އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތައް ގިނަ ނަމަވެސް އެ މައްސަލަތަކުގެ ތެރެއިން ކަމާގުޅުންހުރި އިދާރާތަކަށް ރިޕޯޓުކޮށް، އެހީ ހޯދަނީ ފަސްބައިކުޅަ ދެބައި މީހުން ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން އާންމުކުރި 2021 ވަނަ އަހަރުގެ ރިޕޯޓުގައިވާ ގޮތުގައި، އަންހެނުނަށް ކުރާ މިފަދަ އަނިޔާތައް ރިޕޯޓުކުރުމަށް ފަސްޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ނިޒާމަށް އިތުބާރު ނުކުރެވުމާއި، ސިއްރު ނުހިފެހެއްޓުމާއި، އެމީހުންނަށް އޮންނަ ރައްކާތެރިކަން ކުޑަވުން ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީގައި ޝަކުވާ ހުށަހަޅަން ހަދާފައިވަނީ އެކަމަށް އެންމެ ފަސޭހަ ނިޒާމް ނޫން ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުންގެ ހައްގުތަކަށް ހުރަސް އެޅުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެ އެވެ. އަދި އަންހެނުނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެ އެވެ.
މީގެ އިތުރުން އަންހެނުން ބޭނުންކޮށްގެން ބަރަހަނާ ވީޑިއޯތައް ހެދުމާއި ސައިބާ ކްރައިމްގެ އަމަލުތައް ހިންގުން މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރުން މަދުވެފައިވަނީ، ރިޕޯޓުކުރާއިރު އެ އަންހެން މީހާ އަކީ ކުށްވެރިއެއް ކަމަށް ކަމާގުޅުން ހުރި އިދާރާތަކުން ދެކިދާނެތީ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރެވެނީ ވެސް ވަރަށް މަދު މައްސަލައެއްގައި ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން 2020ގެ ނިޔަލަށް އެފަދަ މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ފޮނުވީ 14 ޕަސެންޓް މައްސަލަ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން 2016 އިން 2019 ވަނަ އަހަރުގެ ނިޔަލަށް އަންހެނުންނަށް އަނިޔާކޮށްފައިވާ 60 މައްސަލައެއްގައި ދައުވާކޮށް، ޝަރީއަތް ހިންގާފައިވާއިރު ސާބިތުވީ އެންމެ 10 މައްސަލަ ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
"މިފަދަ މައްސަލަތަކުގައި ދައުވާކުރުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި، އާއިލާއިން ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އަނިޔާ ލިބުނު ފަރާތަށް ނުފޫޒު ފޯރުވައިގެން މައްސަލަ އަނބުރާ ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް، ވިޓްނެސް ޕްރޮޓެކްޝަން ބިލާއި ހެއްކާބެހޭ ބިލު ފަދަ ގާނޫނުތައް ވުޖޫދަށް އައުމުން މިފަދަ މައްސަލަތަކުގައި ދައުވާކުރާއިރު އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދުމަށް ފަސޭހަވެގެން ދާނެކަން ފާހަގަކުރެވެ އެވެ." މައްސަލަ ހައްލުކުރުމަށް ދީފައިވާ ލަފާގައިވެ އެވެ.