ހަބަރު

ސިފައިންގެ ސެނެހިޔާ ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމައިފި

ސިފައިންގެ ކުލިނިކްގެ ގޮތުގައި މިހާރު އޮޕަރޭޓް ކުރާ ސެނެހިޔާ، ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމައިފި އެވެ. އެކަމަށްޓަކައި ސެނެހިޔާގައި މިއަދު ވަނީ އޮޕަރޭޝަން ތިއޭޓަރަކާއި، ޖެނެރަލް ވޯޑެއްވެސް ހުޅުވާފަ އެވެ.

ސެނަހިޔާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ވޯޑާއި އޮޕަރޭޝަން ތިއޭޓާ ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި މާރިޔާ ވަނީ އަންނަ މަހުގެ ތެރޭގައި ސެނެހިޔާއަށް ހޮސްޕިޓަލެއްގެ ދަރަޖަ ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ވަރަށް އުފާވެރި ޙަބަރެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ޖެނެރަލް ހުރިހާ އޮޕަރޭޝަނެއް ކުރެވޭ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރު ހުޅުވުމާއެކު އެ އޮޕަރޭޝަން ތިއޭޓަރުގައި އެންމެ ފުރަތަމަ ކުރާ އޮޕަރޭޝަންގެ ގޮތުގައި ހިތާނީ ކޭމްޕެއް ބާއްވައި، ސިފައިންގެ މީހުންގެ ދަރިން ހިތާނުކޮށްދޭން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ފަސް ކުދިން ހިތާނު ކުރުމަށް ހަމަޖެހިފައިވާއިރު މި ކުދިން ހިތާނު ކުރުމަށް ހަމަޖެހިފައިވަނީ ސެނަހިޔާ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ފަސްޓް ލެފްޓިނަންޓް ޑރ. މައުމޫން އާސިމް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ސެނެހިޔާ ޖެނެރަލް ވޯޑްގައި 10 އެނދު އަދި އައިސީޔޫގައި 2 އެނދު ހުންނާނެ ކަމަށެވެ. އަދި އޮބްޒަވޭޝަން ރޫމްގައި ހަތަރު އެނދު ހުންނާނެ ކަމަށެވެ. އާޒިމް އިތުރަށް ވިދާޅުވީ ސެނަހިޔާއިން، އެކްސްރޭގެ ހިދުމަތާއި، ލެބޯޓަރީ އަދި ފާމަސީގެ ހިދުމަތްވެސް ދެމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، ސެނެހިޔާއިން އާސަންދަ ލިބޭނެ ކަމަށާއި، އެތަން އާމުންނަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.