ހަބަރު

އައްޑޫ ފުލުސް ކޮލެޖަށް ހަ މިލިއަންގެ ބަޖެޓުގައި

Nov 12, 2020

އައްޑޫގައި ގާއިމް ކުރާ ފުލުހުންގެ ކޮލެޖަށް ހަ މިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ އާ ޕްރޮގްރާމްތަކުގެ ތެރެއިން އައްޑޫގައި ގާއިމް ކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އަށް 6،480،000 ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. 2022 އަށް ހަތަރު މިލިއަން އަދި 2023 އަށް އެއް މިލިއަން ވަނީ ލަފާ ކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރު ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ ދެވަނަ ފިޔަވަހި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކޮމިޝަނާ އޮފް ޕޮލިސް ވަނީ އައްޑޫގައި ގާއިމު ކުރާ ކޮލެޖު އަންނަ އަހަރު ނިމުމުން ފުލުހުން ތަމްރީނު ކުރުމަށް ޒަމާނީ ވަސީލަތްތަކާއެކު ދެ މަރުކަޒު ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި، މި ދެ މަރުކަޒުން ޕޮލިސިން ދާއިރާއިން ފުލުހުންނަށް ބޭނުންވާ ހުރިހާ ތަމްރީނުތައް ދެވިގެންދާނެކަމަށް ވިދާޅުވި އެވެ.

މި މަރުކަޒުތައް ގާއިމް ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

މަރުކަޒުތައް އިންޑިއާ ސަރުކާރުގެ ދަށުން ގާއިމް ކުރުމަށް ނިންމުމުން ސަރުކާރަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އިންޑިއާގެ ފުލުހުން ރާއްޖެ ގެނެސް އެ މަރުކަޒުތަކުގައި ތަމްރީނު ކުރާނެ ކަމުގެ ތުހުމަތުތައް ކުރެ އެވެ.

އިންޑިއާ އަކީ ފުލުހުން ތަމްރީނުކުރަން އަހަމިއްޔަތުކަމެއް ދިން އެއް ގައުމުކަން ފާހަގަކުރައްވާ ކޮމިޝަނާ ވަނީ ފުލުހުން ތަމްރީނުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރާތީ އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަން ވަނީ ފާހަގަކޮށްފަ އެވެ.