ކުޅިވަރު

ވިކްޓްރީ މެޗަށް ދާނެ، އެކަމަކު ކުޅުންތެރިން ހަމަވާނެތަ؟

ދިވެހި ޕްރިމިއާ ލީގްގައި މިރޭ، ފ. ނިލަންދުއާ ދެކޮޅަށް ކުޅޭ މެޗަށްވެސް ކުޅުންތެރިން ދަނޑަށް ދާނެ ކަމަށާއި ނަމަވެސް ޓީމު ހަމަވާނެ ކަމަގެ ޔަގީން ކަމެއް ނެތް ކަމަށް ވިކްޓަރީގެ އޮފިޝަލަކު ބުނެފި އެވެ.

އޮފިޝަލް ބުނީ މިރޭގެ މެޗު ކުޅެދިނުމަށް، ކުޅުންތެރިންގެ ގާތުން އެދިފައިވާނެ ކަމަށާއި ސީނިއާ ކުޅުންތެރިން މެޗަށް ހާޒިރުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ ފަސް މަސް ވެއްޖެ އެވެ. ޓީމުން ވަނީ ޕްރެކްޓިސް ކުރުންވެސް ހުއްޓާލާފަ އެވެ.

"ގައިމުވެސް އަހަރެމެން މެޗަށް ދާނެ، ކެޕްޓަން [ސާފިއު އަހްމަދު 'ޝާފީ'] ވެސް އެދިފަ އޮތީ މެޗަށް ގޮސްދޭން،" ވާހަކަ ދެއްކި ކުޅުންތެރިޔަކު ބުންޏެވެ. "ޓީމު ހަމަވާނެހޭ، ހަމަ އެއްގޮތަކަށްވެސް ބުނާކަށް ނޭންގެ."

ޓީމުގެ ޖެނަރަލް ސެކެޓްރީ އާއި މެނޭޖަރަށް ގުޅުމުންވެސް އެއިން އެއްވެސް ފަރާތަކުން ފޯނަށް ޖަވާބެއް ނުދެ އެވެ.

މިދިޔަ ހަފުތާގައި، އީގަލްސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުވެސް ވިކްޓަރީން ނުކުޅެ އެވެ. އެ މެޗުވެސް އެ ޓީމުން ނުކުޅުނީ ޓީމު ހަމަނުވުމުންނެވެ. އެއީ ދިވެހި ލީގްގައި އެ ޓީމުން މެޗެއް ނުކުޅެ ދޫކޮށްލި ދެ ވަނަ ފަހަރެވެ. އެ ޓީމުގެ އެހެން އޮފިޝަލަކު އޭރު ބުނީ އެ މެޗަށް ޓީމު ހަމަ ނުވީ އަނިޔާ އާއި ކާޑު ހަމަވުމުން ސަސްޕެންޝަނާ ހެދި ކުޅުންތެރިން ނުކުޅެވުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ކުޅުންތެރިން ހާޒިރުވި ދަނޑަށް، ނަމަވެސް ޓީމު ހަމަ ނުވީ،" އޮފިޝަލް ބުންޏެވެ. "ކާޑު ހަމަވުމާއި ބައެއް ކުޅުންތެރިން އިންޖަރީގައި ތިބުންވެސް ޓިމު ހަމަ ނުވުމުގެ ސަބަބުގައި ހިމެނޭ، އަޅުގަނޑުމެންގެ ސުކޮޑްގައި މިތިބީ 14 ކުޅުންތެރިން، 11 ކުޅުންތެރިން ހަމަ ނުވީ މިއަދު،"

ފުރަތަމަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓަރީން ހާޒިރު ވެފައެއް ނުވެ އެވެ. އެ މެޗަށް އެ ޓީމުން ހާޒިރު ނުވީ އޭރު ކުލަބުގެ ލީޑާޝިޕްގައި ތިއްބެވި ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފްގެ އެއްބާރުލުން ނުލިބިގެން ކަމަށް ބޯޑު މެންބަރަކު ބުނެފައި ވެއެވެ.

އޭގެ ފަހުން ޗެއާމަން މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން އަލީ އާރިފް ވަނީ ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދީފަ އެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ވަނީ، މިދިޔަ ހަތަރު ސީޒަންގައި ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. ހާއްސަކޮށް މި އަހަރު އެ ޓީމަށް ކުރިމަތި ވެފައި އޮތީ ރާއްޖޭގެ ފުޓްބޯޅައިގައި ކުލަބެއް ނުވެއްޓޭހާ އުނގޫ ހާލަތަކަށެވެ..