ނިއުރޭޑިއަންޓް

ބައިކޮޅަށް ފަސް ގޯލް، ނިއުއަށް މިވަރު ހައްގެއް ނޫން!

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގް ނިއު އިން ފެށީ 10-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ތ. ތިމަރަފުށި މައްޗަށް ބޮޑު މޮޅެއް ހޯދައިގެންނެވެ. އެއީ ތިމަރަފުށީ ޓީމުގެ މައްޗަށް ކުލަބަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާވެސްމެއެވެ. ބޮޑު މޮޅަކާއެކު ވަރުގަދަ ރޫހެއްގައި ނިއު އިން ލީގް ފެށުމުން މި އަހަރުވެސް ލީގްގެ ފޭވަރިޓަކީ އެ ޓީމު ކަމަށް ބެލެވުނެވެ.

ނަމަވެސް ބޮޑު ބްރޭކަކަށ ފަހު ލީގް ފެށިއިރު ނިއުގެ ހާލަތު އޮތީ ގޯހުން ގޯހަށް ގޮސްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގްރީން ސްޓްރީޓުން ނިއު ކޮޅަށް ފަސް ލަނޑު ޖަހާލަފާނެ ކަމަކަށް އެއްވެސް މީހަކު ހީކޮށްފައެއް ނުވާނެ އެވެ. ގުރީންގެ ސްޕެއިންގެ ފޯވަޑް ހޯޒޭ އަވީލާ ނިއުގެ ގޯލް ފޫއަޅުވާލީ ނަގުލު ރޯޅިއެއް ހެންނެވެ. ފުލުފުލުގައި ނިއުގެ ޑިފެންސަށް ބާރު ބޮޑު ކުރިއެވެ. މެޗުން ނިއު ބަލިވީ 5-1 ންނެވެ. އެ ޓީމުގެ ހަމަ އެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އެވެ. ގުރީންގެ ފަސް ލަނޑުވެސް ކާމިޔާބު ކުރީ އަވީލާ އެވެ.

މީގެ ކުރިން ނިއު ކޮޅަށް، ޓީމަކުން ފަސް ލަނޑު ޖެހީ މީގެ ފަސް އަހަރު ކުރިންނެވެ. އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުގައި އެ މުބާރާތުގެ ގަދަ ބާރު ކުވައިތުގެ ކުވައިތު އެފްސީން ވަނީ އެ ގައުމުގައި ކުޅުނު މެޗު 5-0 ނިއު ބަލިކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ގުރީން ސްޓްރީޓުން ނިއު ކޮޅަށް ފަސް ލަނޑު ޖާހަލީ ދިވެހި ކުލަބެއް އަތުން އެހާ ތަފާތު ބޮޑުކޮށް ބަލި ނުވާތާ އަށް އަހަރު ފަހުންނެވެ. ވީބީ ސްޕޯޓްސް ކުލަބުން ވަނީ 2010 ވަނަ އަހަރުގެ ދިވެހި ލީގްގައި އޮކްޓޫބަރު މަހު ކުޅުނު މެޗުގައި 5-0 ނިއު ބަލިކޮށްފަ އެވެ.

ނިއު އަށް މައްސަލަ ދިމާވާން ފެށީ މާލޭ ލީގަށް ފަހު އެވެ. މާލޭ ލީގް ޗެމްޕިއަންކަން ހޯދައި ޑޮމެސްޓިކް ސީޒަންގެ ބާކީ އޮތް ބަޔަށްވެސް އެ ޓީމުން އިތުބާރު ބޮޑު ކުރި އެވެ. ނަމަވެސް މިސްމެނޭޖްމެންޓާއި މާލީ މައްސަލަތަކާ ހުރެ ސްކޮޑު އެއް ފެންވަރެއްގައި ބޭއްވޭ ގޮތެއް ނުވި އެވެ. ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންވެސް ޓީމު ދޫކޮށް ދިޔައީ އެވެ. ޓީމުގެ ކެޕްޓަނަކަށް ހުރި އަލީ އަޝްފާގް 'ދަގަނޑޭ' އަށް މުސާރަ ނުދޭތީ އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރަން އެފްއޭއެމް އަށް މައްސަލަ ހުށަހެޅުމުން އޭނާ އާއެކު އޮތް ކޮންޓްރެކްޓް ކުލަބުން ބާތިލު ކުރި އެވެ.

