ހަބަރު

މިނިސްޓްރީގެ ކަންކަން ރަނގަޅު ކުރާނީ ޖަލުން ލިބުނު ތަޖުރިބާއިން: މިނިސްޓަރު އިމްރާން

ހޯމް މިނިސްޓްރީގެ ކަންކަން ރަނގަޅު ކުރާނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ލިބުނު ތަޖްރިބާގެ މައްޗަށް ބިނާކޮށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަގާމާއި ހަވާލުވުމުގެ އެންމެ ބޮޑު މަގްސަދަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ލިބިގެންދިޔަ ތަޖްރިބާގެ ބޭނުންކޮށްގެން ކަންކަން އިސްލާހުކުރުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން މިއަދު ކުރަން ޖެހިފައިވާ ގިނަ މަސައްކަތްތަކަށް އަޅުގަނޑުވަނީ ތަޖްރިބާތަކެއް އަމަލީ ގޮތުން ކޮށްފަ، އަޅުގަނޑު ވަނީ އަމިއްލައަށް އިސްލާހަށް ބަދަލު ގެންނަން ޖެހޭ ތަންތަން ދެކެފަ، އެކަންތަކުގެ ތެރޭގައި އަޅުގަނޑު ހަޔާތުގެ ދުވަސްތަކެއް ހޭދަކޮށްގެން ގޮސްފަ، އެހެންވީމަ އެއިހްސާސްތަކާއި އެތަޖްރިބާއާ އެވިސްނުމުގެ މައްޗަށް ބިނާކޮށް އެކަމުގައި ރަނގަޅު ފަރުވާއެއް ހައްލެއް ގެނެސްދިނުމުގެ އެއުންމީދުގައި ރައީސް ސޯލިހް އާއެކު މަސައްކަތް ކުރުމަށް ނިކުންނެވީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށާއި އެކަމަކީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޝަރަފްވެރި އަދި ގަދަރުވެރި މުއައްސަސާއަކަށްވާންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މުއައްސަސާގެ ހަގީގަތަކީ މުޅި ރާއްޖޭގެ ހަމަޖެހުމާއި ސުލްހަޔާއި މަސްލަހަތާ އަދި ނުރައްކާތަކުން ސަލާމަތްވެ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކޮށްދިނުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މުއައްސަސާއެއް އެއީ، އެ މުއައްސަސާގެ ތެރެއަށް ވަންނަން ނުޖެހޭ ނުފޫޒުތައްވަދެ އޭގެ ތެރޭގައި ހިނގަން ނުޖެހޭ ކަންތައްތައް ހިނގައި އަދި ފޯރައިގެން ނުވާނެ އަސަރުތައް ފޯރާ ލިބިގެން ނުވާނެ ގެއްލުންތަކެއް އެތާ އެތެރޭގައި ލިބިގެން ދިއުމަކީ މުޅި ރައްޔިތުންނަށް ތަފާތު ސިފަ ސިފައިގައި އޭގެ ބޮޑެތި ގެއްލުންތަކެއް ފޯރާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ މުއައްސަސައަށް ވަންނަން ނުޖެހޭ ނުފޫޒުތަކެއް ވަދެފައިވުމުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް ހައްގު ނޫން އަނިޔާތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި އެމުއައްސަސާއަށް ރައްޔިތުންކުރާ އިތުބާރު އަލުން ހޯދައިދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ބަލާ މައްސަލަތަކުގެ ތެރެއިން މިނިސްޓަރު ވަނުމަކީ އެންމެ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ހާލަތު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށްވެސް މިނިސްޓަރު
ވިދާޅުވި އެވެ.