ހަބަރު

މެމްބަރު ސައުދާއި، ހަނީފުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލައިފި

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ މަދަނީ މިންގަނޑުން ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމާ އެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މެމްބަރު ސައުދުގެ ވަކީލު އަލީ ޝާހު "އަވަސް" އަށް ވިދާޅުވީ އެ ދައުވާ އަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދައުލަތުން ހުށަހެޅި ދައުވާ އެއް ނޫން ކަމަށާއި، އެ މައްސަލަ އަކީ މަދަނީ މިންގަނޑުންވެސް ކުރިޔަށް ގެންދެވޭނެ ވަރުގެ ދައުވާއެއް ނޫން ކަމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ސައުދާއި ހަނީފްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އެމައްސަލައިގައި މީގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެދައުވާއަކީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މިންގަނޑަށް ފެތޭ ދައުވާއެއް ނޫން ކަން ހާމަ ކުރުމަށް ސައުދާއި ހަނީފުގެ ފަރާތުންވެސް ނުގުތާތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދައުވާ ސާބިތު ކުރަން އެއްވެސް ހެއްކެތް ހުށަހަޅާފައިނުވާ ކަމަށާއި، ހަމަ އެކަނި ހުށަހަޅާފައިވަނީ ދެމީހަކު ދައްކާފައިވާ ވާހަކަތަކެއް އެކަނިކަން ވަނީ ފާހަގަކޮށްފަ އެވެ.

ދައުވާ ބޭރުކޮށްލުމާ ގުޅިގެން ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން އޭނާގެ މައްޗަށް ކޮށްފައި ވަނީ،ލ އުފައްދާފައިވާ އަސްލެއްނެތް ޓެރަރިޒަމްގެ ސިޔާސީ ދައުވާއެއް ކަމަށެވެ.

ސައުދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލާފައިވާއިރު، ސައުދުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވީފަހުން ސްޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ނުގެއްލޭކަމަށް ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ގަވާއިދާ ހިލާފަށް ވަދެފައިވާ ކަމަށްބުނެ، އޭނާގެ މައްޗަށް ކުރި ދައުވާވެސް ޕީޖީއިން ވަނީ މިހާރު އަބުރާ ގެންގޮސްފަ އެވެ.