މިދިޔަ ސީޒަންގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވެ ހަތަރު ތަށި ހޯދައިދިން ސްޕެއިންގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ނިއު ދޫކޮށްލުމަށް ފަހު ބަންގުލަދޭޝްގެ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރަން ފެށި ބޮށުންދަރާ ކިންގްސް އާ ހަވާލުވި އެވެ. ހަތްދިހަ ދުވަހަށް ދިގު ދެމިގެން ދިޔަ ބޮޑު ބްރޭކަށް ފަހު ސްކޮޑު އޮތީ ވީރާނާ ވެފަ އެވެ.

އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދަށް ކުލަބުން ދޭން ޖެހޭ ޕޭމަންޓް މުއްދަތު ފާއިތުވެގެން އެތަކެއް ދުވަސްތަކެއް ވޭތުވެދިޔައިރުވެސް، ޕޭމަންޓް ނުދީ އޮތުމުން ކުލަބުގެ ޕްރެކްޓިހަށް ނިކުތުން އޭނާ ހުއްޓާލި އެވެ. އެންމެ ފަހުން އޭނާ އާ އެކު ހަދާފައިވާ ކޮންޓްރެކްޓް ކުލަބުން އުވާލި އެވެ. ބުރުޒޮން ޓީމު ދޫކޮށްލުމުން ޓީމާ ހަވާލުވީ 2015 ވަނަ އަހަރުގެ ސީޒަންގެ ބައެއްގައި ނިއު އަށް ކޯޗް ކޮށްދިން ސޮބާހް މުހައްމަދެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނިއުގެ ކޯޗް ކަމުގައި ދެއްކި ޖާދޫ އޭނާއަކަށް އަލުން ނިއުގައި ނުދެއްކުނެވެ. އޭގެ ބަދަލުގައި އޭނާ ކުރިމަތިލާން ޖެހުނީ މުސާރަ ނުދީ އޮތް ޓީމެއް މެނޭޖު ކުރުމުގެ އުނދަގޫ މަސައްކަތެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ގަވާއިދުން ޕްރެކްޓިހަށް ނިކުތުން ހުއްޓިގެން ދިޔަ އެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑެއް މެނޭޖުކުރުމުގައި ސޮބާއަށް އުނދަގޫ ކުރިމަތިވި އެވެ. އޭނާގެ ކޮންޓްރޯލް ސްކޮޑުގައި ގެއްލުނެވެ.

މިއަހަރު އޭއެފްސީ ކަޕުގެ އަނެއް ބުރަށް ނުދެވުނަސް، އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލި ކުރުމަކީ ނިއު އިން ހޯދި ނިސްބަތުން ބޮޑު ކާމިޔާބެކެވެ. އެހެންނަމަވެސް މިހާރު ނިއުގެ ހާލަތު ގޯހުން ގޯހަށް ގޮސް ލަދުވެތި ނަތީޖާތަކެއް އެ ޓީމަށް ކުރިމަތި ވުމަކީ ކުލަބުގެ ސަޕޯޓަރުންނަށް އަޑު އަހަން ފަސޭހަ ވާނެ ވާހަކަތަކެއް ނޫނެވެ. މިހާރުވެސް ނިސްބަތުން ވަރުގަދަ ސްކޮޑެއް އޮވެމެ ލަދުވެތި ނަތީޖާތަކެއް ނެރުމަކީ ނިއުއަށް ހައްގުވާ މިންވަރެއް ނޫނެވެ. އެ ޓީމަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބެވެ. މެޗަކުން ބަލިވިޔަސް މިހާ ދަށުދަރަޖައަށް ކުލަބު ވެއްޓިގެން ދިއުމަކީ ލަދުވެތި ކަމެކެވެ.