ހަބަރު

އަންހެނުންނާމެދު ތަފާތުކުރާ ތުހުމަތު ސިޔާސީ މީހުންނާއި މީޑިއާތަކަށް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް މުޖުތަމައުގެ ބައެއް ފަރާތްތަކާއި، ސިޔާސީ ބައެއް ފަރާތްތަކާއި، ހަބަރު ފަތުރާ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުންތައް ގެންގުޅަމުންދާތީ ހިތާމަކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނެފައިވަނީ މިއަދު ފާހަގަ ކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ އަންހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކޮށް، ގައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބާރުއަޅައި، އަންހެނުންނާމެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، ފަރުދީ އަދި ގައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލަށް ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން މުޖުތަމައުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް މި އިސްލާހާ ގުޅިގެން މުޖުތަމައުގެ ބައެއް ފަރާތްތަކާއި، ސިޔާސީ ބައެއް ފަރާތްތަކާއި، ހަބަރު ފަތުރާ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުންތައް ގެންގުޅަމުންދާތީ ހިތާމަކުރާ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައިވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ސިޔާސީ، އިގްތިސާދީ، އަދި އިޖްތިމާއީ ދާއިރާތަކުން އަންހެނުން ކުރިއެރުން ހޯދާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް މި ދާއިރާތަކުގައިވެސް އަންހެނުންނަށް ދިމާވާ ބޮޑެތި ގޮންޖެހުންވެސް އެބަހުރި ކަމަށެވެ. އަދި ވަޒީފާ ދިނުމުގައި މިންތީގެ ތަފާތުކުރުންތައް ނެތްނަމަވެސް ވަޒީފާ އަދާކުރުމުގައި އަންހެނުންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. މީގެ އިތުރުންވެސް ތައުލީމު ހާސިލްކޮށްފައިތިބި ގާބިލު އަންހެނުންތިބި ކަމުގައިވީނަމަވެސް މުޖުތަމައުގެ ބައެއް ގަބޫލުކުރުންތަކާހެދި ވަަޒީފާ އަދާކުރުމަށް ގޮންޖެހުންތައް ހުރި ކަމަށްވެސް ބަޔާނުގައި ބުނެ އެވެ.

ސިޔާސީ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ޖެންޑާ އިކުއިލިޓީ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، މިގާނޫނު އެންމެ ފުރިހަމަޔަށް ތަންފީޒު ކުރުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފަ އެވެ. އަދި ސިޔާސީ މައިދާނުގައްޔާއި ގައުމު ތަރއްގީ ކުރުމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މީޑިއާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައިނަލް އަގްވާމީ އަންހެނުން ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން މިންތީގެ ހަމަަހަމަކަން ހާސިލުކުރުމަށް ކުރާ މަސައްކަތްތަކުގައި ހުރިހާ އުމުރެއްގެ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޖީލުތަކުގެ މެދުގައި ފަރަގު ކުޑަކުރުމުގެ މައްޗަށެވެ.