ރިޕޯޓް

އާ ސަރުކާރުން ގެނެސްދޭ ބޮޑު އުއްމީދާއި ނާއުއްމީދު

ރައީސް ކަމުގެ މަގާމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވިތާ އަދި މިވީ ބަރާބަރު 10 ދުވަހެވެ. އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވައި އެކުލަވާލެއްވި ސަރުކާރާ މެދު ރައްޔިތުންގެ އުއްމީދުތައް ހުރީ ވަރަށް ވެސް މަތީގަ އެވެ. ސަބަބަކަށް ވީ ރައީސް ޔާމީންގެ ސަރުކާރުން ކަންކުރަމުން ދިޔަ ގޮތްތައް ބަދަލު ކުރަން އެންމެން ވެސް ބޭނުންވެފައި ތިބީ އެވެ. އެކަހަލަ ގޮތްނޭނގޭ ސަރުކާރަކަށް އިބޫގެ ސަރުކާރު ވާން ބޭނުން ނުވަނީ އެވެ. އެއް ބަޔަކަށް މި ސަރުކާރުން މިހާތަނަށް ގެނެސްދިނީ އުމްމީދުގެ ކުލަވަރުތަކެވެ. އަނެއް ބަޔަކު އަދި ބުނަނީ އެއްޗެއް ބުނަން މާ އަވަސް ކަމަށެވެ.

"އަޅުގަނޑު މެންނަކަށް ނުފެނޭ ފަހުގެ ތާރީހެއްގައި ހަމަ އެންމެ ފުރަތަމަ ހަފްތާގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ޖަލަށް ވަޑައިގެން ޖަލުގެ ހާލަތު ބައްލަވާ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވި އެއްވެސް ރައީސަކު ނުހުންނާނެ. އަޅުގަނޑު މެންނަކަށް ނުފެނޭ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އެއީ ރަނގަޅު ފާލެއް ކަމަށް." ޖުމްހޫރީ ޕާޓީން ބޭއްވި ރަސްމިއްޔާތެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އޭނާގެ ހިޔާލު ފާޅުކުރެއްވި އެވެ.

އެއީ ތެދެކެވެ! ރައީސް ސޯލިހު އަސްލުވެސް ތަފާތެވެ. ޖަލަށް ވަޑައިގެން ޖަލުގެ ހާލަތު ބައްލަވައިިފި އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގަތް ގިނަ ކަންކަން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރައްވާ ތަފާތު ދައްކުވައިދީފި އެވެ. ސިޔާސީ ގޮތުން ހަތުރުންގެ ގޮތުގައި ތިބި އެކި ފިކުރާއި، ހިޔާލުތަކުގެ ލީޑަރުންތަކެއް އެއްގަލަކަށް އަރުވައި ރައްޔިތުންނަށް އުމްމީދުތަކެއް ގެނުވައިދީފި އެވެ. ރައްޔިތުންނަށް ތަކުލީފަކަށް ވެފައިހުރި ގިނަ ކަންތައްތަކަށް ހައްލު ހޯދައި ދެއްވަން ފައްޓަވައިފި އެވެ. ވެރިކަން ލިބިއްޖެ ނަމަ ވެވަޑައިގަންނަވާނީ "އެންމެހާ ރައްޔިތުންގެ މީހަކަށް" ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަމުން އެބަގެންދަވަ އެވެ. ރައްޔިތުންގެ ލޯބި ލިބިފައިވާ ސިޔާސީ ލީޑަރުން ދަނީ ވައުދާއި އެއްގޮތަށް މިނިވަން ވެސް ވަމުންނެވެ. އެހެން ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ނުވެ، ކަރެކްޝަނުން އެމަނިކުފާނު ހައްޔަރު ކޮށްފައި ވާތީ އެ ޝަކުވާ ވެސް އެބައޮތެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ "ހަނީމޫން" ދުވަސްވަރަށްވީ ނަމަވެސް އެމަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންވެސް މިވަނީ ތަފާތު ދައްކަވަން ފައްޓަވާފަ އެވެ. ރެކޯޑް އަދަދަކަށް އަންހެން ބޭފުޅުން ކެބިނެޓްގައި ހިމެނުއްވި އެވެ. ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ބެލުމުގެ ދަށުން ވެރިކަމުގެ ފުރަތަމަ ދެ ދުވަހު އޮތީ ދުޅަހެޔޮ ހަށިހެޔޮ އީދެވެ. ކުޅިވަރުގެ އެ އީދުގައި ކުދި ބޮޑު އެންމެން ބައިވެރިވި އެވެ. ސިޔާސީ ބޭފުޅުން ކުޅިވަރުގެ ތެރެއަށް ގެންދެވި އެވެ. އެންމެ ފުރަތަމަ ވެސް މަހުލޫފު ބައްދަލު ކުރެއްވީ ޔޫތު މިނިސްޓްރީގެ މަސައްކަތު މިހުންނާ އެވެ. އެވެސް ތަފާތެކެވެ.

