ހަބަރު

ގެވެށި އަނިޔާއާ ޖިންސީ ފުރައްސާރަކުރުމާއި ޖެންޑަ އިކުއަލިޓީގެ ގާނޫނު ތަންފީޒުކުރަންޖެހޭ: އެޗްއާރްސީއެމް

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ޖެންޑާ އިކުއަލިޓީގެ ގާނޫނު ތަންފީޒުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމް އިން ބުނެފި އެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ވަނީ، އެކޮމިޝަނަށް ހުށަހެޅޭ އަންހެނުންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި ޖިސްމާނީއާ ނަފްސާނީ އަދި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތަކާއި ރައްކާތެރިކުރުމުގެ އަމުރާ ހިލާފްވެގެން ހުށަހަޅާފައިހުރި މައްސަލަތައް ވެސް ހިމެނޭ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

"އެހެންކަމުން، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ޖެންޑާ އިކުއަލިޓީގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ، އަދި ގެވެށި އަނިޔާ ތަހަމަލް ކުރަމުންދާ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރަންޖެހޭ މަރުކަޒުތައް ގާއިމުކުރަން ޖެހޭ، ހަމައެހެންމެ، އަންހެނުންނާ މެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތަކާއި ކުރިއަށްދިއުމަށް އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ،" އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ނައްތާލުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކަމާ ގުޅޭ ކޮމިޓީއެއް ކޮންމެ މުއައްސަސާއެއްގައި އުފައްދަންޖެހޭ ކަމަށެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަރުދާނާ ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރަނީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަށެވެ. މިއަހަރުގެ ޝިއާރަކީ "އޮރެންޖް ދަ ވޯލް، ހިއާ މީޓޫ" އެވެ. ޝިއާރުގެ މައިގަނޑު އަމާޒަކީ އަނިޔާ ލިބިފައިވާ އަންހެނުންނަށް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ވާހަކަތައް ދެއްކުމުގެ ފުރުސަތު ދިނުމެވެ.