ހަބަރު

350-250 މިލިއަން ޑޮލަރުގެ އެހީއަކަށް ރާއްޖެއިން އިންޑިއާގައި އެދިއްޖެ

Nov 26, 2018
19

ބަޖެޓުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން 350-250 މިލިއަން ޑޮލަރުގެ އެހީއެއް ހޯދުމަށް ރާއްޖެއިން އިންޑިޔާގެ ކިބައިން އެދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ސްޓްރެޓަޖިން ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ދިވެހި ދައުލަތުގެ ބަޖެޓުގައި ތާށި ކަމެއް އުޅޭ ކަމަށާއި އޭގެ ސަބަބުން ގައުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ބަޖެޓުގެ މައްސަލަތައް ހައްލު ކުރުމަށް 250-350 މިލިއަން ޑޮލަރުގެ އެހީއެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކާ މިއަދު ބައްދަލުވާ އިރު އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިޔާގެ ޕްރައިމް މިނިސްޓަރު މޯދީ ވަޑައިގަތުމުން އެމަނިކުފާނުގެ އަރިހުގައި ވެސް ވާނީ އެ ވާހަކަ ދަންނަވާފައި، އަޅުގަނޑުމެން އުންމީދު ކުރަނީ އަނެއްކާވެސް އިންޑިޔާގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ސަރުކާރާ ހަވާލުވީ އުމްރާނީ ތަރައްގީގެ ގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށާއި އެ ވައުދުތައް ފުއްދަދޭން ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ ވައުދުތައް ފުއްދެން އޮތީ އިންޑިޔާ އާއި އެހެން ގައުމުތަކުގެ ދީލަތި އެހީއާއެކުގައި ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އަދި ޗައިނާއަށް ވެސް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ޝާހިދު ވިދާާޅުވި އެވެ.