ރައީސް ސޯލިހު ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް މިވަނީ މަގުތަކުގެ ހާލަތު ބެއްލެވުމަށް މަގުމައްޗަށް ނިކުމެވަޑައިގެންފަ އެވެ. ކަނޑު ދަތުރު ކުރާ ބޯޓްފަހަރަށްވެސް ފިލާތަށް ހުރަސްކުރައްވާ އެރުއްވި އެވެ. ހައުސިން މިިނިސްޓަރު އާތިފާ ޝަކޫރުވެސް މަގާމާއި ހަވާލުވި ދުވަހުގެ ޖެހިގެން އައިދުވަހު އުޅުއްވީ ހައުސިން މަޝްރޫއުތައް ހިނގަމުންދާގޮތް ބެއްލެވުމުގައި ސައިޓްތަކުގައި އަވަދިނެތި އެވެ. ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެންމެ ފުރަތަމަވެސް ވަޑައިގަތީ ގެސްޓްހައުސް ވިޔަފާރީގެ މައި ހަބު މާފުއްޓަށެވެ.

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އަވަސްވެގަތީ ރާއްޖޭގެ ޒަމާންވީ "ދޯސްތު" ނުވަތަ އެކުވެރި އިންޑިއާއާއި އޮތް ގުޅުން ރަނގަޅު ކުރެއްވުމަށެވެ. ހެލްތު މިިނިސްޓަރު އަބުދުﷲ އަމީން ބެއްލެވީ އައިޖީއެމްއާއި އޭޑީކޭ ހޮސްޕިޓަލުގެ ހާލަތެވެ. އެއަށް ފަހު ދާއިރާގެ މީހުންނާ އެކު ވަށް މޭޒު ޖަލްސާތައް ގެންދަވަނީ ބާއްވަމުން އެވެ. ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބުދުﷲ ބެއްލެވީ ޖަލުތަކުގެ ހާލަތެެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މި ވަގުތުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިފައިންނާއި ދޭތެރޭ ރައްޔިތުންގެ ތަސައްވަރު ރަނގަޅު ކުރެއްވުމަށެވެ. ދެން ތިއްބެވި މިނިސްޓަރުންވެސް އުޅުއްވަނީ އެ ބައެއްގެ ދާއިރާތަކުން ކުރަން ހުރި ކަންކަން ބަލާ އެކަންކަން ކުރުމުގައި އަވަދިނެތި އެވެ.

ދެން ފެނިގެންދިޔައީ މިއިން ޒަމާނެއްގައި ވަޒީރުންގެ ކިބައިން ފެނިފައިނުވާ ކަހަލަ މަންޒަރުތަކެކެވެ. މީގެ ކުރިން އޮތް ސަގާފަތަކީ ވަޒީރަކާއި ހަމަޔަށް އާންމު ރައްޔިތަކަށް ނުވަތަ އެ ރައްޔިތު މީހާގެ ބަހެއްވެސް ވާސިލްވަނީ ސިޓީބިޓީއިން ކަމެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގެ ވަޒީރުންނަކީ އެންމެ އާދައިގެ މީހާގެ ވާހަކަވެސް އަޑުއަހައި، އެމީހާ ބޭނުންވާނެ ކަންތައްކޮށްދޭނެ ބައެއްކަން ހާމަވެގެން މިިދިޔައީ ސަރުކާރުގެ ދެ ވަޒީރަކާއި ހަމަޔަށް ދިޔަ ދެ ޓުވީޓަކަށް ޖަވާބު ދެއްވާ އެއަށް އިޖާބަ ދެއްވުމުންނެވެ.

ޓުވީޓަކުން ވަޒީރާއި ހަމަޔަށް ވާސިލް ވެވުނީއެވެ. ޓުވިޓާގައި މީޙަކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޓެގްކުރައްވައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ގަޑި އިތުރު ކުރަންޖެހޭ ކަމަށް ވިދާޅުވުމުން މާރިޔާ ވަނީ އެކަމަށް އިޖާބަ ދެއްވައި، ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނަ ގަޑިތަށް އިތުރުކޮށްދީފަ އެވެ.

