ހަބަރު

އިންޑިއާ، ލަންކާގެ މަނަވަރުތަކާ އެކު ރާއްޖޭގައި ތަމްރީންތަކެއް ފަށަނީ

އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ އަސްކަރީ ތަމްރީން، "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" މާދަމާ ފަށާނެ ކަމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

ކޯސްޓް ގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ދޯސްތީ ތަމްރީން ތަކަކީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި މި ރީޖަންގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކަށް ވީހާ ވެސް އަވަހަކަށް ހަރަކާތްތެރިވުމަށް މި ސަރަހައްދުގެ ގައުމުތައް ގުޅިގެން ހިންގާ ވަރަށް މުހިންމު ރޫޓިން އެކްސަސައިޒެއް ކަމަށެވެ.

"ދޯސްތީގެ ފައިނަލް ޕްލޭނިން ކޮންފަރެންސް ކޯސްޓްގާޑްގައި މިއަދު ބޭއްވޭނެ، އެއަށްފަހު މާދަމާގެ ހެނދުނު 9:00 ގައި ރަސްމިއްޔާތު ފެށުން އިސްލާމީ މަރުކަޒުގައި އޮންނާނެ. އެގޮތުން ތައްޔާރުވާންޖެހޭ ތައްޔާރީތައް ކުރިއަށް މިދަނީ،"ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވުމަށް އިންޑިއާގެ ދެ މަނަވަރަކާއި ސްރީލަންކާގެ މަނަވަރެއް ރާއްޖޭ އައިސްފައިވާ ކަމަށާއި މީގެ ތެރޭގައި އިންޑިއާގެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ވެސް އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި މިހަރަކާތުގައި ރާއްޖެއިން ބައިވެރިވާނީ ހުރަވީ މަނަވަރު ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

"ސްރީލަންކާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 2012 އިން ފެށިގެން، މިއީ އިންޑިއާ ކަނޑުގައި ހިނގާ އެންމެ ބޮޑު އެކްސަސައިޒް، އިންޑިއާ ކަނޑުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ހިންގާ އޮޕަރޭޝަންތަކެއް މިއީ،" ސަލީމް ވިދާޅުވި އެވެ.

މި ހަރަކާތުގައި ތިން ގައުމުން 200 އަށްވުރެ ގިނަ ސިފައިން ބައިވެރިވެ އެވެ. މި ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން، ސްރީލަންކާގެ ކޯސްޓްގާޑްގެ ޑިރެކްޓަރު ޖެނެރަލާއި އިންޑިއާގެ ކޯސްޓްގާޑްގެ ޑިރެކްޓަރު ޖެނެރަލާއި ރާއްޖޭގެ ކޯސްޓް ގާޑްގެ ޑިރެކްޓަރު ޖެނެެރަލް އަދި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ޕްރެސްގައި މޭޖާ ރިޒްމީ ވަލީދް ވިދާޅުވީ، ހަރަކާތްތައް ފެށޭނީ މާދަމާ ބާއްވާ ރަސްމިއްޔާތަކުން ކަމަށާއި އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާވެސް ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އަދި 27 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ހުޅުލޭގެ އިރުމަތީ ފަރާތުގައި މި އެކްސަސައިޒްގެ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށްދާނެ ކަމަށްވެސް ރިޒްމީ ވިދާޅުވި އެވެ.

ރިޒްމީ ވިދާޅުވީ، މި ޕްރޮގްރާމްގައި ތައްޔާރީތައް ކުރެވިގެންދާނީ ކަނޑުފޭރުމުގެ ހާދިސާތަކާއި މެރިޓާން ޕޮލީޝަނާއި ސާޗް އެންޑް ރެސްކިއުގެ ހަރަކާތްތަކަށް ރެސްޕޯންސް ކުރުމަށްޓަކައި ކުރެވެން ހުރި އެކްސަސައިޒްތައް ކަމަށެވެ. ހަރަކާތްތައް ބުދަ ދުވަހުގެ ހަވީރާއި ހަމައަށް ކުރިއަށްދާނެ ކަމަށާއި މައިގަނޑު ހަރަކާތްތައް ހިނގާނީ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މެންދުރުފަހާއި ހަމައަށް ކަމަށްވެސް ރިޒްމީ ވިދާޅުވި އެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.