ޗެލްސީ

ޗެލްސީގެ ޑިފެންސަކީ މުސީބާތެއް: ސާރީ

ޓޮޓެންހަމް އާ ދެކޮޅަށް، ރޭ ކުޅުނު މެޗުގައި ޗެލްސީގެ ޓީމުގެ ޑިފެންސަކީ މުސީބާތެއްގެ ގޮތުގައި އެ ޓީމުގެ ކޯޗް މައުރީޒިއޯ ސާރީ ސިފަ ކޮށްފި އެވެ.

ރޭ ޓޮޓެންހަމް އަތުން ޗެލްސީ ބަލިވީ 3-1 ންނެވެ. ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބު ކުރީ ޑެލީ އަލީ، ހެރީ ކޭން ހިއުންގް މިން ސަން އެވެ. ޗެލްސީގެ ލަނޑު މެޗުގެ އެންމެ ފަހު ކޮޅު ކާމިޔާބު ކުރީ އޮލިވާ ޖިރޫޑް އެވެ.

އެ މެޗަކީ، ޕްރިމިއާ ލީގްގައި ސާރީ އާ އެކު ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ. ސާރީ ބުނީ ހުރިހާ ގޮތަކުންވެސް ޗެލްސީގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ.

"އަހަންނަށް އެނގޭ އަހަރެމެން ޓީމުގައި ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަން، މިއަދު އެންމެންނަށްވެސް އެކަން ފެންނާނެ،" ސާރީ ބުންޏެވެ. "އަހަރެންގެ ކުޅުންތެރިންނާ މެދު އަހަރެން އުންމިދު ކުރަން، އަހަރެން މިދިޔަ ހަފުތާގައި ވެސް އެމީހުން ކައިރީގައި ބުނިން މެޗު ފެށުމުގައި އެމީހުން ގެންގުޅުނީ ރަނގަޅު ވިސްނުމެއް ނޫނޭ، ހަމަ މިއަދުވެސް ފެނުނީ އެކަންތައް، މެޗު ފަށައިގެން މެޗުގެ ޓެމްޕޯ ގެންގުޅުނީ ރަނގަޅަކަށް ނޫން، ފުރަތަމަ ފަނަރަ މިނެޓް ނިމުނު އިރު އަހަރެމެން އޮތީ 2-0 ން ފަހަތުގައި."

ޗެލްސީ މެޗުން ބަލިވުމުން، ވަޓްފޯޑާ ދެކޮޅަށް ކުޅުނު ލިވަޕޫލް ވަނީ އެ މެޗު މޮޅުވެ ދެ ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ވަޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗުގައި، ލިވަޕޫލްގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ލަނޑުތައް ކާމިޔާބު ކުރީ މުހައްމަދު ސަލާހް އާއި އެލްކްޒެންޑާ އާނޯލްޑްގެ އިތުރުން ރޮބާޓޯ ފިރުމީނޯ އެވެ.

މެންޗެސްޓާ ސިޓީ ވަނީ ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗު 4-0 ން ކާމިޔާބު ކޮށް ތާވަލުގެ އެއް ވަނައިގައި އެ ޓީމުން ހިފަހައްޓަމުން އަންނަ ލީޑްގައި ހިފަހައްޓާފަ އެވެ. ސިޓީގެ ޖަރުމަންގެ ވިންގާ ލިރޮއީ ސަނޭ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޑޭވިޑް ސިލްވާ އާއި ރަހީމް ސްޓާލިން އެވެ. މެންޗެސްޓާ ޔުނައިޓަޑް ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.