މާރިޔާ ކުޑަކުދިންގެ ބަގީޗާއާއި ގުޅިގެން ކުރެއްވި ޓުވީޓް

ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފު ޓެގް ކޮށް މީހަކު ޓުވިޓާއިން ޝަކުވާއެއް ހުށަހެޅިއެވެ. އެ ޝަކުވާއަކީ މާލޭގައި ޕާކިންގެމައްސަލަ އެހާ ބޮޑު އިރުވެސް، މަހުލޫފުގެ ކާރު ބާއްވަން ޕްރައިވެޓް ޒޯނެއް ހަދާފައި ބޭއްވުމެވެ. އެ ޝަކުވާއާއި ގުޅިގެން މަހުލޫފު ވަނީ ހައުސިން މިނިސްޓްރީއާއި ވާހަކަ ދައްކައިގެން އެކަން ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަހުލޫފު ކުރެއްވި ޓުވީޓް.

މިކަންކަން މިހެން ހުރުމުން، ރައީސް ސޯލިހުއާއި، އެމަނިކުފާނުގެ ވަޒީރުންނަށް ހިފެހެއްޓުމެއްނެތް ތައުރީފް ސޯޝަލް މީޑިއާގައި ދަނީ އޮހެމުންނެވެ. މި ހުރިހާ ކަމަކުންވެސް މި ފެންނަނީ ހެޔޮ ވެރިކަމަކަށް އެދި އެދި ތިބި ރަައްޔިތުންގެ އުމްމީދުތަކުގައި ކުލަ ޖެހެމުންދާ މަންޒަރެވެ. ރައީސް ސޯލިހުއާއި، ވަޒީރުންގެ ތަފާތުފެނި ރައްޔިތުން ތިބީ ހިތްހަމަޖެހިފައެވެ. އެ ހިތްހަމަޖެހުމާއެކު ބިރެެއްވެސް ރައްޔިތުންގެ ހިތްތަކުގައި މިހާރު އުފެދެމުން އެބައާދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ކޯލިޝަން ރޫޅި ސަރުކާރުގެ ވަޒީރުންނާއި، ރައީސް ސޯލިހު މިދައްކަމުން އަންނަ ތަފާތު އުމްމީދީ މަންޒަރުތަކަށް ނިމުމެއް އަތުވެދާނެ ކަމުގެ ބިރެވެ. މީގެ އިތުރުން ބައެއް ކެބިނެޓް މިނިސްޓަރުންނާ މެދު އާންމުން ތިބީ އެހާ ހިތްހަމަ ޖެހިގެނެއް ނޫނެވެ. އަދި މިފަހުން އެމްޑީޕީ އެކްޓިވިސްޓް ސްމިތް ހައްޔަރުކޮށް ދޫކޮށްލި މައްސަލަ އާއި ވަކި ބަޔަކަށް ވަޒީފާ ދޭނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީހުގެ މެންބަރުންނާއި އިސް ބޭފުޅުންތަކެއް ވިދާޅުވުމުން އެ ނުތަނަވަސްކަން އާންމުންގެ މެދުގައި އެބަ އޮތެވެ. އެކަންކަމާ މެދު ހިތްހަމަ ނުޖެހި ތިބި އާންމުން ބުނާ ގޮތުން، ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރީ އެ އުސޫލުތަކާ ދެކޮޅުވީމަ އެވެ. އެހެން ނަމަވެސް، އެ އުސޫލުތައް އަނެއްކާ ވެސް ފެނިގެން ދިޔުމަށް އާންމުން ތިބީ ދޫކުރާކަށް ނޫނެވެ. އެ މީހުން ތިބީ ފާޑުކިޔައިގެން އަޑު އުފުލައިގެން ކަންކަން އިސްލާހު ކުރުމުގެ ރޫހުގަ އެވެ.

އެ ނުތަނަވަސްކަން ހިތުން ފިލުވުމަށްޓަކައި ލީޑަރުންނާއި، ރައީސް ސޯލިހުއާއި، ވަޒީރުން ގިނަ މަސައްކަތްތަކެއް މިވަނީ ކޮށްދޭން ޖެހިފަ އެވެ. ފަސް އަހަރަށް ފަހު ރައްޔިތުންގެ ހިތްތަކަށް ތަސައްލީއާއި ފިނިކަމެއް ގެނުވި އުމްމީދުގެ ހުޅުކޮޅު ރަނގަޅަށް ރޯވުމުގެ ކުރިން ނިވިދާނެ ކަމުގެ ބިރު ރައްޔިތުންގެ ހިތްތަކުން ފިލުވާލަދޭން އެބަޖެހެ އެވެ. އެ މަސައްކަތް ނުކުރެވިއްޖެ ނަމަ، މި ސަރުކާރުން ވެސް ރައްޔިތުންނަށް ގެނެސްދޭނީ ނާއުއްމީދެވެ.