައްޔިތުންގެ މަޖިލީހާއި މިހާރު އަމަލުކުރަމުން މިދާ ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ގއ. އަތޮޅުގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ޖާބިރު ކާށިދޫ ދާއިރާ މީގެ ކުރިން ކާމިޔާބު ކުރެއްވީ ބައި އިލެކްޝަނެއްގައި ވާދަކުރައްވައިގެންނެވެ.

ކާށިދޫ ދާއިރާއަށް ކުރިމަތިލުމަށް ޖާބިރު ނިންމަވާފައިވާއިރު، އެ ދާއިރާގެ ގޮނޑި މިހާރުވެސް ވަނީ ހުސްވެފައެވެ. އެދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެންމެ ފަހުން އެދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ފައިސަލް ނަސީމް ނައިބް ރައީސް ކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ. އެދާއިރާގެ ގޮނޑި މިވަގުތު ހުސްވެފައިވީ ނަަމަވެސް 2019 ވަނަ އަހަރުގެ މަޖިިލިސް އިންތިހާބު ކައިރިވެފައި އޮތުމާއެކު އެދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް ވަނީ ނިންމާފަ އެވެ.